ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އިންޑިއާ ސަރުކާރާއި، ދިވެހި ސަރުކާރާއިއެކު މަޝްވަރާ ކޮށްފިއެވެ.

އިއްޔެ އޮންލައިންކޮށް މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު، މި މަޝްވަރާގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

Ad
rt

މިބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ސަންޖޭ ސުދީރު އާއި އިންޑިއާ ސަރުކާރުގެ އިތުރު ދެ އޮފިޝަލެކެވެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ އުތުރުގެ ތަރައްޤީއަށް ދިރުން ގެނުވާނެ، އިޤްތިޞާދީ މުހިންމު ހަރަކާތްތަކެއްގެ ފެށުމެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީއިން ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި މި މަޝްރޫޢުއަކީ ދެ ޤައުމުގެ ދޭދޭ ގުޅުމުގެ ބަދަހިކަމުގެ ރަމްޒެއް ގޮތުގައި ވެސް އެ މިނިސްޓްރީއިން ވަނީ ފާހަގަ ކުރަށްވާފައެވެ.

އިއްޔެ އޮތް އެ ބައްދަލުވުމަށްފަހު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އޮންލައިން ނޫސް "ރާއްޖެ އެމްވީ"އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވެފައި ވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އެ މަޝްރޫޢުގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ ހަ މަސް ދުވަސް ވެފައިވާ ކަމަށާއި، މި މަޝްރޫ ޢަކީ އިންޑިއާ ސަރުކާރުގެ ކްރެޑިޓް ލައިންގެ ތެރެއިން 54 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާގެ ބައިވެރިވުމާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަށަން ނިންމާފައި ވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކުރެއްވީ މިއަހަރު ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް އެދުވަހު މީޑިއާއަށް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރަށްވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެދުވަހު ކުރި ޓްވީޓެއްގައިވެސް ވަނީ އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަންޑު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާ އާއި ރައްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރަން ވަނީ ނިންމާފައެވެ. އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.