ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރަން ހަވާލުކޮށްފި އެވެ.

ހއ. ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

Ad
rt

ސޯޅަ މިލިއަން އެއް ލައްކަ ތިރީސް އެއް ހާސް ސާޅިސް ދެ ރުފިޔާ / ދެ ލާރި (16،131،042.02) އަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފަިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢުއަކީ 80 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.

ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހއ. ހޯރަފުށީގައި ތަރައްޤީކުރުމުންދާ އެއާޕޯޓުގައި ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް އެމްޓީސީސީ އިން އެރަށަށްވަނީ ގެންގޮސްފައެވެ. މި މަޝްރޫޢުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.

ކޯވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް އެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. ހޯރަފުށިގައި ތަރައްޤީކުރާ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދަން ނިންމާފައިވާއިރު، 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓު މަހު ވަނީ ނިމިފަ އެވެ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ 25 މާރިޗު 2019 ވަނަ ދުވަހުއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.