ކުރިއަރައި ދިޔުމުގެ އަސްލަކީ ކެރުމެވެ. ހިތްވަރެވެ. ކުރާމަސައްކަތުގައި ފަރުވާތެރިވުމެވެ. ވަޑާމުގެ މަސައްކަތުގައި ކާމިޔާބީތަކެއް ހޯދާފައިވާ ށ.ކަނޑިތީމަށް އުފަން އެރަށު ނަފާގޭ މުހައްމަދު މިހާދަކީ ކުޅަދާނަ ވަޑިއެކެވެ. ވަޑާމުގެ މަސައްކަތުގައި ހުނަރުވެރި ޒުވާނެކެވެ.

މިހާދު ސްކޫލު ދަޢުރު ނިންމައިލުމަށްފަހު ފުރަތަމަ ވަޒީފާ ވެސް ފެށީ ވަޑާންގެއަކުންނެވެ. 2005 ވަނަ އަހަރު އިހުރު ރިސޯޓުގެ ވަޑާންގެއިން މަސައްކަތްފަށައި އެތަނުގައި ފަސް އަހަރު ދުވަހު އޭނާވަނީ މަސައްކަތް ކޮށްފައެވެ. އެއަށްފަހު 2011 ވަނަ އަހަރު އަމިއްލަ ރަށަށް ބަދަލުވެ ގޭގައި ކީހެއް ބަހައްޓައިގެން ވަޑާމުގެ މަސައްކަތް ފަށައިގަތެވެ. އަމިއްލަ ގޭގައި "ފިނިސް" ނަމުގައި ހުޅުވައިލެވުނު ވަޑާންގެއަކީ ކާމިޔާބު މި މަސައްކަތުގެ ފެށުމެވެ.

Ad
rt

މެދުކެނޑުމެއްނެތި ފާއިތުވި ފަނަރަ އަހަރު މި މަސައްކަތުގައި މިހާދު ހޭދަކޮށްފައިވާއިރު މިހާރު އޭނާގެ ވަޑާންގޭގައި އޭނާގެ އިތުރުން ތިން މުވައްޒަފުން މަސައްކަތް ކުރަމުން ގެންދެއެވެ. އެތަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ގެ ހިޔާކުރުމާއި، ސީލިންގ ކުރުމާއި، ގެއަށް ބޭނުންވާ އެންމެހާ ފަރުނީޗަރު ޖަހައިދިނުމާއި، ކައިވެނީގެ ރަން ހެދުމާއި، ވެޑިން ޑެކަރޭޝަން ހެދުމާއި، ދޮރާއި ދޮރުފަތް ޖެހުމާއި، ގިފްޓް ހެދުމުގެ އިތުރުން އޮފީސްތަކަށް ބޭނުންވާ ފަރުނީޗަރު ހަދައިދިނުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ފަރުނީޗަރު ތައްޔާރު ކުރުމުގެ އިތުރުން، އެތަނެއްގެ ޖާގައަށް އެކަށޭނަ ގޮތްގޮތަށް ޑިޒައިންކޮށް ފަރުނީޗަރު ޖަހައިދިނުމަކީ ވެސް މިހާދު ކޮށްއުޅޭ މަސައްކަތްތަކެވެ.

"އާންމުކޮށް މަސައްކަތް ފަށަނީ ހެނދުނު ނުވައެއް ޖަހާއިރު، އެންމެން ވަޑާންގެޔަށް އައިސް ކޮފީއެއްބޯލައި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާއިމެދު މަޝްވަރާ ކޮށްލުމަށްފަހު ފަށައިގަންނަނީ، މަސައްކަތް ހުއްޓާލާ އާންމު ގަޑިއަކީ ހަވީރު ފަހެއް ޖަހާއިރު، ނަމަވެސް ކުރަންޖެހޭ މަސައްކަތެއްގެ ގޮތުން އެއަށްވުރެ ގިނަ ވަގުތު ވެސް ނުވަތަ ރޭގަނޑު ވެސް މަސައްކަތުގައި އުޅެން ޖެހިދާނެ، ލިބޭ މަސައްކަތެއްގެ ގޮތުން ގިނަދުވަސްތަކެއް ވަންދެން ރަށުން ބޭރުގައި ވެސް ގްރޫޕް ގޮސް މަސައްކަތްތައް ކޮށްއުޅެން"

