އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމަށާއި، އެމަނިކުފާނާއި ދިވެހި ސަރުކާރަކާއި ގުޅުމެއް ނެތް ކަމަށް މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ނިޒާމީ ނުކުތާއެއް ނަންގަވައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

މިއަދު ކުރިއަށްދާ ޖަލްސާގައި ފިނޭންސް މިނިސްޓަރު، މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ގެންދަވަނިކޮށް މަޖިލިސް ރައީސް ވަނީ އެމަނިކުފާނުގެ އާދައިގެ މަތިން މެންބަރަކު ވާހަކަ ދައްކައި ނިމުމުން އިތުރު ފުރުޞަތެއް އެހެން މެންބަރަކަށް އެރުވުމުގެ ކުރީން ވާހަކަ ފުޅު ދައްކަވާފައިއެވެ.

މިގޮތުން މެންބަރު ސައީދުގެ ސުވާލު މަޖިލިސް ރައީސަށް އަމާޒު ކުރެއްވީ ރާއްޖެއާ ޗައިނާއާއި ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅިގެން މަޖިލިސް ރައީސް ދެއްކެވި ވާހަކަފުޅަށެވެ.

''އަޅުގަނޑު ސާފުކޮށްލަން ވަރަށް ޖެނުއިންކޮށް ބޭނުންވެގެން މިއުޅެނީ، އިއްޒަތްތެރި ރައީސް ދާދި ދެންމެއަކު ތިހެއްދެވި ސްޓޭޓްމަންޓަކީ އިއްޒަތްތެރި ރައީސްގެ ސްޓޭޓްމަންޓެއްތޯ ނުވަތަ ދިވެހި ސަރުކާރުގެ ސްޓޭޓްމަންޓެއްތޯ'' މެންބަރު ސައީދު ކުރެއްވި ސުވާލުގައި ވިދާޅުވިއެވެ.

ޖަވާބުގައި މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވީ އިއްޒަތްތެރި މެންބަރަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ވަރަށްބޮޑަށް ސާފުވާނެ ކަމަށެވެ.

''އަޅުގަނޑަކީ މީ ރައްޔިތުންގެ މަޖިލިސްގެ ރައީސް، އަޅުގަނޑަކާއި ދިވެހި ސަރުކާރަކާއި ގުޅުމެއް ނެތްކަން، އަޅުގަނޑާ ސަރުކާރާ ގުޅުން ވަނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް ވާތީވެ އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ތާއިދުކުރާ، އަޅުގަނޑު މަދަދުދޭ ސަރުކާރެއް މިވަގުތު އޮތީ. އެހެންނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން."

މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ހިތްޕުޅާއިނުވެ އެކި ގްރޫޕްތަކުގައި ދަށްކަވާފައިވާ ވާހަކަތައް ހިމެނޭ ޗެޓް ލޮގްތަށް ދޭތެރެ ދޭތެރެއިން މީސް މީޑިއާއަށް ދަނީ ތިލަވަމުންނެވެ. އަދި މިސަރުކާރުގެ ނުފޫޒު ގަދަ ކަމަށް ކިޔައިއުޅޭ އެމްޑީޕީއަށްވެސް ނިސްބަތްވާ ވަޒީރެއް ކަމަށްވާ އިކޮނޮމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަން މަސައްކަތް ކުރެއްވިކަމަށް ވަނީ އަޑު ފެތުރިފަައިއެވެ.