ސޯޝަލް މީޑިއާގެ ނުފޫޒަކީ މިއަދު ވަރަށް ވެސް ގަދަ ނުފޫޒެކެވެ. ކުރެވޭ ރަނގަޅު ފައިދާހުރި ކަންކަން ގިނަބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން ދާދިއުމުގެ ފައިދާ ސީދާ ގޮތުންނާއި ނުސީދާގޮތުން މުޖުތަމަޢަށް ކުރަމުންދާކަމީ މިއަދު ފެންނަމުންދާ ހަޤީޤަތެވެ.

ކޯވިޑް ބަލިމަޑުކަން އަޅުގަނޑުމެން ވަށާލުމުގެ ސަބަބުން ރިސޯޓުތައް ބަނދު ކުރުމާއި ގުޅިގެން ރިސޯޓުތަކުގައި ވަޒީފާގައި ތިބި ގިނަ ޒުވާނުން އެބައި މީހުންގެ އުފަން ރަށަށް އައިސް ގިނަދުވަސްތަކެއް ވަންދެން ތިބެން ޖެހުމުގެ ސަބަބުން އެ ޒުވާނުންގެ ވަގުތުތައް ބޭކާރު ކޮށްލުމުގެ ބަދަލުގައި އެ ވަގުތުތައް މުހިންމު ކަންކަމުގައި ހޭދަކުރާތަން ފެނުމަކީ އުފާކުރަން ޖެހޭ ކަމެކެވެ.

Ad
rt

ފާއިތުވެގެންދިޔަ ހަފްތާތަކުގެ ތެރޭގައި ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމް ތަކުގައި ގިނައަދަދަކަށް ފެނިގެން ދިޔަ އެއް މަންޒަރަކީ ރަށްރަށުގައި، އެ ރަށުގެ ކުދިބޮޑު އެންމެން ހިތްހަމަ ޖައްސައިލުމަށް ޓަކައި ތައްޔާރު ކުރެވި ހުޅުވިގެންދިޔަ ހިތްގައިމު އަތިރިމަތިތަކާއި ޕާކުތަކުގެ ފޮޓޯތަކެވެ.

މިކަމުން ހިތްވަރު ލިބިގަނެ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރުގެ ސްޕޯޓްސް ކުލަބްގެ ފަރާތުން އިސްނަގައިގެން، އެރަށުގައި ކުރިން އަޅާނުލެވި ދޫކޮށްލެވިފައި އޮތް ކަނޑޫފަލުގައި ހިތްފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ވަރަށް ފޯރިއާއެކު ދަނީ ކުރިއަށެވެ.

ކަނޑޫފަލެއްގައި ހިތްފަސޭހަ ކޮށްލުމަށް މައިޒާން ހަދައި އެތަން ބޭނުންތެރި ތަނަކަށް ހެދުމުގެ އެންމެ ބޮޑު މަޤުޞަދަކީ ޤުދުރަތީ މުއްސަނދިކަމުން ފުރިފައިވާ އެފަދަ ތަނަތަނަކީ މާ މުހިންމު ތަންތަން ނޫން ކަމުގައި ދެކެމުން އަންނަ ދެކުން، ނިމުން ގެނެސް އެ ފަދަ ތަންތަނަކީ ކިހާ މުހިންމު ކިހާ ބޭނުންތެރި ތަންތަން ކަމުގައި މީހުންނަށް ދައްކުވައި ދިނުމެވެ. މީގެއިތުރުން ރަށުގެ ކުދިބޮޑު އެންމެންގެ ހިތްހަމަ ޖައްސާލުމަށްޓަލައި މިފަދަތަނެއް ހުރުމަކީ މިހާރު ކޮންމެހެން ބޭނުންތެރިކަމެއް ގޮތުގައި އެ ޒުވާނުން ދެކެއެވެ. އަދި މިތަނަކީ ރަށަށް އަރާ ބީރައްޓެހިންނަށް ވެސް ހިތްހަމަ ޖެހުން ގެނުވާނެ ތަނެއްކަން އެ ޒުވާނުން ޔަޤީންކުރެއެވެ.

ކަނޑޫފަލުގައި ހަދަމުންދާ މައިޒާން ހެދުމުގައި މައިގަނޑު ގޮތެއްގައި ލަކުޑި ބޭނުންކޮށްފައިވާއިރު އެ ތަނުގައި ހަޓެއްހަދައި ހަޓަށް އަރާފޭބުމަށް ފާލަމެއް ވަނީ ތަރައްޤީ ކުރެވިފައެވެ. އަދި ކަނޑޫފަލުގެ ފެންގަނޑުގެ މަތިން އެއްފަރާތުން އަނެއްފަރާތަށް ދެވޭނޭހެން ކުޑަ ބުރިޖެއް ހެދިފައިވާއިރު އެސަރަހަށްދަށް ދެވެންއޮންނަ މަގު ވަނީ އެތަނަށް ފަސޭހަކަމާއި އެކު ދަތުރުކުރެވޭނޭހެން ރީތިކޮށް ސާފުކުރެވިފައެވެ.

