ޤައުމެއް ކުރިއަރާ ތަހުޒީބުވުމުގެ އެންމެ ބޮޑު އެއް އަސާސަކީ ތަޢުލީމާއި ތަރުބިއްޔަތެވެ. އަޅުގަނޑުމެން އިންސާނުން ޖާހިލިއްޔަތުގެ މަގުން އަލި މަގަކަށް ގެނެސް ދެއްވީވެސް ތަޢުލީމާއި ހެޔޮ ތަރުބިއްޔަތުގެ ޒަރިއްޔާއިންނެވެ. އެގޮތުން މި ދެންނެވި ދެ ކަންތައް އެންމެ ފުރިހަމަގޮތުގައި އެއިރަކު އޮންނަ ޖީލަކަށް ފޯރުކޮށްދިނުމުގެ އެންމެ ބޮޑު އަދި އެންމެ ބުރަ މަސައްކަތެއް ކުރަށްވާ ބަޔަކީ އެދުރުންނެވެ. ނުވަތަ މުދައްރިސުންނެވެ.

ރެއާއި ދުވާލު ވަރުބަލިކަމެއް ނެތި އެދުރުން އަންނަނީ، ޤައުމަށް އުޖާލާ އާރޯޝަންކަން ގެނެސްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަށްވަމުންނެވެ. އެއީވެސް އެދުރުންގެ އަމިއްލަ ދަރިންނަށް ދޭފަދަ ލޯބި ދަރިވަރުންނަށް ދީގެންނެވެ.

Ad
rt

ކޮންމެ އަހަރެއްގެ އޮކްޓޯބަރު ފަސްވަނަ ދުވަސް ދުނިޔޭގެ އެދުރުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާއިރު، އެދުރުންގެ އަގު ވަޒަންކުރުމަކީ އަޅުގަނޑުމެން ހަމަކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމެކެވެ.

އެގޮތުން މިއަހަރުގެ އެދުރުންގެ ދުވަސް އަޅުގަނޑުމެންނާއި ފަސްދީ ދިޔަ ނަމަވެސް ތިލަދުންމަތީގެ ރަށަކަށް އުފަން ވަރަށް ހަރުދަނާ އަދި ހަމަ އެހެންމެ ރާއްޖޭގެ ވަރަށް ގިނަބައެއްގެ ލޯބި ހޯދާފައިވާ، ޤައުމީ ފެންވަރުގައި ދަރިވަރުންނަށް އުނގަންނައިދިނުމުގެ ބުރަ މަސައްކަތް ކުރަމުން އަންނަ އެދުރެއްގެ ޚިދުމަތުން ތަންކޮޅެއް ހިއްސާ ކޮށްލާނަމެވެ.

ދައްކަން މިއުޅެނީ ހދ. ނޭކުރެންދޫ އަށް އުފަން ޤާސިމް މުޙައްމަދު (ގާބެ ސާރ)ގެ މިންނެތް ޚިދުމަތުގެ ވާހަކައެވެ. ގާބެ ސާރގެ ޚިދުމަތްތައް ނުހަނު ގިނަ ގުނައެވެ. ދެތިން ޞަފްޙާއިން އެ ޚިދުމަތްތަށް ބަޔާން ކުރުމަކީ ޚިދުމަތުން މުހިންމު އެތަށް ވާހަކައެއް އުނިވެގެން ދާނެ ކަމެކެވެ. އެހެން ނަމަވެސް ވީހާވެސް ކުރުކޮށް އެ ޚިދުމަތުގެ މަށްޗަށް އަލިއަޅުވައިލާނަމެވެ. ކުޑަކޮށް ދިގުވި ނަމަވެސް ވިދާޅުވަމުން ގެންދަވާށެވެ. މިއީ ނަމޫނާ އެދުރެއްގެ ވާހަކައެވެ. ދަސްކޮށް، ބޭނުން ހިފޭނެ އެތަށް ކަމެއް މިވާހަކަތަކުގެ ތެރެއަށް ދޫވެގެން ދާނެއެވެ.

1974 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 08 ވީ ބުދަ ދުވަހު އުފަންވެ ވަޑައިގެންނެވި ގާބެ ސާރއަކީ "އިސްލާމް" މާއްދާއިން ދަރިވަރުން އެސްއެސްސީ އިމްތިޙާނު ފަދަ ބޮޑެތި އިމްތިހާނު ތަކަށް ތައްޔާރު ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގެ، އެކިރަށްރަށުގައި އެތައްސަތޭކަ ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ބުރަ މަސައްކަތް ކޮށްދެއްވާފައިވާ ލާމަސީލު ނަމޫނާއެކެވެ.

