ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ކުޅުދުއްފުށި ކައުންސިލުން ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން ވަނީ މަނާ ކުރެވިފައިކަމަށެވެ.

Ad
rt

ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ 05 އޮކްޓޯބަރ 2020، 21:15 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަޙްމަދު ދާއޫދު ވިދާޅުވީ ފާޅު ބޯޓް ކޭސްއާ ގުޅިގެން ހޮސްޕިޓަލުގެ އޯޕީޑީއަށް އަންނަ މީހުންގެ ތެރެއިން އަލާމާތްތައް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގަމުން އަންނަކަމަށެވެ.

އެގޮތުން އިއްޔެ އޯޕީޑީއަށް އައި ފަރާތެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައި. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަަންކަން ބެލުމަށްޓަކައި ރަށް މި ވަނީ އަނެއްކާ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެވިފައި. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުއްވުމަށް އިލްތިމާސް ކުރަން.

އަޙްމަދު ދާއޫދު ވިދާޅުވި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.

ކޯވިޑަށް ޕޮޒިޓިވްވި ފުލުސް މީހާ އިއްޔެ ކުޅުދުއްފުށިން ކުރިނބީއަށް ދަތުރުކޮށްފައިވަނީ ބަލީގެ އަލާމާތްތައް ހުރުމުން ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިންނެވެ. އަދި ޕޮޒިޓިވްވީކަން އެނގިފައިވަނީ ކުރިނބީގައި ހުއްޓާ މިރޭގެ ވަގުތެއްގަ އެވެ.

މޮނިޓަރިންގއަށް ލާފައިވާކަން އަންގާލިޔުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީން މިހާރުވަނީ ކުޅުދުއްފުށި ކައުންސިލްގެ އިދާރާއަށް ފޮނުވާފަ އެވެ.

އެލިއުމުގައި ބުނެފައިވަނީ މޮނިޓަރ ކުރެވިފައިވަނީ ކޯވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރެވިފައިވާކަމަށެވެ.

މީގެކުރިން މާލެ އާއި ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ "ފާޅު ބޯޓު" ގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ވެސް އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެގޮތުން މޮނީޓަރިންގެ ހާލަތު އުވާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށީގައި މިވަގުތު ކޮވިޑްގެ އެކްޓިވް 7 ކޭސް އެބަ އުޅެއެވެ. އެއީ "ފާޅު ބޯޓު" ގެ ތިން ފަޅުވެރިންނާއި، ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ.