ށ.މަރޮށީގެ ބޮޑުބައެއް ގިރަމުން ދާތީ، އެކަމުގެ ކަންބޮޑުވުން އެރަށު ކައުންސިލުން ފާޅުކޮށްފި އެވެ.

މަރޮށީ ރައްޔިތުންނަށް ލިބިފައިވާ ގުދުރަތީ ރީތި "ބޮޑުމަގު ކޮޅު ބީޗް" ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ އިރު މިކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް އެރަށުގެ ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

Ad
rt

މަރޮއްޓަކީ ގުދުރަތީގޮތުން ފާހަގަކޮށްލެވޭ ރީތި ރަށެކެވެ. ދޭތެރެ ދޭތެރެއިން ރައްގިރުމުގެ މައްސަލަ ތަހަންމަލް ކުރަމުން އަންނަ ރަށެކެވެ. މިކަމާއި ގުޅިގެން "ތިލަދުން" އަށް މަޢުލޫމާތުދެމުން މަރޮށީ ކައުންސިލުން ވިދާޅިވެފައި ވަނީ މިކަން މިހެން ވަމުން ދާތާ މިހާރު ފުދޭ ވަރަކަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އެހެންނަމަވެސް މިކަމަކަށް އެއްވެސް ހައްލެއް ގެނެއުމަށް، ސަރުކާރުންވެސް އަދި އެއްވެސް އިދާރާއަކުންވެސް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

ކުރިއާއި މިހާރު

މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކި ފަހަރުމަތިން ސަރުކާރުގެ ސަމާލުމަށް މިކަން ގެނެސްފައިވާނޭކަމަށާއި އެހެންނަމަވެސް އެދެވިގެންވާފަދަ ޖަވާބެއް އެއްވެސް ފަރާތުން ލިބިފައި ނުވާ ކަމަށެވެ.

"ރަށުގެ ބޮޑުބައެއް ދަނީ ގިރަމުން. އަޅުގަނޑުމެން ވާނީ ސަރުކާރުގެ ސަމާލްކަމަށްވެސް މިކަން ގެނެސްފަ. އެހެންނަމަވެސް އެ ފަރާތުންވެސް މިކަމަކަށް އެދެވިގެންވާ ޖަވާބެއް ނުލިބުނު."

- ށ.މަރޮށި ކައުންސިލް.

މީގެ އިތުރުންވެސް އެ ދާއިރާގެ މެންބަރުގެ ސަމާލުކަމަށްވެސް މިކަން ގެނެވިފައިވާނޭ ކަމަށާއި އެހެންނަމަވެސް އެރަށަށް ކުރިމަތިވެފައި އެވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބިދާނެ ކަމުގެ ކުލަވަރެއް އަދި މިހާތަނަށް ފެނިފައި ނުވާކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ރަށުގެ އާންމު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ފާރަތްތަކުގެ މުދަލާއިއި، ރުއްގަސްތަކަށް ލިބެމުންދާ ގެއްލުމުގެ ވާހަކަކަމަށް އެރަށު ކައުންސިލުން ފާހަކޮށްފައިވެއެވެ. އަދި މިކަމަށް ހައްލެއް ނުލިބި މިދާވަރުން ރަށް ގިިރަމުން ދާނަމަ، ކުރިއަށް އޮތްތާ މިއަށް ވުރެ ބޮޑެތި ގެއްލުން ވެދާނެކަމަށް އަސަރާއި އެކު އެބޭފުޅުން ފާހަގަކުރެއްވިއެވެ.

Posted by Secretariat of the Sh.Maroshi Council on Monday, August 31, 2020

ކައުންސިލާއި މަރޮށީ ރައްޔިތުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާ ދުވަހެކެވެ.

މަރޮއްޓަކީ ރަށުގައި އުފައްދާ ކަރުހަކުރާއި، ރަށުގައި ހުރި ބޮޑު ކާނިގަހުގެ ސަބަބުން، ރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. މިކާނިގަހަކީ ކަޅުއޮށްފުންމީގެ ރިޔާ ބޭއްވުމަށް ބޮޑުތަކުރުފާނު ޖެއްސެވި ތިން ކަޑައިގެ ތެރެއިން އެއް ކަޑައެވެ. މިގަހަކީ 450 އަހަރަށް ވުރެން ގިނަދުވަސްވެފައިވާ ތާރީޚީ ގަހެކެވެ. މިރަށު ކުޅިއަކީ، ބޮޑުތަކުރުފާނުގެ ޖިހާދުގެ ދަތުރުގައި ދުޝްމަނުންނަށް ފިލުމަށް ކަޅުއޮށްފުންމި ވަދެނުކުމެ އުޅުނު މަޝްހޫރު ނެރެވެ.

ރަށްގިރުމުގެ މައްސަލައަކީ މި ކުޑަ ކުޑަ ޖަޒީރާ ދިވެހިރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑުމައްސަލައެކެވެ. ފަަހަކަށްއައިސް ރާއްޖޭގެ ހުރިހާ ސަރުކާރަކުންވެސް އަންނަނީ ގިރަމުންދާ ރަށްތަކުގެ ގިރާ ސަރަހައްދުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނޯޓް:މިރިޕޯޓުގައި ބޭނުންކޮށްފައިވާ ފޮޓޯ ތަކަކީ ކިއުންތެރިއަކު ހިއްސާކޮށްފައިވާ ފޮޓޯތަކެކެވެ. އެހެންކަމުން ފޮޓޯގެ އަސްލު ވެރިފަރާތެއް ނޭންގެ އެވެ.