ލޯތްބާ ގުޅިފައިވާ މާވެޔޮ މިސްކިތާއި ވަރުނުލާ ރާޅުގަނޑު

ލޯތްބާ ގުޅިފައިވާ މާވެޔޮ މިސްކިތާއި ވަރުނުލާ ރާޅުގަނޑު

ވިޔަފާރި ދަތުރެއްގައި ބޭރުގެ ގުރާބެއް ރާއްޖެއަށް އައެވެ. އެ ގުރާބުން މާލެއަށް ވަރަށް ރީތި އަންހެން ޖާރިއާއަކު ބޭލިއެވެ. އެ ކުއްޖާ ބޭލީ ބިއްލޫރި އަލަމާރިއަކަށް ލައިގެންނެވެ. އެ ރީތި އަންހެން ކުއްޖާ ވަގަށް ނަގާފާނެތީ ވަރަށް ބޮޑު ސާރިދޯޅެއް ފާރައަށް ބޭއްވިއެވެ. އެކަމަކު އެ އަންހެން ކުއްޖާ ގެއްލިއްޖެއެވެ.

މި މައްސަލައައިގެން ބޭރުގެ ވިޔަފާރިވެރިން ދިޔައީ ރަސްގެފާނުގެ އަރިހަށެވެ. އޭރު ރަސްކަމުގައި އިންނެވީ އައްސުލްޠާން ވަޑީ ކަލަމިންޖާއެވެ. ރަދުންގެ ފަރާތްޕުޅުން މީހުން ނެރެގެން ތަންތަން ބަލައި ފާސްކޮށް ހަދައިގެން ވެސް ޖާރިޔާގެ ޚަބަރެއް ނުވިއެވެ. ޖާރިޔާ ނެގި މީހަކު ނޭނގުނެވެ.

ގުރާބުގެ މީހުން ރަސްގެފާނަށް ދެންނެވިއެވެ. މާލޭގެ އެންމެންގެ މޭމައްޗާއި ބުރަކަށިތައް ބަލަނިކޮށް ޖާރިޔާ ނެގި މީހަކު އެނގޭނެއެވެ. އެ މީހެއްގެ ގައިގައި ސާރިދޯޅު ހުންނާނީ ވަކި އަޅާފައެވެ.

އެ މީހުން އެދުނު ފަދައިން މާލޭގެ ހުރިހާ ފިރިހެނުންގެ މޭމައްޗާއި ބުރަކަށިތައް ބެލުމުގެ ހުއްދަ ދެއްވިއެވެ. އެ ހުއްދައިގެ ދަށުން ރަށުތެރޭގެ މީހުން ބަލަމުން އައިސް ޝާހީ ޚާންދާނުގެ ބޭފުޅުންނާ ޖެހިއްޖެއެވެ. އެ ހިސާބަށް ދިޔައިރު ރަސްގެފާނުގެ ކޮއްކޯފުޅު ހުދައި ކަލަމިންޖާއާ މެދު ގުރާބުގެ މީހުން ޝައްކުކުރާން ފަށައިފިއެވެ. އެފަދަ ކަމެއް ކުރެއްވިއްޔާ ކުރައްވަން ހުންނެވީ ކޮއްކޯފުޅުކަން އެ ހިސާބަށް ދިޔައިރު ރަސްގެފާނު ވެސް ޤަބޫލުފުޅު ކުރެއްވިއެވެ. އެހެންވެ ކޮއްކޯފުޅު ސަލާމަތް ކުރެއްވޭތޯ ވަރަށް މަސައްކަތް ކުރެއްވިއެވެ. އެހެން ނަމަވެސް ގުރާބުގެ މީހުން ގޮތްދޫނުކުރުމުގެ ސަބަބުން އެ މީހުންގެ ކުރިމައްޗަށް ކޮއްކޯފުޅު، ހުދައި ކަލަމިންޏާ ނެރުއްވަން މަޖުބޫރުވެވަޑައިގަތެވެ.

ހުދައި ކަލަމިންޏާގެ މޭފުޅު ކަޝްފުކުރެއްވިއިރު މޭފުޅުގައި ސާރިދޯޅު ވަކިއެޅި ނިޝާންތައް ހުއްޓެވެ. އެ ތަންވަޅު ގުރާބުގެ މީހުން ހުދައި ކަލަމިންޖާ ފަހައިގަތެވެ. އެ މަނިކުފާނު ދުވެވަޑައިގެން ވަޑައިގަތީ ވަލުތެރެއަށެވެ. ވަލުތެރެއަށް ވަދެވަޑައި ގަންނަވަމުން ނަދުރުފުޅެއް ވިދާޅުވިއެވެ. އެ ނަދުރުފުޅަކީ އެބައި މީހުންގެ ކިބައިން ސަލާމަތް ކުރައްވައިފިނަމަ މާތްﷲ އަށް ޓަކައި މިސްކިތެއް ބިނާކޮށް ވެވެއް ހައްދަވާނަމެވެ. ކޮންމެ އަކަސް ގުރާބުގެ މީހުންނަށް ހުދައި ކަލަމިންޖާއެއް ނުފެނުނެވެ.