ފާލަމާއި ހަޓުގެ އިތުރުން ބުރިޖުގެ މަތީގައި ތިބެ ތަނުގެ ރީތިކަން ފުރިހަމައަށް ބަލައިލުމުގެ ފުރުޞަތު ލިބޭނޭފަދަ ގޮތަކަށް ތަރައްޤީ ކުރަމުންއަންނަ މިތަނަށް ހިނގާ އެންމެހާ ޚަރަދުތައް ކުރަމުން އަންނަނީ ކުރެވި ޖަމްޢިއްޔާގެ ފަރާތުންނެވެ.

ކަނޑޫފާ ތަރައްޤީ ކުރުމަށް ކުރަމުންދާ މި މަސައްކަތުގެ 75 އިންސައްތަ މިހާރު ނިމިފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ކަނޑޫފަލުގެ ފެންގަނޑުގެ އަޑިއާއި އެ ސަރަހައްދު އެ ޒުވާނުންވަނީ ސާފުކޮށްފައެވެ. އެތަނުން ގިނައަދަދެއްގެ ކުންޏާއި ޕްލާސްޓިކް ނެގިފައިވާއިރު އެ ޒުވާނުންގެ އެދުމަކީ ކުރިއަށް އޮތްތަނުގައި އެތަނަށް ކުނިނޭޅުމެވެ. ހާއްޞަކޮށް ޕްލާސްޓިކުގެ އެއްވެސް ބާވަތެއް ކަނޑޫފާ ފެންގަނޑަށް ނޭޅުމަށް އެ ޒުވާނުން އެދިލައްވައެވެ.

އެތަނުގެ މަސައްކަތް ކުރިޔަށް ދާގޮތާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ކުރެވި ޖަމްޢިއްޔާގެ ރައީސް އަލީ ހުސެއިން ބުނެފައިވަނީ މި މަސައްކަތަށް ރަށުގެ ޒުވާނުންގެ އިތުރުން ހަރުފުރާގެ މީހުންގެ ފަރާތުންނާއި ކަނބަލުންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. އާންމުކޮށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ފަށަނީ ހެނދުނު 8 ޖަހާއިރު ކަމަށާއި ބައެއް ދުވަސް ދުވަހު ރޭގަނޑު 9 ޖަހާންދެން ވެސް މަސައްކަތް ކުރިއަށް ގެންދާކަމަށެވެ. ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެތަން ނިންމާ ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފެށޭވަރު ވާނެކަމަށް އުންމީދު ކުރާކަމަށާއި، އަދި މި މަސައްކަތް ކުރިޔަށްދާ ވަގުތު ތަކުގައި ކެއުމާއި ސައި ހަމަޖައްސައި ދިނުންފަދަ އެހީތެރިކަން ރަށުގެ އެކިއެކި ފަރާތްތަކުން ލިބެމުން އަނަނަ ކަމަށެވެ. މި ހުރިހާ ފަރާތްތަކަށް އަލީ ހުސެއިންވަނީ ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

ޑޫފަލުގައި ހަދަމުންދާ ހިތްގައިމު މައިޒާނުގެ އިތުރުން ކުމުންދޫގެ ޒުވާނުން އިސްނަގައިގެން އެ ރަށުގެ ފުރިހަމަކަން ދައްކުވައި ދިނުމުގެ ގޮތުން މިހާރުވެސް ކުރަމުންދާ އިތުރު މަސައްކަތްތަކަށް ބަލައިލާއިރު، އުނދޯލތަކާއި ހަޓްތައް އަދި ބާބަކިޔު ގްރިލްތައް ހިމެނޭ ގޮތަށް މޫދަށް އެރިލާ ވައިޖައްސާލަން މީހުން އައިސް އުޅުމަށް ތަރައްޤި ކުރަމުންދާ ނެރުމަގު ހިތްފަސޭހަ މައިޒާނުގެ މަސައްކަތް ވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި ކުމުންދޫގެ ނަންބޯޑު ތައްޔާރު ކުރުމުގެ މަސައްކަތާއި ކުމުންދޫ ގާކޮޅޭ ކިޔުނު ސަރަހައްދުގައިވާ ފެންގަނޑަށްދާ މަގު ހެދުމުގެ މަސައްކަތުގައި ކުމުންދޫގެ ޒުވާނުންދަނީ ފޫހިކަމެއް ވަރުބަލި ކަމެއްނެތި މަސައްކަތް ކުރަމުންނެވެ.