އާންމުކޮށް މަސައްކަތްތަށް ކުރިއަށްދާގޮތް ހިއްސާ ކުރަމުން މިހާދު ބުނެފައިވެއެވެ.

Shaviyani Kanditheemu Council Working station Design and installation

Client: Secretariat of Kan'ditheemu...

Posted by FINIS on Sunday, June 28, 2020

މަސައްކަތުގައި ހޯދިފައިވާ ކުރިއެރުމުގެ އަސްލަކީ މިހާދު ޤަބޫލުކުރާ ގޮތުގައި ކަސްޓަމަރު ބޭނުންވާ ގަޑިއަށް، ބޭނުންވާ ފެންވަރުގައި މަސައްކަތް ނިންމައި ހަވާލުކުރުމެވެ.

"ފިނިސް"ގެ ނަމުގައި ހުޅުވާފައިވާ ފޭސްބުކް ޕޭޖުގެ އިތުރުން އެ ނަމުގައި ހުޅުވާފައިވާ އިންސްޓަގްރާމެގެ އެކައުންޓަކީ މިހާދުގެ މި މަސައްކަތުގެ ފެންވަރު ބަލައިލުމަށް މިހާރު އޮތްއެންމެ ފަސޭހަ މަގެވެ. ކަސްޓަމަރުންގެ ފަރާތުން ލިބިފައިވާ ޕޮޒިޓިވް ކޮމެންޓްތަކުން ހާމަކޮށްދެނީ މި މަސައްކަތުގައި މިހާދުގެ ކުޅަދާނަކަމެވެ. މިހާދުގެ މަސައްކަތް ށ އަތޮޅުގެ އިތުރުން ރާއްޖޭގެ އެކިއެކި ހިސާބުތަކަށް މިހާރުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

ފަރުނީޗަރާއި އަދި މި ނޫންވެސް މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތައް މިހާރު މި ރާއްޖޭގައި ގިނައެވެ. ނަމަވެސް މިހާދު މި މަސައްކަތަށް ލިބެމުން އަންނަ ތަރުހީބު ދުވަހަކަށްވުރެ ދުވަހެއްދަނީ އިތުރުވަމުންނެވެ.

"މަސައްކަތް ލިބޭ، މަސައްކަތެއްނެތިފަ ތިބޭކަށް ނުޖެހޭ، ނުކުރެވިފައި އަބަދުވެސް އޮންނަނީ"

މިހާދުގެ މި މަސައްކަތަށް އޮންނަ ޑިމާންޑް ހާމަކުރަމުން އޭނާ ބުނެފައިވެއެވެ.

ހަމައެކަނި މި މަސައްކަތުން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސައިގެން، ފުދުންތެރި އުޅުމެއް އުޅެވިދާނެކަން، މިއީ ޒުވާނުންނަށް މިހާދު އެންމެ ދޭން ބޭނުންވާ އެއް މެސެޖެވެ. މުވައްޒަފުންނަށް މުސާރަދީފައި ތަނަށް ބޭނުންވާ ސާމާނު ގަތުމުގެ އިތުރުން މިހާދުގެ ދިރިއުޅުމުގެ އެންމެހާ ޚަރަދެއް ވެސް ބަލަހައްޓަމުން ގެންދަނީ މި މަސައްކަތުން ހޯދާ އާންމުދަނީންނެވެ. އޭނާ ފާހަގަކުރާ ގޮތުގައި މިއީ ޒުވާނުން ކުރަން ހުރިހައި ގޮތަކުން ބެލިނަމަވެސް އެންމެ އެކަށޭނަ މަސައްކަތެކެވެ.

