އިންސާނީ އުއްމަތަށް ބޭނުންވާ އެންމެ މުހިއްމު އެއް ބަހާއަކީ އަމާންކަން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ހުޅުމާލޭގައި އިއްޔެ ހުޅުވި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އިންސާނީ އުއްމަތަށް ބޭނުންވާ އެންމެ މުހިއްމު އެއް ބަހާއަކީ އަމާންކަން ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ، ފުރަތަމަ ސިފައަކީ އިޤްޠިޞާދީ ފުދުންތެރިކަމާއި، ތަނަވަސްކަންކަމަށެވެ. އަދި ދެވަނަ ސިފައަކީ ފުދުންތެރިކަމާއި އަމާންކަންކަމަށެވެ. މިއަދުގެ ދުނިޔޭގައި އަމާންކަން ކަށަވަރުވަނީ ފުލުހުން ކުރާ މަސައްކަތުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ފުލުހުންނާމެދު ކުރާ އުއްމީދު ބޮޑުކަމަށާއި، ފުލުހުންގެ ވަޞީލަތްތައް ޤާއިމްކުރަން ސަރުކާރުން އިސްކަންދެއްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަމަންއަމާންކަމާއި، ރައްކާތެރިކަން ކަށަވަރުކޮށް ބިރުވެރިކަން ނައްތާލަން ކުރާ ފުލުހުން ކުރައްވާ މަސައްކަތް ބަލައިގަންނަވާ ކަމަށާއި، މިދިޔަ 17 މަސްދުވަހަށް ބަލާއިރު ލޭ އޮހޮރުވުމާއި، ތަޅާފޮޅުން މަދުވުމަކީވެސް އޭގެ ހެއްކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ތެރެއިން އެއްފަރުދަކު ނުވަތަ މަދު އަދަދެއްގެ ފުލުހުން ކޮޅެއް ކުރާކަމެއްގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައި ފުލުހުންނާމެދު ނުތަނަވަސްކަމާއި، ހިތްހަމަނުޖެހުން އުފެދިގެން ދިއުން އެއީ އެންމެން ހިތާމަކުރާ ކަމެއްކަމަށް ވިދާޅުވެ، އެފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށް ހުރިހާ ފުލުހުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

" އަޅުގަނޑުމެން އެދެނީ ފުލުހުންނަކީ ރައްޔިތުން އެދޭފަދަ ޚިދުމަތެއްކުރާ ރައްޔިތުންގެ ފުރިހަމަ ލޯތްބާއި، އިހުތިރާމް ލިބިގެންވާ ބަޔަކަށްވުން. " މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިިސިފަ ފުރިހަމަކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމަތް ހިމާޔަތްކުރުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސަރުކާރުން ފުލުހުންނާމެދު ވަރަށް މަތީ އުއްމީދުތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ޚިދުމަތް ފުރިހަމަކޮށް، ފުލުހުންނަށް ޤާއިމްކޮށްދޭންޖެހޭ ވަޞީލަތްތައް ޤާއިމްކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރަމުން ގެންދަވާކަމަށެވެ.