ގާބެ ސާރ އުނގެނުމަށް ކުރެއްވި ދަތުރު، އުނދަގޫ ދަތި ދަތުރެއް

ގާބެ ސާރގެ ތައުލީމީ ހަޔާތުގެ އެންމެ ފުރަތަމަ ބިންގާ އެޅިގެންއައީ އުފަން ރަށް ކަމަށްވާ ހދ. ނޭކުރެންދޫ މަދަރުސާއިންނެވެ. މި މަދަރަސާއިން ގާބެ ސާރ ވަނީ ގުރޭޑް 5 އާއި ހަމައަށް އުނގެނިފަ އެވެ. އެއަށްފަހު އިތުރަށް ކިޔެވުމަށް މާލެ ފައިބާ ޢާލިޔާ ސްކޫލުން ކިޔަވަމުން ޚާއްޞަ ޓިއުޝަން ކްލާހަކަށް ދިޔަ އެވެ.

"މާލޭގަ ކިޔަވަން އުޅުނު ބައެއްދުވަސްވަރު އުޅުނީ ފަޅުގައި އަޅާފައި ހުންނަ އޮޑިދޯނި ފަހަރުގަ ނިދައިގެން. ބައެއްފަހަރު ހުންނާނެ ކުލާސް ތެރޭގައިވެސް ނިދާފައި. އެއީ ވަރަށް ހާލުގަ އުޅުނު ދުވަސްތަކެއް އަސްލު."

މާލެއަށް ގޮސް އުނގެނުމުގެ މަސައްކަތް ކުރަމުން ދިޔައިރު ދިމާވި ގޮންޖެހުންތަކުގެ ވާހަކަ ހިއްސާ ކުރަމުން ގާބެ ސާރ ކިޔައިދިނެވެ.

ކިތަންމެ ހާލެއްގައި އުޅެގެން ކިޔަވަން ޖެހުނު ކަމުގައިވިޔަސް، އުނގެނުމަށް ހުރި ލޯތްބަކަށް ކުޑަކޮށް ވެސް އުނިކަމެއް ނާދެއެވެ. މާލޭގެ މި ދެންނެވި ސުކޫލުން އަސާސީ ތައުލީމް ފުރިހަމަ ކުރެއްވުމަށްފަހު ޕްރައިމަރީ ޓީޗިންގ ނިންމާލެވުނީ 1997 ވަނަ އަހަރު އެވެ.

މި ކޯހުގެވެސް ބޮޑު ބައެއް ނިންމާފައި ވަނީ ވަރަށް ހާލުގައި އުޅެމުންނެވެ. އެގޮތުން ގިނަވަގުތު ހޭދަކޮށްފައިވާނީ މަގުމަތީގައިކަން ގާބެ ސާރ ފާހަގަ ކުރެއްވިއެވެ.

އެއަށްފަހު 2007 ވަނަ އަހަރު ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ އިން އިސްލާމް ޓީޗިން އިން ޑިޕްލޮމާ ފުރިހަމަކުރެއްވިއެވެ. އޭގެ ފަހުން 2011 އިން 2012 އަށް ޤައުމީ ޔުނިވާރސިޓީން ބެޗްލާރސް އޮފް ޓީޗިން އިސްލާމް ވިތް އޮނާރސް ފުރިހަމަ ކުރަށްވާފައިވާއިރު، 2013 އިން 2014 އަށް ހޭދަކުރެއްވީ ވިލާ ކޮލެޖްގައި މާސްޓާރސް އޮފް ޝަރީޢާ ފުރިހަމަ ކުރެއްވުމުގައި އެވެ.

ގާބެ ސާރ، އެދުރެއްގެ ގޮތުގައި

ކިޔަވައި ދިނުމުގެ ދާއިރާގައި ޚިދުމަތް ކުރަން ފެއްޓެވީ 1994 ވަނަ އަހަރު ނޭކުރެންދޫ ސްކޫލުގެ ވަގުތީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގަ އެވެ. އެއީ އެރަށުގައި އޭރު ހުންނެވި ކަތީބު އަބްދުއް ސައްތާރު އިބްރާހިމްގެ ޚާއްޞަ އެދިލެއްވުމެއްގެ މަތިންނެވެ.

