ހދ. ކުޅުދުއްފުށި ސިޓީއިން ނުވަތަ ހދ. ކުމުންދޫ ކަނޑު އޮޅިންފެށިގެން ހއ. ކެލައާއި ދެމެދުގައި ހުރި ރަށްތައް، ބުރިޖުތަކުން ގުޅާލުމަކީ އުންމީދެއްކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖަމްޝީދު މުޙައްމަދު ވިދާޅުވީ އެރަށަކީ ހިއްކައިގެން ރަށް ބޮޑުކުރުމުގެ ފުރުސަތު ނެތް ރަށެއް ކަމަށާއި މިހާރުވެސް ގެއަޅަން ބޭނުންވެ، ނޭޅި 700 އެއްހައި ހުސް ގޯތި ހުރިކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީ އޮތީ ވަރަށް ބޮޑަށް ބޯހިޔާވެހިކަމަށް ބޭނުންވެފައިކަމަށް ޖަމްޝީދު ވިދާޅުވިއެވެ.

Ad
rt

"އަޅުގަނޑު އުންމީދުކުރަނީ ކުޅުދުއްފުށީ ރައްޔިތުންނަށް ވެސް ގޯތި ލިބެން ޖެހޭނެކަމަށް، އޯކޭ ކުޅުދުއްފުށި މިއަދު ވަނީ ފުރިފައި، ގޯތި ދިނުމަށް ޖާގަ ވަރަށް މަދުވެފައި، އެކަމަކު އެހެނިހެން ސަރަހައްދުތައްވެސް އެއްރަށުން އަނެއް ރަށަށް ގުޅާލެވޭ ފަދައިން ކުޅުދުއްފުއްޓަކީވެސް ކައިރި ރަށްރަށާ ގުޅާލުމުގެ ފުރުޞަތު އޮތް ރަށެއް، އަޅުގަނޑުމެންނަކީ ހިއްކައިގެން ރަށް ބޮޑުކުރުމުގެ ފުރުޞަތު ނެތް ރަށެއް، އެހެންކަމަށް ވީއިރު އަޅުގަނޑު ދެކެނީ ކުޅުދުއްފުށީ ރައްޔިތުންގެ މުސްތަޤްބަލު އޮތީ މަތިމައްޗަށް ނެގޭ އިމާރާތްތަކަކަށްވުރެ ބްރިޖްކުރެވޭ ރަށްތަކަކުންކަމަށް"

ކުޅުދުއްފުށިން ފެށިގެން ނުވަތަ ކުމުންދޫ ކަނޑުއޮޅިން ފެށިގެންނަމަވެސް ހއ. ކެލަޔާއި ހަމަޔަށް ގުޅާލެވޭ ހިސާބަކަށް އެހިސާބު ވެގެން ދިޔުމަކީ ދެކެން ބޭނުންވާ ދުވަހެއްކަން ފާހަގަ ކުރަމުން ޖަމްޝީދު ވިދާޅުވިއެވެ.

ޖަމްޝީދު އިތުރަށް ވިދާޅުވީ ސަރުކާރުން މި ފުރުސަތުތައް ފަހިކޮށްދެއްވައި މިކަންކަން ހަޤީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް ޔަގީން ކުރަށްވާކަމަށެވެ.

ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް ބަންޑާރަ ގޯއްޗެއް ދޭން ޖެހޭނެކަމަށާއި އެނޫން ގޮތެއް ގަބޫލު ނުކުރާނެކަމަށް މަޖިލީހުގެ ކެންޕެއިން ދުވަސްވަރުންފެށިގެން ޖަމްޝީދު އަންނަނީ ވަކާލާތު ކުރަމުންނެވެ.

އެގޮތުން 2019 ވަނަ އަހަރުގެ މާޗްމަހުގެ 29 ވަނަ ދުވަހު ޖަމްޝީދުގެ ޒުވާނުންގެ ޖަގަހަ ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖަމްޝީދު ވިދާޅުވެފައިވަނީ ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް ބަންޑާރަ ގޯއްޗެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށާއި މިއީ ކުރާ ދައުވާއެއް ކަމަށެވެ. މި ދައުވާ ނޭވާ ހިނގާހާ ހިނދަކު ހުއްޓާނުލާނެކަމަށްވެސް ޖަމްޝީދު ވިދާޅުވެފައިވެއެވެ.

“އަޅުގަނޑުމެން ކުރާ ދައުވާއެއް އޮވޭ. ހަނދާން ބަހައްޓާތި. އެ ދައުވާއަކީ ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް ބަންޑާރަ ގޯއްޗެއް ދޭން ޖެހޭނެ. މިނޫން ގޮތެއް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. އިނގޭތޯ. ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް ބަންޑާރަ ގޯއްޗެއް ދިވެހި ސަރުކާރުން ދޭން ޖެހޭނެ. މިއީ އަޅުގަނޑުމެން ކުރާ ދައުވާއެއް. މި ދައުވާ އަޅުގަނޑުމެން ނޭވާ ހިނގާހާ ހިނދަކު ހުއްޓައެއް ނުލާނަން.”

ޖަމްޝީދުގެ ކެންޕެއިން ރެލީއެއްގައި ވިދާޅުވެފައިވެއެވެ.

#Fasmanzaru

VNewsroom Fasmanzaru

Posted by VTV on Monday, September 28, 2020

ރައްޔިތުންގެ ހައްގުގައި އެފަރާތްތަކުގެ ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ އެދުވަހު ވަނީ ވިދާޅުވެފައެވެ.

ހދ. ކުމުންދޫ ކަނޑު އޮޅިންފެށިގެން ހއ. ކެލައާއި ދެމެދުވާ ރަށްތަކަކީ ކުޅުދުއްފުށި ސިޓީއާއި ނޮޅިވަރަމާއި ނޮޅިވަރަންފަރާއި ހަނިމާދޫ، ބާރަށް، އަދި ފިއްދަލޫ އެވެ. ކުމުންދޫއިން ފެށިގެން ކެލައާއި ދެމެދު ގާތްގަނޑަކަށް 30 މޭލު ހުރެއެވެ. ތިލަދުންމަތީގެ އެބިތުގައިވާ ރަށްތަކަކީ ރާއްޖޭގެ ނިސްބަތުން ބިންބޮޑެތި ރަށްތަކެކެވެ.

ހދ. ކުޅުދުއްފުށި ސިޓީއިން ނުވަތަ ހދ. ކުމުންދޫ ކަނޑު އޮޅިންފެށިގެން ހއ. ކެލައާއި ދެމެދުގައި ހުރި ރަށްތައް ބުރިޖަކުން ކުޅާލެވިއްޖެނަމަ މިއީ ޔަޤީނުންވެސް ފަތުރުވެރިކަމުގެ ކުލަ ފަނޑު ބޮޑުތިލަދުންމައްޗަށް އަންނާނެ އިޤްތިސާދީ ހެޔޮ ބަދަލެކެވެ.