ހއ. އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ މެނޭޖަރު މުޙައްމަދު އަކްރަމް "ތިލަދުން"އަށް ވިދާޅުވީ އެ ހަތް މީހުންނަކީ ވެސް ހޯމް ކަރަންޓީނު ނިންމައި، ދޫކޮށްލުމުގެ ކުރިން ނެގުނު ސާމްޕްތަކުން ޕޮޒިޓިވްވި 7 މީހުން ކަމަށެވެ.
" ހޯމް ކަރަންޓީނުގައި ތިބުމުން އެއް ވެސް ޑައިރެކްޓް ކޮންޓެކްޓެއް ވެސް ނެތް، އެ މީހުންގެ ހާލު ވެސް ރަނގަޅު" އަކްރަމް ވިދާޅުވިއެވެ.
އިހަވަންދޫން ކުރިން ވެސް ވަނީ 5 މީހެއް ކޯވިޑަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަ ވެފައެވެ. އެ ފަހަރު ޕޮޒިޓިވްވީ އެރަށު ތަޚުތު ބޯޓުގެ ކޭހާއި، 242 ބޯޓުގެ ކޭހާއިގުޅިގެން ކޯވިޑަށް ޕޮޒިޓިވްވީ ފަސް މީހެކެވެ.
އިހަވަންދޫން ފުރަތަމަ ކޯވިޑުގެ ކޭހެއް ފެނިފައި ވަނީ މިއަހަރު ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ މާލެއިން ފުރައިގެން އިހަވަންދޫއަށް ދަތުރުކުރި ޓޫފޯޓޫ ބޯޓުގެ ކޭޝިއަރުގެ ފަރާތުން ކޯވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އޯގަސްޓް 1 ވަނަ ދުވަހުއެވެ.
އިހަވަންދޫއިން ކޯވިޑަށް ކުރިން ޕޮޒިޓިވްވީ 242 ބޯޓުގެ ކޭޝިއަރުގެ އިތުރުން އެ ބޯޓުގެ ކައްޕިއާއި، ތަޚުތު ބޯޓުގެ ދިވެހި ފަޅުވެރިއަކާއި އެ ބޯޓުގެ އިތުރު ދެ ބިދޭސީ ފަޅުވެރިޔެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!