އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަދީބުގެ މައްޗަށް ދައުލަތުން ވަނީ ހަތް ދައުވާއެއް ހުށަހަޅައިފަ އެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށްބުނާ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާއެއް ވެސް ވަނީ ކޮށްފަ އެވެ.

Ad
rt

މި ދައުވާތަކާއި ގުޅިގެން އަދީބު ވަނީ ތަހުގީގަށް އެއްބާރުލުންދޭން ނިންމައި ދައުލަތާއި އެކު އެއްބަސްވުމެއް ހަދާފަ އެވެ. މި އެއްބަސްވުމުގައި އަދީބު ވަނީ އޭނާ އަށް ދެވޭނެ އެންމެ ލުއި އަދަބުތައް ދައުލަތުން ފާހަގަކުރުމުން އެކަންކަމަށްވެސް އެއްބަސްވެފަ އެވެ.

އަދީބަށް ކުރި ހަތް ދައުވާ އަށް ކަނޑައެޅި އަދަބުތައް:

1) ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް

2) ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް

3) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: ހަ މަސް ދުވަހަށް ޖަލަށް

4) ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން: ތިން މަސް ދުވަހަށް ޖަލަށް

5) މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން،

6) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: އެއް މަހާއި 15 ދުވަހަށް ޖަލަށް

7) މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް

ދައުލަތުން އެދުނު ގޮތަށް ގާޒީ ވަނީ އަދީބަށް ޖުމްލަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި އޭނާ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.