ހދ. ވައިކަރަދޫ، ފެނަކަ އަައު އޮފީސް އިމާރާތް ކުރުމާއި، ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ.
މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ހދ. ވައިކަރަދޫ ފެނަކަ އަައު އޮފީސް އިމާރާތް ކުރުމާއި ވަށާފާރު އަމިއްލަ ތަކެތީގައި ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ 15 - 17 ސެޕްޓެމްބަރ 2020 އަށް، އެދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށެވެ. އަދި މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚަކީ 24 ސެޕްޓެމްބަރ 2020ގެ މެންދުރުފަހު 14:00 އެވެ. މަޢުލޫމާތު ސާފު ކުރެއްވޭނީ އީމެއިލްގެ ޒަރިއްޔާއިން ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
މި މަސައްކަތަށް ކުރިމަތި ލުމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައި ވަނީ 28 ސެޕްޓެމްބަރ 2020ގެ ހެނދުނު 11:00 އެވެ. މި މި މަސައްކަތަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވަން ޖެހެނީ ފެނަކަ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށެވެ.
"ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ tender@fenaka.mv އަށެވެ." ފެނަކައިން ބުނެފައި ވެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެ ކަމަށް ފެނަކައިން ހާމަކުރަށްވައެވެ.
ވައިކަރަދޫގައި މިހާރުވެސް ފެނަކައިން ދަނީ ޒަމާނީ އައު އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފެނަކައިން އަތޮޅުތެރޭގައި ދެމުންދާ ޚިދުމަތް ފުރިހަމަކޮށް، ރަށްތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު އިންޖީނުގެތައް އިމާރާތް ކުރުމާއި، އައު އޮފީސްތައް އިމާރާތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި 2019 ވަނަ އަހަރުގެ އެކްސެލެންސް އިން ޔުޓިލިޓީ އެވޯޑް ފެނަކަ ވަނީ ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!