ކޯވިޑް-19 ބަލީގައި ރާއްޖެއިން 62 އަހަރުގެ ބަންގްލަދޭޝް މީހަކު ނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިރޭ 8:02 ގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް16ގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 62 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 26 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
މިއީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ ކޯވިޑް ބަލީގައި ނިޔާވި ދެވަނަ މީހާ އެވެ. ރޭ މެންދަމު ވަނީ ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެފައެވެ.
ކޯވިޑް- 19 ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް އެޗްޕީއޭ އިން ވަނީ ކުރިން ބުނެފައެވެ.
އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 194 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 167 ދިވެހީންނާއި، 16 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 7 މީހަކާއި، ލަންކާ މީހަކާއި، ނޭޕާލް މިހަކާއި، ތައިލެންޑް މީހަކާއި އަދި އިޓަލީ މީހެކެވެ.
މިއަދު އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 191 މީހުންނެވެ. އަތޮޅުތެރެއިން ތިން މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ. މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!