ހއ. ޖޭއޭ މަނަފަރު ރިސޯޓުގައި މަސައްކަތްކުރާ ދިއްދޫގެ ގިނަ ޢަދަދެއްގެ މަސައްކަތްތެރީން ވަޒީފާއިން ވަކިކުރުން ބަލައި ނުގަނެވޭނެ ކަމަށާއި، އެކަމާއި އިންތިހާއަށް ކަންބޮޑުވެ ހިތާމަ ކުރާކަމަށް ހއ. ދިއްދޫ ކައުންސިލުން ބުނެފިއެވެ.

ދިއްދޫ ކައުންސިލުން މިގޮތަށް ބުނީ ޖޭއޭ މަނަވަރު ރިސޯޓްގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.

Ad
rt

އެ ނޫސްބަޔާނުގައި ދިއްދޫ ކައުންސިލުން ބުނެފައި ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޢާއްމު
މަސައްކަތްތަކާއި ޓޫރިޒަމް ސިނާޢަތުގެ މަސައްކަތްތައް ހުއްޓިފައިވާ ދުވަސްވަރެއްގައި ކުއްލިގޮތަކަށް ޖޭއޭ މަނަފަރު ރިސޯޓުގައި މަސައްކަތްކުރާ ދިއްދޫގެ ގިނަ ޢަދަދެއްގެ މަސައްކަތްތެރީން އެ މީހުންގެ ވަޒީފާއިން ވަކިކުރުން އެއީ އެ ކައުންސިލުން އެކަމާއި އިންތިހާއަށް ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމަށެވެ.

"ވަޒީފާ ގެއްލޭ ކޮންމެ ފަރާތަކީ ޢާއިލާ ބެލެހެއްޓުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ ފަރާތްތަކަކަށްވީއިރު، މި ފަދަ ގޮތަކަށް ވަޒީފާއިން ވަކިކޮށްލުމަކީ ގިނަ ޢާއިލާތަކެއް ނިކަމެތިވެ ޙާލުގައި ޖެހުމަށް މެދުވެރިވާނެ ސަބަބެއް ކަމުގައި މިކައުންސިލުން ދެކެމެވެ. ވުމާއެކު، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމަށް އެ އާޢިލާތަކާއި އެކު މި ކައުންސިލުން އަބަދުވެސް ތިބޭނެ ކަމުގައި ދަންނަވަމެވެ."

ދިއްދޫ ކައުންސިލުން ބުނެފައި ވެއެވެ.

ދިއްދޫ ކައުންސިލުން އިތުރަށް ބުނެފައި ވަނީ މި ދަނޑިވަޅުގައި މިފަދަ ގޮތަކަށް، ވަޒީފާތަކުން މުވައްޒަފުން ވަކިކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ވަޒީފާ ގެއްލިގެންދާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އަށާއި، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އަދި ޓޫރިޒަމް ކުރިއެރުވުމަށް އުފައްދަވާފައިވާ ޖަމްޢިއްޔާތަކަށް އެ ކައުންސިލުން އިލްތިމާސް ކުރާ ކަމަށެވެ.

ދިއްދޫ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ މަސައްކަތްތެރީންގެ ވަޒީފާތަކަށް ނުރަނގަޅު އަސަރެއް ކުރާނެ އެއްވެސް ކަމެއް ވަޒީފާ ދެއްވާ ފަރާތްތަކުން މި ދަނޑިވަޅުގައި ނުކުރުމަށް ގޮވާލައިފައެވެ.

މީގެ ކުރިން ހއ. ހޯރަފުށީ ކައުންސިލުން ވެސް ވަނީ މަނަފަރު ރިސޯޓުން ވަކިކުރި ހޯރަފުށީ ރައްޔިތުންނަށް އަލުން ވަޒީފާދިނުމަށް އެދި ނޫސްބަޔާނެއް ނެރެފައެވެ.