ހއ. އުލިގަމު އަދި ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރެވެމުން ދާކަމަށް ފެނަކައިން ބުނެފިއެވެ.
އެ ދެ ރަށުގައި ފެނަކައިން އައު އިންޖީނުގޭ އިމާރާތް ކުރުމުގެ މަޝްރޫޢު ހިންގަމުންދާއިރު ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 65 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ މިހާރު ވަނީ ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައި ވަނީ 13 ނޮވެމްބަރ 2019 ގައެވެ.
"މިމަޝްރޫޢުގެ ސަބަބުން ރަށުގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުވެ، ރަށުމެދުގައި އިންޖީނުގެ ހުރުމުގެ ސަބަބުން ރައްޔިތުން ތަޙައްމަލު ކުރަމުންއަންނަ ދަތިތަކަށް ދާއިމީ ހައްލެތް ލިބިގެންދާނެއެވެ." ފެނަކައިން ބުންޏެވެ.
ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައި ވަނީ 9 ފެބުރުވަރީ 2019 ގައެވެ. 973 މީހުންގެ އާބާދީއެއް އޮންނަ މިރަށުގައި އަލަށް އިމާރާތް ކުރެވޭ އިންޖީނުގޭގެ ސަބަބުން ރަށުގެ ކަރަންޓުގެ ހާލަތު އިތުރަށް ހަރުދަނާވެ، އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުންތަކަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ގެންދަނީ އަތޮޅު ތެރޭގައި އެކުންފުނިން ޚިދުމަތްދޭ ގިނަ ޢަދަދެއްގެ ރަށްތަކުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!