މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިން 2021 ވަނަ އަހަރު، މަކުނުދޫ ދާއިރާއަށް ބަޖެޓުކުރާނެ ކަންކަމާމެދު އެދާއިރާގެ މެންބަރު މުޙައްމަދު ރާއީ އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގެ މިނިސްޓަރ އަހުމަދު މަހުލޫފް އަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ބައްދަލުކުރައްވައި، އެ ދާއިރާގެ ޒުވާނުންނަށާއި ކުޅިވަރާއި ބެހޭގޮތުން ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ މިއަދު ޔޫތު މިނިސްޓްރީގަ އެވެ.
ޔޫތް މިނިސްޓްރީއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެ ދެ ބޭފުޅުންގެ މަޝްވަރާތަކުގައި 2021 ވަނަ އަހަރު އެ ދާއިރާއަށް ކަނޑައަޅާނެ ބަޖެޓަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށެވެ.
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކުމުންދޫ އަދި ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައުޓް ޑޯރ ޖިމްގެ މަސައްކަތާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަމަށެވެ. އަދި މަކުނުދޫގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކާއި ބެހޭގޮތުންވެސް އެ ދެ ބޭފުޅުން ވަނީ މަޝްވަރާތައް ކޮށްފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް މިނިސްޓަރ މަހުލޫފް ވަނީ ދެއްވާފަކަމަށެވެ.
މި މަޝްރޫޢުތަކުގެ މަޝްވަރާތައް ދެބޭފުޅުން ކުރެއްވުމަށްފަހު މެންބަރު ރާއީ ކުރެއްވެވި ޓްވީޓެއްގައި ވަނީ މިނިސްޓަރ މަހުލޫފް އަދި ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުއަށް ޝުކުރު އަދާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!