އެތައް ދުވަހަކު މަސައްކަތް ކޮށްފައި ހުދައި އާއި ޖާރިޔާ ވެސް ނުފެނި އެންމެ ފަހުން ގުރާބުގެ މީހުން މާލެއިން ފުރައިގެން ހިގާއްޖެއެވެ.

ގުރާބުގެ މީހުން ފުރައިގެން ދިޔުމުން ހުދައި ކަލަމިންޏާ ވަލުތެރެއިން ނުކުމެގެން އައިސް ޖާރިޔާއާއެކު ބިއްލޫރި އަލަމާރި ފޮރުވަން ބެހެއްޓި ހެންވޭރު ކެޔޮގޯއްޗަށް ގޮސް ބަލައިފިއެވެ. އެ ގޯއްޗަކީ މިހާރުގެ ސޯސަންގެއެވެ. ދިވެހިބަހުގެ އެކެޑެމީ ހިންގަނީ އެގޯތީގައެވެ. އެތަނަކު ޖާރިޔާ ނެތްތަނުގައި އަލަމާރި ވެސް ނެތެވެ. އެކަމާ ހިތާމަފުޅު ކުރައްވައި މާޔޫސްވެވަޑައިގެން ހުންނަވަނިކޮށް އެނގިވަޑައިގެންނެވީ ޖާރިޔާ ހުރީ ރަދުންގެ ބެއްލެވުމުގެ ދަށުގައި ގަނޑުވަރުގައި ކަމެވެ. އެކަމާ ހުދައި ކަލަމިންޖާ ވީ އަމަށަކު އުފާފުޅެއް ނޫނެވެ. އެހެންވެ އަވަސްވެވަޑައިގެންނެވީ އަވަހަށް ނަދުރު ފުއްދެވުމަށެވެ.

ގުރާބުގެ މީހުންނާ ފިއްލެވުމަށް ވަލަށް ވަދެވަޑައިގެންނެވި ދިމާލުގައި ވަރަށް ބޮޑު ވެވެށް ހެއްދެވިއެވެ. އަދި އެ ވެވުގެ ކައިރީގައި މިސްކިތެއް ބެހެއްޓެވިއެވެ. އެއީ ފަހުން މާފަންނު ކޮޅުގައި ހުރި މާވެޔޮދޮށު މިސްކިތާއި މާވެވެއެވެ. އޭރު މާލޭގައި އޮތް އެންމެ ބޮޑު ވެވެ.

އެ މަސައްކަތް ނިންމަވައި ރަދުންގެ އަރިހަށް ވަޑައިގެން ޖާރިޔާއާ ބެހޭ ގޮތުން ސުވާލު ކުރައްވައިފިއެވެ. ރަސްގެފާނު ވެސް އެ ރީތި ޖާރިޔާ ދޫކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ. އެކަމުގެ ސަބަބުން ދެ ބެންގެ ދެމެދުގައި ހަސަދަވެރިކަން ބޮޑުވެ އެންމެ ފަހުން ރަސްގެފާނު ނިންމެވީ ބަރުބަނދެފައި ބިއްލޫރި އަލަމާރިއާއެކު ޖާރިޔާ ލޮނު ޒިޔާރަތްކޮޅުން އުރަފަށަށް ކަނޑު ފައްތާށެވެ.

ލޯތްބަކީ އަޖައިބެއް ފަދަ އެއްޗެކެވެ. ބަރު ބަނދެފައި ޖާރިޔާ ކަނޑަށް ދޫކޮށްލި ވަގުތު ކުޅިބަލަން ތިބި މާލޭގެ ރައްޔިތުންނަށް ފެނުނީ ހުދައި ކަލަމިންޏާ ބިއްލޫރި އަލަމާރީގައި ބެއްދެވިތަނެވެ. އަލަމާރި ފެތިގެން ދިޔައީ އެމަނިކުފާނާއެކުގައެވެ. އެ ދުވަހު އެ ދެ ލޯބިވެރިން ކަނޑުތެރެއަށް ފެތެމުން ދިޔަ ވަގުތު އުފުލާލި ބިޔަ ރާޅުތައް އަދި އަދަށް ދާން ދެން ވެސް އުފުލެމުން ދަނީއެވެ. ހެންވޭރު ވަރުނުލާ ރާޅުގަނޑު އުފެދުނީ އެ ދުވަހުގެ އެ ވަގުތުގައި ކަމަށް ކިޔާއުޅެއެވެ.

ނޯޓު: މިއީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2000 ވަނަ އަހަރު ޝާއިޢުކުރެއްވި ދިވެހީންގެ އާދަކާދަ މި ފޮތުގައިވާ ފޯކުލޯރުގެ އަސްލު ނުގެންލޭނެހެން ލިޔެފައިވާ ލިޔުމެކެވެ. ދިވެހި ތާރީޚުގައި ވާގޮތުން އައްސުލްޠާން ވަޑީ ކަލަމިންޖާ ރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1213 އިން 1232އަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *