ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރުގެ ކަމާބެހޭ ޓީމަކުން ހަނިމާދޫ ކައުންސިލާއިއެކު މިއަދު މަޝްވަރާކޮށްފިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގައި ޝާމިލްވާ އިންޑިއާ ސަރުކާރާއި، ދިވެހި ސަރުކާރުގެ ޓީމެއް ހަނިމާދޫއަށް ދިޔައީ މިއަދުއެވެ.
މި ޓީމުގައި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ އޮފިޝަލަކާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކާއި، އިންޑިއާ އެއަރޕޯޓްސް އޮތޯރިޓީގެ ފަންނީ ބޭފުޅުން ހިމެނި ވަޑައި ގަންނަވައެވެ.
މި ޓީމުން މިއަދު ވަނީ ހަނިމާދޫ ކައުންސިލާއިއެކު ބައްދަލުވުމެއް ބާއްވާފައިއެވެ. މި ބައްދަލުވުމަކީ ތަޢާރަފް ވުމުގެ ގޮތުންނާއި، މި މަޝްރޫޢާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބުދުއްސަލާމް ޢަލީ ވިދާޅުވިއެވެ.
" އަޅުގަނޑުމެން ދެންނެވިން މި މަޝްރޫޢަކީ މިރަށާއި ސަރަޙައްދުގެ ރައްޔިތުންގެ ދުވަސްވީ ވަރަށް ބޮޑު އުންމީދެއް ކަމަށް، އަޅުގަނޑުމެން މަރުޙަބާ ކިޔަން މި މަޝްރޫޢުއަށް، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ދެންނެވިން" ސަލާމް ވިދާޅުވިއެވެ.
ސަލާމް ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވި ޓީމުން މަޢުލޫމާތު ހިއްސާ ކުރެއްވި ގޮތުގައި އެއަރޕޯޓުގެ މަސައްކަތަށް ބޭނުންވާ ޖާގައާއި، އިތުރު ކަންކަން އެނގިގެން ދާނީ އެކަމަށް ހެދޭ ސާވޭއަށް ފަހުގައި ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ސަރަޙައްދުގެ ތަރައްޤީއާއި، ވިޔަފާރިއާއި އަދި ފަތުރުވެރިކަމަށް ވަރަށް ބޮޑަށް މަގުފަހިވެގެން ދާނެ ކަމަށް އެ ބޭފުޅުން ފާހަގަ ކުރެއްވިކަމަށް ސަލާމް ވިދާޅުވިއެވެ.
" މީގެ ކުރިން މި އޮންނަނީ މަޝްރޫޢުތަށް ފެށުމަށް ކަޑަޖެހުން، ނުއެއްފެށޭ، އެހެން ނުވުމަށް އަޅުގަނޑުމެން އެދުނިން، އެ ބޭފުޅުން ޔަޤީންކަން ދެއްވި މިމަސައްކަތް ފުރިހަމަ ކުރާނެކަމަށް، ޚާއްޞަކޮށް މި މަސައްކަތާއި ގުޅިގެން ސަރަޙައްދުގައި 8000 ފަތުރުވެރިކަމުގެ އެނދު ތަރައްޤީ ކުރެވޭނެ މަގު ހުޅުވޭނެ ކަމަށް އިންޑިއަން ހައިކޮމިޝަންގެ އޮފިޝަލް ވިދާޅުވި" ސަލާމް ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ނިންމާފައި ވަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ދަށުންނެވެ. މިއަދު ހަނިމާދޫއަށް ގޮސްފައިވާ ޓީމަކީ މިކަމާއި ގުޅޭގޮތުން އިންޑިއަން އެގްޒިމް ބޭންކަށް ހުށަހަޅަންޖެހޭ ތަފްސީލީ ރިޕޯޓް ތައްޔާރު ކުރުމަށް ހަނިމާދޫއަށް ދިޔަ ޓީމެކެވެ.
އިންޑިއާ އާއި ރާއްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ މި ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރުމަށާއި، އައު ޓާމިނަލެއް އެޅުމަށް ވަނީ ނިންމާފައެވެ. އެ އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.
ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!