އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗު ވުލްވްސް އަތުން މޮޅުވެ އެ ޓީމުން ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ވުލްވްސްގެ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ސިޓީން މޮޅަށް ކުޅެފައިވާއިރު އެ ޓީމުންވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ ކެވިން ޑިބްރޭނާއެވެ. ސިޓީގެ ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ފިލް ފޯޑެންއެވެ.

ދެ ލަނޑުގެ ލީޑަކާއިއެކު ދެވަނަ ހާފަށް ސީޓީއިން ނުކުމެފައިވާއިރު، ދެވަނަ ހާފުގައި އެ ޓީމަށް ވަނީ އުނދަގޫތަކާއި ކުރިމަތިވެފައެވެ. ދެވަނަ ހާފު ފަށައިގެން ވުލްވްސްއިން ވަނީ ޓީމު ކުރިއަށް ޖައްސައި ސިޓީގެ ގޯލަށް ނުރައްކާކޮށްފައެވެ. މިގޮތުން އެ ޓީމުގެ ސްޓްރައިކަރ ޕޮޑެންސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ލިބިގެން ގޮސްފައެވެ. ވުލްވްސްއިން މެޗުގައި އެ ޓީމުންޖެހި ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ޕޮޑެންސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފޯވާޑް ރައުލް ހިމެނޭޒެވެ. ވުލްވްސްއިން ލަނޑެއް ޖަހާ އުންމީދު އާކުރި ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ސިޓީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުން ތިން ޕޮއިންޓް ހޯދާފައެވެ. ސިޓީގެ ތިންވަނަ ލަނޑު ޑިބްރޭނާގެ އެހީއާއެކު ކާމިޔާބުކޮށްދިނީ ފޯވާޑް ގަބްރިއެލް ޖީސޫސްއެވެ.

ޕްރިމިއާ ލީގުގައި ހޯމަދު ދުވަހުގެ ރޭ އެސްޓަން ވިލާ އާއި ޝެފިލްޑް ޔުނައުޓެޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އެސްޓަން ވިލާއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގަ އެސްޓަން ވިލާއަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޑިފެންޑަރ އެޒްރި ކޮންސާއެވެ.