ދެ އަހަރު ދުވަހު އެ ވަޒީފައިގައި ހޭދަކުރެއްވުމަށްފަހު ދެން ޓީޗަރެއްގެ ވަޒީފާއަށް ނިކުތީ އެ ދާއިރާއިން އިތުރަށް އުނގެނި، ތަމްރީން ހޯއްދަވައިގެންނެވެ. މިހާތަނަށް އައި އިރު، ގާބެ ސާރވަނީ ކިޔަވައިދިނުމުގެ ދާއިރާގައި 25 އަހަރު ހޭދަ ކުރަށްވާފައިވެ އެވެ.

އަމިއްލަ ރަށުގައި ތަޢުލީމު ފޯރުކޮށްދިނުމުގެ އިތުރުން ގާބެ ސާރ ފާހަގަކުރެވެމުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ދަރިވަރުންނަށް އުނގަންނައިދިނުމުގައި ހަރަކާތްތެރިވާ ނަމޫނާ އެދުރެއްގެ ގޮތުގައި އެވެ.

ގާބެ ސާރ ގެ އުމުރުން މިހާރު 46 އަހަރުވެފައި ވާއިރު ޖުމްލަ 45 ރަށަކަށް (އޭގެތެރެއިން ބައެއް ރަށްތަކަށް އެކި ފަހަރުމަތިން) ދަތުރުކޮށް ޖުމްލަ 119 ސްޓަޑީ ކޭމްޕް ވަނީ ހިންގަވާދެއްވާފަ އެވެ.

ހަނިމާދޫ ދަތުރަށްފަހު އުފެދުނު ޝައުގުން ރަށްރަށުގައި ކިޔަވައިދެއްވަން ފެއްޓެވި

ރާއްޖޭގެ ރަށްތަކަށް ދަތުރުކޮށް ކިޔަވައި ދެއްވުމުގެ ޝައުގުވެރިކަން އެންމެ ފުރަތަމަ އުފެދިގެން ދިޔައީ 2009 ވަނަ އަހަރު ހދ. ހަނިމާދޫއަށް ކުރެއްވި ދަތުރަކަށް ފަހުއެވެ. މި ދަތުރަކީ އެރަށުގައި އެވަގުތު ''އިސްލާމް'' މާއްދާއަށް ޚާއްޞަ ޓީޗަރެއް ނެތުމާއި ގުޅިގެން އެރަށުގެ ދަރިވަރުންނަށް މި މާއްދާއިން އިތުރު ތަމްރީންތަކެއް ދިނުމުގެ ގޮތުން އެރަށު ސްކޫލްގެ އެދިލެއްވުމަކަށް ކުރެއްވި ދަތުރެކެވެ.

މި ދަތުރަށް ފަހު ކޮންމެ އަހަރަކުވެސް މިގޮތަށް އެކި ރަށްރަށުގެ ކުދިންނަށް އުނގަންނައި ދެއްވުމަށް މެދުނުކެނޑި އަންނަނީ ދަތުރު ކުރަމުންނެވެ. މެދު ނުކެނޑި މިދަތުރުތައް ކުރަމުން އަންނަތާ މިއަހަރަށް 11 އަހަރު ވަނީ ހޭދަ ވެފައި އެވެ.

މިގޮތަށް ކިޔަވައި ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، ލިބޭ އާމްދަނީއަކަށްވުރެ ބޮޑަށް ލިބިފައި ހުރި ޢިލްމެއް އެހެން ބަޔަކަށް އުނގަންނައި ދިނުން ކަމުގައި ގާބެ ސާރގެ ވާހަކަތަކުގައި ފާހަގަކުރި އެވެ. އަދި މި މަސައްކަތް ކުރަނީ ވަރަށް ގަޔާވެގެން ކަމަށާއި މިހެން ރަށްތަކަށް ދަތުރުކުރާ ކުރުމުގައި އެތައް ސަތޭކަ ކުދިންނާއި ކޮންމެ އަހަރަކު ވެސް ބައްދަލުވާ ބައްދަލުވުމަކީ ވަރަށް ހިތްހަމަ ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

