މާލެއަށް ބަރޯސާވުން ކުޑަކޮށް، އިޤްތިސާދު ލާމަރުކަޒު ކުރުމަށް ކާގޯ ފެރީ މުހިއްމު: މިނިސްޓަރ ނަހުލާ

Minister Nahula

މާލެއަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ އިޤްތިސާދީ ހަރަކާތްރައް ލާމަރުކަޒު ކުރުމަށް އަލަށް ފެށިގެން ދިޔަ ކާގޯ ފެރީގެ ޚިދުމަތް މުހިއްމުކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ ރާއްޖެއާއި އިންޑިޔާއާއި ދެމެދު ފެށިގެން ދިޔަ ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، އިންޑިއާގެ މިނިސްޓްރީ އޮފް ސްޓޭޓް ފޮރ ޝިޕިންގގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ބޭއްވި ވަރޗުއަލް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިގޮތަށް ވަކި ޤައުމަކުން ސީދާ އަތޮޅުތަކުގެ ރަށަކަށް މުދާ އެތެރެކޮށް ބޭރުކުރެވޭގޮތަށް ފެށި ފުރަތަމަ ޚިދުމަތް މި ފެށުނީ. އުންމީދަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް މިފަދަ އިޤްތިސާދީ ފަހިގޮތްތައް ހޯދައިދިނުން. މިއީ ސަރުކާރެ ލާމަރުކަޒީ ނިޒާމުގެ މަސައްކަތަށްވެސް ލިބުނު ބޮޑު ކުރިއެރުމެއް."

މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މި ފެށުނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން މުހިންމު މަސައްކަތެއްކަމަށެވެ. އެގޮތުން މާލެއަށް ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، އަތޮޅުތަކުގެ ރަށްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް ފަށާ މަސައްކަތެއްކަމަށެވެ. ޚާއްސަކޮށް އިޤްތިސާދީގޮތުން މުޅިން އާ ހަރުފަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. އަދި މިއީ ދެ ޤައުމުގެ ވިޔަފާރިގެ ގުޅުން އިތުރަށް ބަދަހިވެ، މެރިޓައިމް ދާއިރާ ފުޅާކުރުމަށްވެސް ހުޅުވިގެން ދިޔަ ދޮރެއްކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ފޮނުވުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ލިބޭނެކަމަށާއި އަދި އިންޑިއާ މެދުވެރިކޮށް ޔޫރަޕަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެކަމަށް އަދި ހެޔޮއަގުގައި މުދާ އެތެރެކުރުމާއި، އައު ވިޔަފާރިތައް އުފެދި މުޅި އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރު އިފްތިތާޙްކޮށްދެއްވީ އިންޑީއާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިންގ ސްރީ މަންސުޙް އެލް.މަންދަވިއާއެވެ. މި ރަސްމިއްޔާތު ދިވެހިރާއްޖޭގެ ފަރާތުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ބުނެފައިވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައި ރާއްޖެއައުމަށްޓަކައި އިންޑިއާގެ ސޫތުކުޅިން ފުރަތަމަ ފެރީ ފުރައިފިކަމަށެވެ. ސޫތުކުޅި އަދި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރުކުރާނީ ކުޅުދުއްފުއްޓަށެވެ. މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

މި މަސައްކަތް ފެއްޓެވުމަށް އިންޑިއާއިން ދެއްވި އެޙީތެރިކަމަށް ފާހަގަކުރައްވައި، މިނިސްޓަރ ނަހުލާ ވަނީ ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެ އާއި ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އިންޑިއާގ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.

އިންޑިއާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ. އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް އަންނަ ފުރަތަމަ ބޯޓަށް ރާއްޖެއަށް އާދެވޭނީ މިމަހުގެ 28ވަނަ ދުވަހުއެވެ. މި ބޯޓަކީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސް.ސީ.އައި)އިން އޮޕަރޭޓްކުރާ އެމް.ސީ.ޕީ ނަމަކަށްކިޔާ ކާގޯ ފެރީއެކެވެ.

މި ބޯޓުގައި 20ފޫޓު، 8ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެއެވެ. އެއީ 3000މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ. ކާގޯ ފެރީ މަހަކު ދެފަހަރު މުދާ ހިފައިގެން ރާއްޖެ އަންނާނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މި ބޯޓު އިންޑިއާއަށް ދިއުމާއި ރާއްޖެއަށް އަނބުރާ އައުމަށް ކުރާ ކޮންމެ ދަތުރުތަކަށް 10ދުވަސް ނުވަތަ 12 ދުވަސް ހޭދަވާނެކަމަށެވެ. އަދި މި އުޅަނދުގައި ވަނީ ފިނުކުރި މުދާ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި