ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ހާދިސާގައި ލިބިފައިވާ ގެއްލުންތައް ބައްލަވާ ލައްވައިފިއެވެ.
މީގެ އިތުރުން ރައީސުލް ޖުމްޙޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވެސް ވަނީ ރޭ އެ ސަރަޙައްދަށް ވަޑައިގެން ފައެވެ.
ރައީސް ޞާލިޙް އެ ސަރަޙައްދަށް ވަޑައިގެން މި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ސާފު ކުރެއްވިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ރައީސް ޞާލިޙް ކުރެއްވި ޒިޔާރަތުގައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، އެ ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކުން ކުރައްވާފައިވާ ތައްޔާރީތަކުގެ މަޢުލޫމާތު ނޫސްވެރިންނާއި ވަނީ ޙިއްޞާ ކުރަށް ވާފައެވެ.
ހަމަމިއާއެކު، އެ ހާދިސާގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ އިތުރުން މި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ރައީސްގެ ވާހަކަ ފުޅުގައި ވަނީ ކޯވިޑްގެ މިހާލަތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުންގެންދާ އިރުޝާދުތަކަށް ބޯލެނބުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި، އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް މި ހާލަތުގައި ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް ވެސް އެ މަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
ނައިބު ރައީސް ފައިޞަލް ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގައި، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރޭ އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެ ސަރަޙައްދުގެ ހާލަތު ބައްލަވާ ލަށްވައި، އެ ހާދިސާގެ ސަބަބުން އެހީތެރިކަން ފޯރުކޮށް ދޭންޖެހޭ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމާގުޅޭ އިދާރާތަކުން ވެފައިވާ ތައްޔާރީތައް ބައްލަވާ ލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ ނައިބާއިއެކު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!