"ކިޔަވައިދޭ ކުދިން ވަރަށް ލޯބިވޭ އަޅުގަނޑުދެކެ. އެ ޔަޤީންކަން އެބައޮތް. ދެން ބެލެނިވެރިންނާއި ސްކޫލްތަކުގެ މެނޭޖްމެންޓްގެ އިތުބާރު އޮތީމައި އަބަދުވެސް މިރަށްތަކަށް މި ގެންދަނީ. މިސާލަކަށް މަހިބަދޫއަށް އެބަދަން 2013 އިންފެށިގެން ހަމަ ކޮންމެ އަހަރަކުވެސް. އެއްފަހަރު ދާރަށަކުން ދެން ހަމަ އަބަދުވެސް އެދޭނެ ޖެހިގެން އަންނަ އަހަރުވެސް ކޭމްޕް ހިންގައިދޭން އަންނަން. ރަށްރަށުގެ އާންމުންގެ ފަރާތުންވެސް ވަރަށް ސަޕޯރޓް ލިބޭ. ވަރަށް ގިނަ ރަށްތަކުގެ ކައުންސިލްތަކުންވެސް ހަމަ ބައްދަލު ކޮށްލާފައި ކޮފީވެސް ރާވާލާނެ. މިހާރުވެސް ހަނިމާދޫގެ ވަރަށް ގިނަ ޒުވާނުން އަންނާނެ އަޅުގަނޑު ދިޔައީމަ."

ދަތުރު ތަކުގެ ވާހަކަ ހިއްސާ ކުރަމުން ގާބެ ސާރ ބުންޏެވެ.

މަސައްކަތްތައް ދަރިވަރުން ބަލައިގަންނަކަން އެންމެ ބޮޑަށް ފާހަގަވާ އެއްކަމަކީ ދަރިވަރުންގެ 99 ޕަރސަންޓް ގަޑިއަށް ބަހަށްޓާ ފަރުވާތެރިކަމާއި ކިޔެވުމަށް ހުންނަ ޝައުގުވެރިކަން ކަމަށް ގާބެ ސާރ ފާހަގަ ކުރެއްވިއެވެ. އަދި މިކަމަކީ އެންމެ ބޮޑަށް އުފާކުރާ ކަންތައް ކަމުގައިވެސް ފާހަގަ ކުރެއްވިއެވެ.

އެންމެ ބޮޑު ދައްޗަކީ ސްކޫލްތަކަށް ސަރުކާރުތަކުގެ ފަރާތުން ލިބޭ ސަމާލުކަން ކުޑަވުން

ރާއްޖޭގެ ދަތުރު ފަތުރުގެ ނިޒާމް އޮންނަ ގޮތުން ހަފްތާ ބަންދުގައި ރަށްރަށަށް ގޮސް މާލެއައުމަކީ ވަރަށް ބޮޑު ދަތިކަމެއްކަމުގައި ފާހަގަ ކުރި އެވެ. އަދި ރަށްރަށުގެ ސްކޫލްތަކަށް ސަރުކާރުތަކުގެ ފަރާތުން ލިބޭ ސަމާލުކަން ކުޑަވުމާއި ސަރުކާރުތަކުން ޓީޗަރުންނާއި މެދު ފަރުވާ ކުޑަކުރުންވެސް އެއީ މިދާއިރާގައި މަސައްކަތްކުރާއިރު ދިމާވާ ގޮންޖެހުމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.

"އަބަދުވެސް މިދަނީ ހަފްތާ ބަންދުގައި. އެހެންވީމަ ދަތުރުތައް ރާވާލަން ވަރަށް އުނދަގޫވޭ ބައެއްފަހަރު. މިއަދާހަމައަށް ދުވަހަކުވެސް ވަޒީފާ އަދާކުރާ ސްކޫލަށް ސަލާމް ބުނެފަ ސްޓަޑީ ކޭމްޕް ހިންގަން ގޮސްފައެއް ނުވާނެ. ބައެއް ސްކޫލްތަކުން ބޭނުންވާނެ ހަފްތާގެ ރަސްމީ ދުވަސްތަކުގައި ގޮސްދޭން ވެސް. ރަސްމީކޮށް އެދުނީމަ މިނިސްޓްރީ މެދުވެރިވެގެން އެފަދަ ކަންކަން ހަމަޖެހިގެން ދާނެނަމަ އެއީ ވަރަށް ބޮޑު ފަސޭހަ އަކަށް ވެގެންދާނެ."

ދަތުރު ފަތުރާއި ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ފާހަގަ ކުރަމުން ގާބެ ސާރ ބުންޏެވެ.