މި މަސައްކަތުގައި މާ ބޮޑު ގޮންޖެހުންތަކެއް އޭނާއަކަށް ނެތެވެ. މަސައްކަތަށް ބޭނުންވާ ލަކުޑިފަދަތަކެތި ރަށުން އާންމުކޮށް ލިބެން ހުންނަ ކަމަށާއި، ރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ކަނޑު ބޯޓާއި މީގެ އިތުރުން ފެރީގެ ނިޒާމް މެދުވެރިކޮށް ބޭނުންވާ ސާމާނު ގެނައުމުގައި މާބޮޑެތި ދަކިކަމެއް އިހުސާސް ކުރަން ނުޖެހޭކަމުގައި އޭނާ ބުނެފައިވެއެވެ.

ކާމިޔާބަކާއި ހަމައަށް ވާސިލުވުމުގައި ގިނަބައެއްގެ އެހީތެރިކަން އޮންނާނެކަމީ ދެބަސްވެވެން ނެތް ހަޤީޤަތެވެ. މިގޮތުން މިހާދު ކާމިޔާބު ވަޑިއަކަށް ވުމުގައި އޭނާގެ މައިން ބަފައިންނާއި، ފުރަތަމަ ވަޒީފާ އަދާކުރި އިހުރު ރިސޯޓުން އޭނާއަށް ތަނަވަސް ކޮށްދެއްވި ފުރުޞަތުތަކާއި އަދި އޭނާގެ ގާތްއެކުވެރިން ދެއްވި އަދި ދެއްވަމުން ގެންދާ އެހީތެރިކަން އޭނާ ފާހަގަކުރެއެވެ. މީގެއިތުރުން އޭނާގެ މުވައްޒަފުންގެ ބުރަ މަސައްކަތަކީ ވެސް މިއަދު އޭނާއަށް ހޯދިފައިވާ ކުރިއެރުމުގައި ހިއްސާވާ ފަރާތްތަކެވެ. މިހާދު މި އެންމެހާ ފަރާތްތަކުގެ އެހީތެރިކަން ބަލައިގަންނަނީ ޝުކުރުވެރި ހިތަކުންނެވެ.

މިހާދުގެ މި މަސައްކަތް އެހެން މީހުންނަށް ދަސްކޮށްދިނުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. ވަޑާމުގެ މަސައްކަތާއި ގުޅިގެން އެއްވެސް ކަމެއް މީހަކު އޮޅުން ފިލުވަން އައިސްފިނަމަ ބުނެދެވުނު އެންމެ ފުރިހަމައަކަށް ބުނެދެއެވެ. ތަޢުލީމީ މަރުހަލާ ނިންމައިލުމަށްފަހު އަލަށް މަސައްކަތުގެ ތެރެއަށް ނުކުންނަ ކުދިންގެ ތެރެއިން ކުއްޖަކު ވަރަށް ގިނައިން އަތްދޮށުގައި ގެންގުޅި މި މަސައްކަތް ދަސްކޮށްދެވިފައި ވެސް ވާނެކަމުގައި މިހާދު ބުނެފައިވެއެވެ.

އެލްމުނިއަމްގެ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނައިރު، މިހާދު މި މަސައްކަތުގައި ދެކެން ބޭނުންވާ ދުވަހަކީ "ފިނިސް" ގްރޫޕްގެ މަސައްކަތްތައް މުޅިރާއްޖެއަށް ފޯރުކޮށްދިނުމެވެ. ރާއްޖޭގައި ނަން ހިނގާ ބްރޭންޑެއް ގޮތުގައި އެ ތަކެތި ޕްރޮމޯޓް ވެގެންދިޔުމެވެ.