ހއ. ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންނާއި، ހއ. ކެލާއިން ކޯވިޑްއަށް ޕޮޒިޓިވް މީހާ ބަލިން ރަނގަޅު ވެއްޖެއެވެ.
ދިއްދޫއިން ކޯވިޑްއަށް ޕޮޒިޓިވް މީހުންނާއި، ކެލާއިން ކޯވިޑްއަށް ޕޮޒިޓިވް މީހާ ބަލިން ރަނގަޅު ވެފައިވާ ކަން އެރަށް ރަށުގެ ކައުންސިލުން ހާމަ ކުރީ އިއްޔެއެވެ.
މި ގޮތުން ދިއްދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިއްބާ ކޯވިޑަށް ޕޮޒިޓިވްވި މީހުން އެޗްޕީއޭގެ ގައިޑްލައިންގައިވާ މުއްދަތު ހަމަކޮށް ހެދި ޓެސްޓުން ނެގެޓިވްވެފައި ވާ ކަމަށެވެ.
އެމީހުން ބަލިން ރަނގަޅު ވުމާއިއެކު މިހާރު ކަރަންޓީނުން ދޫކޮށްލެވިފައި ވުމާއިއެކު، މިހާރު އެރަށުގައި ކޯވިޑް ބަލީގެ އެއްވެސް މީހަކު ނެތްކަމަށް ވެސް ދިއްދޫ ކައުންސިލުން ބުންޏެވެ.
ކޯވީޑް-19 އަކީ ފަސޭހަކަމާއި ފެތުރޭ ބައްޔެއް ކަމުން ހުރިހާ ރަށްޔިތުންވެސް ބަލިން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓަމުން ގެންދިއުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
ކެލާ ކައުންސިލުން ވެސް ވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުއްޓައި ކޯވިޑްއަށް ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވެ، ކަރަންޓީނުން ދޫކޮށްލާފައިވާކަން ހާމަ ކޮށްފައެވެ.
ދިއްދޫއިން ކޯވިޑްއަށް ޕޮޒިޓިވް މީހުންނާއި، ކެލާއިން ކޯވިޑްއަށް ޕޮޒިޓިވް މީހާ ބަލިން ރަނގަޅު ވެފައިވާއިރު، ރޭ ވަނީ ހދ. ކުޅުދުއްފުށިން ކޯވިޑް ޕޮޒިޓިވް 2 ކޭސް ފެނިފައެވެ.
ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ ދިހަ ހާހުން މައްޗަށް އަރާފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!