އަސްލު މަދަރުސާއަކީ މަންމަ، މައި ބަދައަކީ އަނބިކަނބަލުން

މިހާތަނަށް އައި އިރު ޤައުމީ ފެންވަރުގެ އިނާމެއް ސަރުކާރުގެ ފަރާތުން ނުލިބުނު ކަމުގައި ވީނަމަވެސް ގާބެ ސާރ އަކީ އެތައް ސަތޭކަ ދަރިވަރުންތަކެއްގެ މުދައްރިސްކަމުގެ ޝަރަފް ލިބިގެންވާ ހިއްވަރުގަދަ އެދުރެކެވެ.

"އެންމެ ފުރަތަމަ މާތްﷲ އަށް. މި ޢިލްމު މިންވަރުކޮށްދެއްވީ އެފަރާތުން. ދެން ޢިލްމުގެ ބޭނުންކުރަން ދަސްކޮށްދެއްވި މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށް. ދެން މަންމަ. އެއީ އަޅުގަނޑުގެ އަޞްލު މަދަރުސާއަކީ. ދެން ބައްޕަ އާއި ޢާއިލާގެ އެންމެން ހަމަ. މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް މިލިބެނީ ވައިފްގެ ފަރާތުން. ވައިފް ކިޔަވައިގެން ރާއްޖެ އައިފަހުން މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނީ ވައިފްގެ ފަރާތުން. ތެދަށް ބުނަންޏާ ބުނެވޭނީ އެއީ އަޅުގަނޑުގެ މައިބަދައޭ. ޙަޤީޤަތުގައި ހަފްތާ ބަންދުގައި ރަށްރަށަށް މިދަނީ ޢާއިލާއަށް ދޭންޖެހޭ ވަޤުތުކޮޅު ހުސްކޮށްލައިގެން. އެކަމަކު އަބަދުވެސް ބުނާނެ ތީ ޤައުމީ ކަމެކޭ. އެއްވެސް ރަށެއް ކެންސަލްކޮށްލިޔަކަ ނުދޭނެ."

މިދާއިރާއިން މިހާ ހިސާބަށް އާދެވުމުން ޝުކުރު އަދާކޮށްލާނީ ކޮންކޮން ފަރާތްތަކަކަށްތޯ ސުވާލު ކުރުމުން ގާބެ ސާރ ބުނެފައިވެއެވެ.

އެންމެ ދެކެން ބޭނުންވާ ދުވަސް

ސަރުކާރުތަކުން މުދައްރިސުންނަކީ މުދައްރިސުން ކަމުގައި ދެކިގެން ޓީޗިންގ ދާއިރާއަށް ސަމާލުކަމެއް ދޭނެ ދުވަހެއް

މިހާ ހިސާބަށް ވެރިކަންކުރި އެއްވެސް ސަރުކާރަކުން ޓީޗިންގ ދާއިރާއަށް މާބޮޑު ސަމާލުކަމެއްދީފައި ނެތްކަން ފާހަގަ ކުރަމުން ބުންޏެވެ.

ދެވަނަ ކަމަކަށް ފާހަގަކުރެއްވީ ތަޢުލީމީ ޒުވާން ޖީލެއް ޓީޗިންގ ދާއިރާއާއި ހަރަކާތްތެރިވާނޭ ދުވަހެއް ކަމަށެވެ.

ކޯވިޑުގެ ހާލަތަށްވެސް ދޫ ދިނުމެއްނެތް

ކޯވިޑް-19 ގެ ބިރުވެރިކަން މިޤައުމު ވަށާލާފައިވާ ދަނޑިވަޅުގައިވެސް ކިޔަވައިދިނުމުގެ ދާއިރާގައި ގާބެ ސާރ ކުރަށްވަމުންދާ މަސައްކަތައް ހުއްޓުމެއް ނާދެއެވެ.

