މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލިޔުއްވި "ދެ ރަދުން" ފޮތް ނެރުމަށް ބޭއްވި ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަކަށް ދެކިވަޑައި ނުގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ރޭ ގެނެސްދިން "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އީސީގެ ރައީސް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ބައެއް ރެސްޓޯރަންޓުތަކުގައި އޮޓޯގްރާފް ދެއްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯތައް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ފިޔަވަޅު އަޅަން ބާރު ލިބެނީ ސިޔާސީ ހަރަކާތްތަކަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް ތި ވިދާޅުވިހެން ފެނިގެން ދިޔަ ބައެއް މަންޒަރުތަކުން ރައީސް ނަޝީދު ނެރުއްވި ފޮތް، ބައެއް ރެސްޓޯރަންޓުތަކުގައި އޮޓޯގްރާފް ނަންގަވަން އިށީނދެ ވަޑައިގެން އިންނެވި އިރުގައި ކައިރީގައި މީހަކު އައިސް ހުރި އެ މަންޒަރު، އެކަމަކު އެއީ ސިޔާސީ ހަރަކާތެއް ގޮތުގައި އަޅުގަނޑުމެން ނުބަލަން،" ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ ކަމަކާއިމެދު ކަންބޮޑުވާނެ އެއީ ސިޔާސީ ޕާޓީއަކުން އިންތިޒާމްކޮށްގެން ހިންގާ ހަރަކާތެއްގައި ދިވެހިރާއްޖޭގައި ހެދިފައި ހުންނަ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފުވާ ކަމަށް ވަންޏާ" ޝަރީފް އިތުރަށް ވިދާޅުވިއެވެ.
އެ ފޮތް ނެރުމަށް ކުރިއަށް ގެންދެވި އިވެންޓުގައި، ރައީސް ނަޝީދު މާސްކު ނާޅުއްވައި، އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންގައިވާ ގޮތަށް ތިން ފޫޓުގެ ދުރުމިން ބަހައްޓާފައި ނުވާކަމަށް ބުނެ، އެކަމާއި ކަމާބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އިދިކޮޅުންނާއި، ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ.
ހުސްވި އޯގަސްޓް މަހުގެ 28 ވަނަ ދުވަހު "ޕްރޮގްރެސިވް ކޯލިޝަން" ކުރިއަށް ގެންދިޔަ ސައިކަލް ބުރުގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން، އެ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީ ޕީޕީއެމް އަދި ޕީއެންސީ އިއްޔެވަނީ 75،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. މީގެ އިތުރުން ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ އާއި، ނައިބު ރައީސް އިބްރާޙީމް ޝުޖާއާއި، ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވެސް ވަނީ، ކޮންމެ ބޭފުޅަކު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!