ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ އިނގިރޭސި ސީޒަން ހުޅުމުވުގެ ގޮތުން ކުޅުނު ކޮމިޔުނިޓީ ޝީލްޑް މެޗު އާސެނަލްއިން ކާމިޔާބު ކޮށްފިއެވެ.
ޕެނަލްޓީގައި އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަން އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފައިވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން ނަތީޖާނެރުމަށް ޖެހި ޕެނަލްޓޫ ޝޫޓްއައުޓްގައި ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެޓީމުން ޕެނަލްޓީގައި ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައިވަނީ 5-4 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އާސެނަލްއިންނެވެ. މި ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ އިތުބާރު ފޯވާޑު އޯބަމެޔަންއެވެ. އާސެނަލްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ 1-0 ގެ ނަތީޖާއިން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލު ކުޅުންވަރަށް ބޮޑަށް ރަނގަޅުކޮށް މުޅި އެ ހާފު އެ ޓީމުން ކޮންޓްރޯލް ކޮށްފައިވާއިރު ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއްވެސް ތަނަވަސް ކޮށްފައި ވެއެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖަޕާންގެ ފޯވާޑް ޓަކޫމީ މިނަމީނޯއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން އިތުރު ވަގުތު ނުކުޅެ ސީދާ ޕެނަލްޓީ ޖެހި މި މެޗުގައި، ޕެންލްޓީ ޝޫޓްއައުޓުގައި ލިވަޕޫލުގެ ފަސް ޕެނަލްޓީގެ ތެރެއިން މުހައްމަދު ސަލާހާއި ފަބީނިއޯ އާއި މިނަމީނޯ އަދި ކުރްޓިސް ޖޯންސް ޕެނަލްޓީ ކާމިޔާބުކުރި އެވެ. ނާކާމިޔާބުވީ ފަހު މިނެޓުގައި އެރުވި ޒުވާން ކުޅުންތެރިޔާ ރިއާން ބްރޫސްޓާ އަތުންނެވެ. އޭނާގެ ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އާސެނަލްގެ ފުރަތަމަ ހަތަރު ޕެނަލްޓީ ރީސް ނެލްސަން އާއި މެއިޓްލެންޑް-ނިލްސް އާއި ސެޑްރިކް ސޯރެސް އަދި ޑޭވިޑް ލުއިސް ކާމިޔާބުކޮށްފައި ވަނިކޮށް ފަހު ޕެނަލްޓީ ޖަހައި ތަށި ޔަގީންކޮށްދިނީ އޯބަމަޔަން އެވެ.
މިއީ ކޮމިއުނިޓީ ޝީލްޑް މެޗު އާސެނަލްއިން ކާމިޔާބު ކުރި 16 ވަނަ ފަހަރެވެ. މިއީ މިހާރު އާސެނަލްގެ ކޯޗުގެ މަޤާމު ފުރަމުން އަންނަ މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އެ ކްލަބުން ހޯދި ދެވަނަ ކާމިޔާބީއެވެ. އާސެނަލުން ވަނީ އާޓެޓާގެ އިރުޝާދުގެ ދަށުން މި ނިމުނު ސީޒަންގެ އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!