''މިހާރުވެސް އޮންލައިންކޮށް ގޫގުލް މީޓް ބޭނުންކޮށްގެން ސްޓަޑީކޭމްޕެއް އެބަހިންގަން. މުޅިޖުމްލަ 290 އަށް ވުރެ ގިނަ ދަރިވަރުން މި ކޭމްޕުގައި ބައިވެރިވެފައިވޭ. ކޭމްޕް ނިމޭނީ 10 އޮކްޓޯބަރ 2020 ގައި. ޓެލިކިލާހުގެ ގްރޭޑް 10 ގެ އިސްލާމް ގަޑިތައް ރެކޯޑުކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވާނީ ފޯރުކޮށްދީފައި. ފެށުނީއްސުރެ މިއަދާ ހަމައަށްވެސް ޓެލިކިލާހުގެ މަސައްކަތުގައިވެސް އެބައުޅެން. ޓެލިކިލާހުގެ ގްރޭޑް 9 ގެ އިސްލާމީ ތާރީޚާއި ޙަޟާރާތު ޔުނިޓް ގެ ފިލާވަޅުތައް ހުއްޓިފައިވާތީ އެންމެ ފަހުން އެމަސައްކަތްވެސް މިހާރު މިކުރަނީ އަޅުގަނޑު."

ކޯވިޑް-19 ގެ މި ފުރަބަންދު ނިމުމާއި އެކު ކުރިން ދަތުރުކުރިހެން ސްޓަޑީ ކޭމްޕް ދަތުރުކުތައް ފަށާނެކަން ފާހަގަ ކުރަމުން ބުނެފައިވެއެވެ.

Posted by S.S.C Islam with GASIM Mohamed on Tuesday, September 1, 2020

ގާބެ ސާރގެ އިލްތިމާސެއް

ތަޢުލީމީ ޒުވާނުން ޓީޗިންގ ދާއިރާއާއި ގުޅުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި ޒުވާނުން މިއަދު މަސައްކަތްކޮށްފިނަމަ ރަނގަޅު ޙަޟާރާތެއް ބިނާކުރެވޭނެކަމަށް ގާބެ ސާރ ފާހަގަ ކުރެއްވިއެވެ. މިކަން ހަޤީގަތަކަށް ހެދުމަށް މި ދާއިރާއިން ގާބެ ސާރގެ އެހީއެއް ބޭނުންވާ ހަމަ ކޮންމެ ފަރާތަކަށްވެސް އެ އެހީ ލިބިގެންދާނޭ ކަން ފާހަގަ ކުރިއެވެ.

"ރާއްޖޭގެ ކޮންމެ ސްކޫލަކަށް ވެސް ބޭނުންވެއްޖެ ޙާލަތުގައި އަޅުގަނޑުގެ ފަރާތުން އެހީތެރިކަން ލިބޭނެ. އިންޝާﷲ. ޓީޗަރުންގެ މަސައްކަތަކީ އެހެން އެއްވެސް ފަރާތަކަށް ވަޒަންކުރެވޭނެ މަސައްކަތެއްނޫން. ޓީޗަރުންނަކީ މުޅި ޤައުމު ކޮނޑަށް ލައިގެން، ޤައުމު ބައްޓަންކުރާ މޭސްތިރިން. އެއީ ޤަދަރުކުރަންޖެހޭބައެއް. ޚާއްޞަކޮށް ބައެއްފަހަރު ބެލެނިވެރިން ގެ އިޙްޞާޞްތައް ކޮންޓްރޯލް ކޮށްލުން ހަމަ ވަރަށް މުހިންމު."

ޓީޗަރުންގެ އަގުވަޒަން ކުރަމުން ބުނެފައިވެއެވެ.

މިހާރު ހުޅުމާލެ ރެހެންދި ސްކޫލްގެ ސެކަންޑަރީ އިސްލާމް ޓީޗަރެއްގެ ގޮތުގައި ކިޔަވައިދިނުމުގެ އިތުރުން ގާބެ ސާރ އަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް އިމްތިހާން ކަމަށްވާ އެސްއެސްސީ އިމްތިޙާނުގެ އިސްލާމް ޕޭޕަރުގެ މާރކިންގ މަސައްކަތްވެސް ކުރަމުން އަންނަ ފަރާތެކެވެ. އަދި 2014 އަށްފަހު މަސައްކަތް ކުރަމުން އަންނަނީ މޮޑަރޭޝަންގެ މަސައްކަތުގައެވެ.

މާތް ﷲ، ގާބެ ސާރގެ އެ މަސައްކަތުގައި ބަރަކާތް ލައްވައި، މި ދާއިރާއިން ގާބެ ސާރއަށް އިތުރު ކާމިޔާބާއި ފާގަތިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން، އެ އަގު ހުރި ޚިދުމަތުގެ ވާހަކަ މިހާހިސާބުން ކުރުކޮށްލީއެވެ.