ހދ. ކުޅުދުއްފުށި ސިޓީގެ ފުލުހަކު ޕޮޒިޓިވްވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިހާރު ކުރިއަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މިރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

Ad
rt

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި ފުލުހުންގެ މީހާއަކީ ކުޅުދުއްފުށީގައި މަސައްކަތްކުރާ މީހެއްކަމަށެވެ. އެކި މަސައްކަތްތަކުގައި އޭނާވަނީ ކުޅުދުއްފުށީގެ އިތުރުން މިވަގުތު މޮނީޓަރިންގެ ޙާލަތަށް ގެންދިޔަ އަނެއް 5 ރަށަށްވެސް ދަތުރުކޮށްފަކަމަށެވެ.

"6 ރަށެއްމިވަނީ މޮނިޓަރިންގއަށް ލާފައި. އެއީ ފުލުހުންގެ މީހާ އެރަށްތަކަށް އެކި މަސައްކަތްތަކުގައި ދަތުރުކޮށްފައިވާތީ. މިއީ އެހެން ކޭސްއަކާއި ގުޅުންހުރި ކޭސްއެއްކަމަކަށް އަދި ފާހަގައެއްނުވޭ."

ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ ފަހުގެ ތާރީޚެއްގައި މާލެއަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަމަށެވެ. މިކޭސްއާ ގުޅިގެން 6 ރަށް މޮނީޓަރިންގއަށް ލާފައިވަނީ ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށާ، މިޙާލަތުގައި އެ ރަށްރަށަށް އަރާ ފޭބުން މަނާ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.

ކޯވިޑަށް ޕޮޒިޓިވްވި ފުލުސްމީހާ އިއްޔެ ކުޅުދުއްފުށިން ކުރިނބީއަށް ދަތުރުކޮށްފައިވަނީ ބަލީގެ އަލާމާތްތައް ހުރުމުން ކޯވިޑަށް ޓެސްޓް ކުރުމަށްފަހު ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިންނެވެ. އަދި ޕޮޒިޓިވްވީކަން އެނގިފައިވަނީ ކުރިނބީގައި ހުއްޓާ މިރޭގެ ވަގުތެއްގަ އެވެ.

ކުޅުދުއްފުށި ކައުންސިލުން ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން ވަނީ މަނާ ކުރެވިފައިކަމަށެވެ.

ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ 05 އޮކްޓޯބަރ 2020، 21:15 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަޙްމަދު ދާއޫދު ވިދާޅުވީ ފާޅު ބޯޓް ކޭސްއާ ގުޅިގެން ހޮސްޕިޓަލުގެ އޯޕީޑީއަށް އަންނަ މީހުންގެ ތެރެއިން އަލާމާތްތައް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގަމުން އަންނަކަމަށެވެ.

އެގޮތުން އިއްޔެ އޯޕީޑީއަށް އައި ފަރާތެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައި. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަަންކަން ބެލުމަށްޓަކައި ރަށް މި ވަނީ އަނެއްކާ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެވިފައި. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުއްވުމަށް އިލްތިމާސް ކުރަން.

އަޙްމަދު ދާއޫދު ވިދާޅުވި އެވެ.

އަޙްމަދު ދާއޫދު އިތުރަށް ވިދާޅިވީ ބަލީގެ އަލާމާތެއް ހުރިނަމަ އަމިއްލަ އެކަހެރިވުމާއި ބަލި ޖެހިފައިވާ މީހުންނަށް ނުރުހުމުގެ ބަސްތައް ރައްދު ނުކޮށް އޯގާތެރިކަމާއެކު މުއާމަލާތްކޮށް އެ މީހުން ނަފްސާނީ ބަލިމަޑު ކަމެއްގެ ތެރެއަށް ވެއްޓުނަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދިލައްވާކަމުގަ އެވެ.

ކޮންޓެކްޓް ޓްރޭސިންއާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަން ގުޅުއްވާނީ 7606688 ނަންބަރަށް ގުޅުވުމަށްވެސް އަހުމަދު އެދިލެއްވި އެވެ.

މޮނިޓަރިންގއަށް ލާފައިވާކަން އަންގާލިޔުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީން މިހާރުވަނީ ކައުންސިލްތަކުގެ އިދާރާއަށް ފޮނުވާފަ އެވެ.

އެލިއުމުގައި ބުނެފައިވަނީ މޮނިޓަރ ކުރެވިފައިވަނީ ކޯވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރެވިފައިވާކަމަށެވެ.