ޝުޖާޢު ޢަދުނާން ނިޔާވި ޚަބަރާއެކު ދިއްދޫއަށް ކުއްލި ސިހުމެއް!

Shujau Adnan

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ހއ ދިއްދޫ، އާސާމް، ޝުޖާޢު ޢަދުނާން ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ޝުޖާޢު ޢަދުނާން ނިޔާވެފައިވަނީ މިރޭ ވަގުތެއްގަ އެވެ. ދިއްދޫ ކައުންސިލުން ބުނެފައިވަނީ ޝުޖާޢު ޢަދުނާންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު ދިއްދޫ މަސްޖިދުލް ގުފްރާން، ހުކުރު މިސްކިތުގައި ކަމަށެވެ. ވީމާ ހެޔޮ އެދޭ ފަރާތްތަކުން އެމަރްޙޫމްގެ ކަށު ނަމާދުގައި ބައިވެރިވެ ދެއްވުމީ އާއިލާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ.

ޕޮލިސް ސާރޖެންޓް ޝުޖާޢު ޢަދުނާން (2100) ނިޔާވުމާއި ގުޅިގެން ފުލުހުންވެސްވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

އުމުރުން 36 އަހަރުގެ ޝުޖާޢު ޢަދުނާން ނިޔާވުމާއިއެކު ބްރޯޑްކޮމްގެ ކުރީގެ ނައިބްރައީސް މުޙައްމަދު އަސްލަމް އެއިނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ އަސަރުގަދަ ލިއުން ކޮޅެއް މަޢުލޫމާތައްޓަކައި ތިރީގައި ހިއްސާކޮށްލާނަމަވެ.

އެއީ މީގެ ދެތިން މަސް ކުރިއެވެ. އޯޓަމް ސެލޫނަށް ބޯކޮށަށް ދިޔައިރު މާބަނޑު އަންހެނަކު ކުޑަ ފިރިހެން ކުއްޖަކު ގޮވައިގެން ބޯ ކޮށަށް ގޮސް އިނެވެ. މި ރަށު ކުއްޖެއް ނޫންކަން ޔަގީން ވިޔަސް ކުރިން ދެކެފަރިތަ މޫނެކެވެ. އިރުކޮޅަކުން އެތަނަށް އައީ ޝުޖާޢު އެވެ. ޝުޖާޢު އައިސް ވާހަކަ ދައްކަން ފެށުމުން އެއީ ޝުޖާޢުގެ އަނބިމީހާ އާއި ދަރިފުޅު ކަން އެނގުނެވެ.

ޝުޖާޢު އާއި ބައްދަލު މިވީ އަހަރު ތަކަކަށް ފަހުގައެވެ. މިދިޔަ އަހަރު ޝުޖާޢުގެ ބޭބެ ނިޒާރު ކައިރީގައި ޝުޖާޢު ކޮބައިތޯ ސުވާލު ކުރުމުން ކޯހެއްގައި އިންޑިއާގައި އުޅޭ ވާހަކަ ބުންޏެވެ. އެހެންކަމުން ފުރަތަމަ ވެސް އަހާލެވުނީ ކޯސް ނިމުނީ ތޯއެވެ.

ޕަންޖާބުގައި ހުންނަ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީގެ އިންޖިނިއަރިންގ ޑިގްރީ ކޯހުގެ ފަހު އަހަރު ކަމަށް ބުންޏެވެ. ކޮވިޑުވަބާގެ ސަބަބުން ކޮލެޖު ބަންދު ކުރުމުން އާއިލާ ގޮވައިގެން ރަށަށް ބަދަލުވީ ކަމަށް ބުންޏެވެ.
އެންމެ ފަހުން ޝުޖާޢު އާއި ބައްދަލުވީ މީގެ ދެ ދުވަސް ކުރިން މިދިޔަ ބުރާސްފަތި ދުވަހު ހަވީރު 5:30 ހާއިރުއެވެ. ހޮސްޕިޓަލަން ވަންނަން ދިޔައިރު ޝުޖާޢު ހުރީ ހޮސްޕިޓަލް ގެ ކުރިމަތީގައި ހުންނަ ރިންގް ޝޮޕްގެ ދޮރުމަތީގައެވެ. އަންހެންނުން ވިހައިގެންތޯ އަހާލުމުން އާއެކޭ ބުންޏެވެ. 6:45 ގައި ކުލާހެއް އޮތުމުން އިތުރު ވާހަކައެއް ނުދައްކާ އަހަރެން ވަނީ ހޮސްޕިޓަލަށެވެ.

ޝުޖާޢު އަކީ ކުޑަ އިރުގެ ގާތް ހިތްހެޔޮ އެކުވެރި އެކެވެ. އަހަރެމެން ގެ އުމުރުން ގާތްގަނޑަކަށް ނުވަ އަހަރު ގައި ބައިސްކަލެއް ހުންނަނީ ވަރަށް މަދު ކުއްޖެއްގެ އެވެ. ބައެއް ގޭގެއިން ގަޑިއިރަކަށް 5 ރުފިޔާއަށް ބައިސްކަލް ކުއްޔަށް ދޫކުރިއެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް ޝުޖާޢު ގެ 28 އިންޗީގެ ބޮޑު ސިންގާ ބައިސްކަލް އަހަރެންނަށް ހިލޭ ދުއްވަން ދިނެވެ. ޝުޖާޢު އާއި ބައްދަލުވާ ކޮންމެ ފަހަރަކު ވެސް މަޑިމަތީގައި އިށީނުމުން ފައިނުފޯރާތީ ދަގަނޑު މަތީގައި އިށީނދެގެން ނުވަތަ ކޮޅަށް ހުރެގެން ސްކޫލް އިރުމަތީ ފަރާތު މަގުގައި ބައިސްކަލް ދުއްވައި، ކަހުވައި (ޑްރިފްޓްކޮށް) ސްޓަންޓް ހެދި ހަނދާންތައް އާ ވެއެވެ. ޝުޖާޢު ނިޔާވި ހިތާމަވެރި ޚަބަރު ލިބުނީ ކުއްލި ހައިރާން ކަމާއި އެކުގައެވެ.

މާތްﷲ ޝުޖާޢުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އެވެ. ޝުޖާޢުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި އެވެ. آمين
إنا لله وإنا إليه راجعون

 

އެއީ މީގެ ދެތިން މަސް ކުރިއެވެ. އޯޓަމް ސެލޫނަށް ބޯކޮށަށް ދިޔައިރު މާބަނޑު އަންހެނަކު ކުޑަ ފިރިހެން ކުއްޖަކު ގޮވައިގެން...

Posted by Muhammed Aslam on Sunday, September 13, 2020

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި