ހއ. ކެލާ ތުނޑިއަކީ ސަރުކާރުތަކުން ކުޅެން ގެންގުޅުއްވާ ބޯޅައަކަށް ނަހަށްދަވާ، ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ކެލާ ތުނޑި ހުޅުވާލަ ދިނުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ގޮވައި ލަށްވައިފިއެވެ.
މެންބަރު އިބްރޭ މިހެން ވިދާޅުވީ ވޭތުވި ކުރީގެ ދެ ސަރުކާރަކުން ވެސް ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ހއ. ކެލާ ތުނޑި ހުޅުވާލާނެ ކަމަށް ޢިއުލާން ކުރި، ޢިއުލާން ކުރުމަށް އިޝާރާތް ކުރަށްވައެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް، އެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު 2007 ވަނަ އަހަރު ވެސް ކެލާ ތުނޑި ފަތުރުވެރި ކަމަށް ތަރައްޤީ ކުރާނެ ކަމަށް ޢިއުލާން ކުރި ކަމަށް އިބްރޭ ވިދާޅުވިއެވެ.
އިބްރޭ ވިދާޅުވީ އޭގެ ފަހުން 2016 ވަނަ އަހަރު، ރައީސް ޔާމީނުގެ ސަރުކާރުގައި އޭރުގެ ނައިބު ރައީސް، އަދި ޓޫރިޒަމް މިނިސްޓްރީ ހިންގަވަމުން ގެންދެވި އަޙްމަދު އަދީބުވެސް ވަނީ ކެލާ ތުނޑި ފަތުރުވެރި ކަމަށް ތަރައްޤީ ކުރާނެ ކަމަށް ޢިއުލާން ކުރަށްވާފައި ކަމަށެވެ.
''ކެލާ ތުނޑިއަކީ ކޮންމެ ސަރުކާރަކުން ކުޅެން ގެންގުޅުއްވާ ބޯޅައަކަށް ނުހައްދަވާ، ރިސޯޓު ތަރައްޤީ ކުރުމަށް ހުޅުވާލަދީ، 2007 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވަނީ ކުޅުއްވާފައި، ނައިބު ރައީސް އަދީބު 2016 ވަނަ އަހަރު ވަނީ ކުޅުއްވާފައި''
އިބްރޭ ވިދާޅުވިއެވެ.
މިމޭރުމުން އިބްރޭ ކުރެއްވި ޓުވީޓުގައި ރައީސް ޞާލިޙާއި އަދި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ޑެގް ކުރަށްވާފައިވާއިރު، އިތުރަށް ވިދާޅުވީ ކެލާ ތުނޑި ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ހުޅުވާލުމަކީ މި ސަރުކާރުގެ ވަޢުދެއް ކަމަށެވެ.
ކެލާ ތުނޑިއަކި ކޮންމެ ސަރުކާރަކުން ކުޅޭ ބޯޅައަކަށްނުހައްދަވާ، ރިސޯޓް ތަރައްޤީ ކުރުމަށް ހުޅުވާލަދީ، ޓޫރިޒަމް މިިނިސްޓަރ @Mausoom_Maus 2007ގައި ވަނީ ކުލުއްވާފައި، ނައިބް ރައީސް އަދީބް 2016 ގައި ވަނީ ކުލުއްވާފައި، މިސަރުކަާރުގެ ރިޔާސީ ވައުދެއް،،@ibusolih pic.twitter.com/vSPqYqBBBb
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) October 5, 2020
އިބްރޭ މިހެން ވިދާޅުވެފައިވާއިރު، ހުސްވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ވަނީ ކެލާ ތުނޑީގައި ހަދާ ރިސޯޓް ތަރައްގީ ކުރުމުގައި ކުރަންޖެހޭ ފަހުގެ ތައްޔާރީ ތަކާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއި، ކެލާ ކައުންސިލް ހިމެނޭހެން މެންބަރު އިބްރޭ ވަނީ ބައްދަލު ކުރަށްވާފައިއެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބަށްދަލު ވުމަކީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށާއި، އެ ބައްދަލުވުމުގައި މަސްވަރާކުރެ ކަންތައް ތަކުގެ ތެރޭގައި، ކެލާ ތުނޑީގައި ތަރައްޤީ ކުރާ ރިސޯޓުގެ ކަރަންޓް، ފެން، ކުނިމެނޭޖްކުރުން، ބަދަރު، މުވައްޒަފުން ތިބޭނެ ތަނެއް އަދި ރިސޯޓުގެ މޫދުކޮޓަރި އެޅުން ފަދަ މުހިންމު ކަންކަމާބެހޭ މަސްވަރާތައް ކުރިޔަށް ގެންދެވުނު ކަމަށް އިބްރޭ ވިދާޅުވިއެވެ.
އެބައްދަލުވުމާއި ގުޅޭގޮތުން އިބްރޭ ''ތިލަދުން'' އަށް މައުލޫމާތު ހިއްސާ ކުރަށްވަމުން ވިދާޅުވެފައި ވަނީ ތަރައްޤީ ހޯދުމުގައި އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، ތިލަދުންމަތިން ތަރައްޤީ ހޯދާނެ ކަމަށެވެ.
''ހަމައެކަނި ކެލާއަށް ބަލައިލިޔަސް އަޅުގަނޑުމެން މި އަމާޒުކުރަނީ ތުނޑީގައި 200 އެނދުގެ ރިސޯޓެއް ތަރައްޤީ ކުރަން ހުޅުވާލަން، މިރޭ މިނިސްޓަރު ދެއްވި މަޢުލޫމާތަށް ބަލާއިރު އިރާދަކުރެއްވިއްޔާ އޮކްޓޯބަރު ފަހުކޮޅު ނޫނީ ލަސްވެގެން ނޮވެންބަރު ކުރީކޮޅު އެ ރިސޯޓު ބީލަމަށް ހުޅުވާލެވޭނެ'' ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ އިބްރޭ ''ތިލަދުން'' އަށް ވިދާޅުވިއެވެ.
އިބްރޭ ވިދާޅުވީ ކެލާ ތުނޑީގައި ތަރައްޤީކުރާ ރިސޯޓުގެ އިތުރުން ރަށުގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ 12 ބިމާއި، 10000 އަކަފޫޓުގެ 2 ބިން ދޫކުރުމަށް ޕްލޭން ކޮށްފައި ވާކަމަށެވެ. މި ބިންތަކާއިއެކު މަދުވެގެން ކެލާގައި 500 އެނދު ތަރައްޤީވެގެން ދާނެ ކަމަށް އިބްރޭ ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓާ އެންމެ 10 މޭލު ދުރުގައި އޮންނަ ކެލާ އަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ، ބޮޑުމިނުގައި 213 ހެކްޓަރު ހުންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް ފަސް ގެސްޓްހައުސް އެއް ހިންގައެވެ.
ކެލާއަށް ވަނީ، މޯލްޑިވްސް ޓްރެވަލް އެވޯޑް 2017 ގެ ގެސްޓް ހައުސް އެޑިޝަންގެ "ލީޑިންގ ބީޗް އައިލަންޑް އެވޯޑު" ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!