ރ. ފައިނު އައު އިންޖީނުގެއާއި، އިންޖީނުގޭގެ އައު އޮފީސް އިމާރާތުގެ %91 އަދި ރ. ކިނޮޅަސް އައު އިންޖީނުގެ އިމާރާތުގެ %40 މަސައްކަތް ނިމިއްޖެ ކަމަށް ފެނަކައިން ބުނެފިއެވެ.
މި ގޮތުން ފެނަކައިން ބުނީ ރ. ފައިނުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވެމުންދާ އައު އިންޖީނުގެއާއި، އިންޖީނުގޭގެ އޮފީސް އިމާރާތުގެ %91 ވަނީ ފުރިހަމަ ކުރެވިފައި ވާ ކަމަށެވެ.
މީގެ އިތުރުން އެ އަތޮޅު ކިނޮޅަސް އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ %40 ވަނީ ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ. މި މަޝްރޫޢުގެ މަސައްކަތްކުރާ ކޮންޓެކްޓަރާއިއެކު ފެނަކައިން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 4 މާޗް 2020 ގައެވެ.
ފެނަކައިން ފައިނުގައި އިމާރާތް ކުރަމުންދާ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް، ފޮޓޯ: ފެނަކަ
ފެނަކައިން ވަނީ ށ. މިލަންދޫގައި އިމާރާތް ކުރަމުންދާ މިލަންދޫ ފެނަކަ 03 ފަންގިފިލާގެ އައު އޮފީގެ %38 މަސައްކަތް ނިމިފައިވާ ކަމަށް 24 ސެޕްޓެމްބަރު 2020 ވަނަ ދުވަހު ބުނެފައެވެ. އަދި ހއ. އުލިގަމު އަދި ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް ހަލުވި މިނެއްގައި ކުރެވެމުން ދާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެސް ފެނަކައިން ގެންދަނީ އަތޮޅު ތެރޭގައި އެކުންފުނިން ޚިދުމަތްދޭ ގިނަ ޢަދަދެއްގެ ރަށްތަކުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!