ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %22 މަސައްކަތް ނިމިފައިވާ ކަމަށް، އެ މަޝްރޫޢޫގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ.
އެގޮތުން މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގެ %46 ވަނީ މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިން ހިއްކުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން 4,582 ސްކުއެއާ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 51.72 މިލިއަން ރުފިއާއަށް ހަވާލުކުރެވިފައިވާ މަޝްރޫޢު އެކެވެ. އަދި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ.
އެމްޓީސީސީއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 35 ރަށެއްގައި 48 މަޝްރޫޢެއް މިހާރުވެސް ހުއްޓުމެއްނެތި ހިނގަމުން އަންނަކަމަށާއި، އަލަށް 24 މަޝްރޫޢުއެއް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، (ސީއީއޯ) އާދަމް އާޒިމް ވަނީ މިމަހު 4 ވަނަ ދުވަހު ވިދާޅު ވެފައެވެ.
މި ބަލިމަޑުކަމުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފަށާފައިވާ އެންމެހާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި، މިގޮތުން ފާއިތުވެދިޔަ ކުއާޓާގައި 14 މަޝްރޫޢެއް ނިންމައި އިތުރު 8 މަޝްރޫޢެއް ފެށިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން ވެސް ވަނީ އެ ކުންފުނީގެ ދެވަނަ ކުއާޓަރ ތެރޭގައި 14 މަޝްރޫޢުއެއް ނިންމައި، އަދި 8 މަޝްރޫޢުއެއްގެ މަސައްކަތް މި ކުއާޓާގެ ތެރޭގައި ފަށާފައި ވާކަމަށް ބުނެފައެވެ. މި ގޮތުން ނިމުނު މަޝްރޫޢުތަކުގެ ތެރޭގައި ކ. ތިލަފުށި ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު، އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު، ގއ. ކަނޑުހުޅުދޫ އެއްގަމު ތޮށި ލުމުގެ މަޝްރޫޢު، . ބަނދަރު ހެދުމުގެ މަޝްރޫޢު، ގއ. ވިލިނގިލި އަދި ލ. ގަން އަދި ގދ. ތިނަދޫގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަޝްރޫޢު، ގދ. މާވަރުލު އެއަރޕޯޓު ޕެސެންޖަރ ޓަރމިނަލް ހެދުމުގެ މަޝްރޫޢު، ގދ. މާވަރުލު ބަނދަރު ހެދުމުގެ މަޝްރޫޢު އަދި އއ. ރަސްދޫ ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!