ހދ. ކުޅުދުއްފުށި ސިޓީގައި ހޯމްކަރަންޓީނުގައި ހުރި 2 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައ ިއެރަށުން ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެރަށަށް ދިޔަ 2 މީހުންނެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެންގުނީ ކަރަންޓީންގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލްއިންނެވެ. އެރަށުން ޕޮޒިޓިވް ވެފައިވަނީ 34 އަހަރުގެ މީހަކާއި 64 އަހަރު ގެ މީހެކެވެ. މިދެމީހުންނަކީވެސް އަންހެނުންކަމަށް މަޢުލޫމާތު ލިބެއެވެ.

Ad
rt

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރ އަޙްމަދު ދާއޫދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ކުޅުދުއްފުށިން ޕޮޒިޓިވް ވީ މާލެއަށް ދަތުރު ކޮށްފައި އައުމަށް ފަހު ހޯމް ކަރަންޓީނު ފުރިހަމަ ކުރަމުން ދިޔަ ދެ އަންހެނުންކަމަށާއި މިއީ ފާޅު ބޯޓް ކުލަސްޓަރއާ ގުޅޭ މީހުންނެއް ނޫންކަމަށެވެ. އަދި މިވަގުތު ޕޮޒިޓިވްވެފައި ތިބީ 7 މީހުންކަމަށާއި އެންމެންގެ ހާލު ވެސް އާންމު ގޮތެއްގައި ރަނގަޅުކަމަށެވެ.

ޖުމްލަ 112 މީހުން ދަނީ މި ވަގުތު ހޯމް ކަރަންޓީނު ފުރިހަމަ ކުރަމުން. އޭގެ ތެރެއިން 64 މީހުންނަކީ މާލެއަށް ދަތުރު ކުރުމަށް ފަހު ހޯމް ކަރަންޓީނު ފުރިހަމަ ކުރަމުން ގެންދާ މީހުން. 47 މީހުންނަކީ ފާޅު ބޯޓް ކުލަސްޓަރއާ ގުޅިގެން ހޯމް ކަރަންޓީނުގައި ތިބި މީހުން. އަދި ހޯމް ކަރަންޓީނަށް ފަހު ރިލީސް ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން އިތުރު އެކަކު ހޯމް ކަރަންޓީނުގައި އެބަ ހުރި.

މެނޭޖަރ އަޙްމަދު ދާއޫދު ވިދާޅުވެފައި ވެއެވެ.

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅުބޯޓްގެ ކެޕްޓަން އަދި އެބޯޓުގެ 2 ފަޅުވެރިންވެސް ވަނީ މީގެ ހަފްތާއެއް ކުރިން ކޯވިޑްއަށް ޕޮޒިޓިވް ވެފަ އެވެ. މީގެ އިތުރުން ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖެއްވެސް ވަނީ އެރަށުން މީގެ ކުރިން ޕޮޒިޓިވްވެފައި އެވެ. މިއަދު ޕޮޒިޓިވްވި 2 މީހުންނާއި އެކު އެރަށުގައި މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިވަނީ ހަތަކަށް އަރާފަ އެވެ.