ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ވަލީއަޙުދު ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙްއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިރޭ ކުވޭތުގެ ވަލީއަޙްދަށް ރައީސް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

Ad
rt

ރައީސްގެ މެސެޖުގައި ކުވޭތުގެ އަމީރަކީ ބައިނަލްއަޤްވާމީ މައިދާނުގައި، ޚާއްޞަކޮށް ސަރަޙައްދީ މައްސަލަތައް ޙައްލުކުރުމުގައި ވެސް، އިސް ދައުރެއް އަދާކުރެއްވި ލީޑަރެއްކަން ފާހަގަކުރައްވާފައިވެއެވެ.

އެ މަނިކުފާނަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ލީޑަރެއް، ރާއްޖޭގެ ތަރައްޤީއަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި ރާއްޖެއަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށްޓަކައި ދިވެހިން އެ ބޭފުޅަކަށް ދަރަނިވެރިވެފައިވާ ލީޑަރެއް

ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި، 2020 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުން ފެށިގެން 2020 އޮކްޓޫބަރު 2 ވާ ހުކުރު ދުވަހުގެ ނިޔަލަށް (ތިން ދުވަސް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.