ދިވެހި ރާއްޖޭގެ ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު އުވާލުމުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ޝިޕިންގ އެޖެންސީތަކާއި ވިޔަފާރިވެރިންގެ ތެރެއިން 70 ފަރާތް ސޮއިކޮށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި މިނިސްޓަރ ނަހުލާއަށް ކުރާ ތުހުމަތަކީ، ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅުއްވައި ގަވާއިދު އުވާލެއްވީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދެއްވަން ކަމެވެ. އެކި ވިޔަފާރިތަކުގައި އިސްކޮށް އުޅޭ ގިނަ ބަޔަކު ސޮއިކޮށް އޭސީސީ އަށް ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ އެ ގަވާއިދު މިނިސްޓަރު އުވާލެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާ ވެސް ޚިލާފަށް ކަމަށެވެ.

Ad
rt

އެ ޤަވާޢިދަށް އަމަލު ކުރަމުން ދިޔައިރުވެސް ޤަވާޢިދު ތަންފީޒް ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން އެއްވެސްކަމެއް ކޮށްފައިނުވާ ކަމަށާއި ގަވާއިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން އެ ޤަވާޢިދު ބާޠިލް ކުރުމުގައި މައްސަލަތަކެއް ފާހަގަކުރެވޭ ކަމަށާއި، އެޤަވާޢިދު ތަންފީޒް ނުކުރެވޭތީ އެކަން ޓްރާސްޕޯޓް އޮތޯރިޓީގެ ބޯޑުން މިނިސްޓްރީއަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މައްސަލާގައި އެދިފައި ވަނީ ބޯޑުގެ އެއްވެސް ބަހެއް ނެތި “ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ޤަވާޢިދު” މިނިސްޓަރ އައިޝަތު ނަހުލާ އަމިއްލައަށް ބާޠިލްކުރައްވާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި، މަނާ ކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަޤާމްގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯދުމަށް ކަމަށް ދެކެވޭތީ އެކަން ބަލައިދިނުމަށެވެ.

މިދިޔަ ޖުލައި 16ގައި ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށް، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލި "ދިވެހިރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދަކީ" އެކި ނަންނަމުގައި އެޖެންސީތަކުން ފީތައް ނަގާތީ އެކަން ހައްލުކުރުމަށް ހެދި ގަވާއިދެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.