ތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، ފުޅާ ކުރުމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ހއ. ކެލާ ހެދުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ.

މެންބަރު އިބްރޭ ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވެގެން އަންނައިރު، އެ ސަރަޙައްދުގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްޤީ ކުރުމަކީ ސަރުކާރުން އަމާޒު ހިފާފައިވާ ކަމަކަށްވީއިރު، އެ މަސައްކަތުގެ ތެރެއިން ކެލާގައި މަދުވެގެން 500 އެނދު ތަރައްޤީ ވެގެން ދިއުމަކީ އަމާޒެއް ކަމަށެވެ.

Ad
rt

މިގޮތުން ކެލާ ތުނޑީގައި ހަދާ ރިސޯޓް ތަރައްގީ ކުރުމުގައި ކުރަންޖެހޭ ފަހުގެ ތައްޔާރީ ތަކާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއި، ކެލާ ކައުންސިލް ހިމެނޭހެން މެންބަރު އިބްރޭ ވަނީ ރޭ ބައްދަލު ކުރަށްވާފައިއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބަށްދަލު ވުމަކީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުމުގައި މަސްވަރާކުރެ ކަންތައް ތަކުގެ ތެރޭގައި، ކެލާ ތުނޑީގައި ތަރައްޤީ ކުރާ ރިސޯޓުގެ ކަރަންޓް، ފެން، ކުނިމެނޭޖްކުރުން، ބަދަރު، މުވައްޒަފުން ތިބޭނެ ތަނެއް އަދި ރިސޯޓުގެ މޫދުކޮޓަރި އެޅުން ފަދަ މުހިންމު ކަންކަމާބެހޭ މަސްވަރާތައް ކުރިޔަށް ގެންދެވުނު ކަމަށް އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ''ތިލަދުން'' އަށް ވިދާޅުވީ ތަރައްޤީ ހޯދުމުގައި އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، ތިލަދުންމަތިން ތަރައްޤީ ހޯދާނެ ކަމަށެވެ.

''މިހާރު އިހަވަންދިއްޕޮޅުގައި ހޯރަފުށީ އެއާޕޯޓް ނިމެމުން އެދަނީ، އަނެއްކޮޅުން އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާ ކުރުމުގެ މަސައްކަތް ވަނީ ފެށިފައި، ދެން މިއޮތީ ހަނިމާދޫ އެއާޕޯޓުތަރައްޤީ ވެގެންދާއިރު ކެލާ ދާއިރާއަށް ވެސް އަންނަ ހުރި ފަތުރުވެރިކަމުގެ ފުރުޞަތުތައް، އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން، އިރާދަ ކުރެއްވިއްޔާ މި އުންމީދުތައް ހާސިލްކުރެވޭނެ''

އިބްރޭ ވިދާޅުވިއެވެ.

''ހަމައެކަނި ކެލާއަށް ބަލައިލިޔަސް އަޅުގަނޑުމެން މި އަމާޒުކުރަނީ ތުނޑީގައި 200 އެނދުގެ ރިސޯޓެއް ތަރައްޤީ ކުރަން ހުޅުވާލަން، މިރޭ މިނިސްޓަރު ދެއްވި މަޢުލޫމާތަށް ބަލާއިރު އިރާދަކުރެއްވިއްޔާ އޮކްޓޯބަރު ފަހުކޮޅު ނޫނީ ލަސްވެގެން ނޮވެންބަރު ކުރީކޮޅު އެ ރިސޯޓު ބީލަމަށް ހުޅުވާލެވޭނެ''

އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ ކެލާ ތުނޑީގައި ތަރައްޤީކުރާ ރިސޯޓުގެ އިތުރުން ރަށުގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ 12 ބިމާއި، 10000 އަކަފޫޓުގެ 2 ބިން ދޫކުރުމަށް ޕްލޭން ކޮށްފައި ވާކަމަށެވެ. މި ބިންތަކާއިއެކު މަދުވެގެން ކެލާގައި 500 އެނދު ތަރައްޤީވެގެން ދާނެ ކަމަށް އިބްރޭ ވިދާޅުވިއެވެ.

'' އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވެގެން އަންނައިރު، ސަރަޙައްދުގައި ތަރައްޤީ ކުރަން ނިންމާފައިވާ 8000 އެނދު ތެރެއިން މަދުވެގެން 500 އެނދު ކެލާގައި ތަރައްޤީ ކުރުން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ތިލަދުންމަތީގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއަކަށް ކެލާ ހެދުމަށް ''

އިބްރޭ އިތުރަށް ވިދާޅުވިއެވެ.

ތިލަދުންމަތީގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއަކަށް ކެލާ ހެދުމަށް މަސައްކަތް ފަށާފައިވާއިރު، ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓާ އެންމެ 10 މޭލު ދުރުގައި އޮންނަ ކެލާ އަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ، ބޮޑުމިނުގައި 213 ހެކްޓަރު ހުންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް ފަސް ގެސްޓްހައުސް އެއް ހިންގައެވެ. ކެލާގެ ފަޅަކީ ރާއްޖޭގައި އޮތް އެންމެ ރީތި ފަޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ފަޅެވެ.

ކެލާއަށް ވަނީ، މޯލްޑިވްސް ޓްރެވަލް އެވޯޑް 2017 ގެ ގެސްޓް ހައުސް އެޑިޝަންގެ "ލީޑިންގ ބީޗް އައިލަންޑް އެވޯޑު" ލިބިފައެވެ.