ޑޮލަރެއް 20 ރުފިޔާއަށް ގަންނާކަށް ނުލިބޭ ކަމަށާއި، އެމްއެމްއޭގެ ގަވަރުނަރު އިސްތިއުފާދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދު ﷲ ޖާބިރު ގޮވާލައްވައިފިއެވެ.
މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށް ވަމުން ޖާބިރު ވަނީ އިޤްތިޞާދެއް އެބަ އޮތްތޯ ސުވާލު އުފައްދަވާފައި އެވެ.
ސަރުކާރަށް ފާޑު ވިދާޅުވަމުން ޖާބިރު ވިދާޅުވީ އިޤްތިޞާދީ ގޮތުން ކަންކަން ތަރުތީބު ވެގެން އަންނައިރު އެއީ ލަވައަކަށް ވެގެން ނުވާނެ ކަމަށެވެ.
"އިޤްތިޞާދީ ގޮތުން ކަންކަން ތަރުތީބު ވެގެން އަންނައިރު އެއީ ލަވައަކަށް ވެގެން ނުވާނެ، އެމްއެމްއޭ ގަވަރުނަރު އިސްތިއުފާ ދޭން އެބަޖެހޭ، މިއަދު 20 ރުފިޔާއަށް ޑޮލަރު ގަންނާކަށް ނުލިބޭ، އިންޑިއާއިން 250 މިލިއަން ޑޮލަރު ހިފައިގެން އައިސް ވެރިންތައް ވަގަށް ނަގައިގެން ދިޔަ ވާހަކަ އެއޮތީ އޮޑިޓް ރިޕޯޓުގައި ލިޔެފައި"
ޖާބިރު ވިދާޅުވިއެވެ.
އެ މައްސަލާގެ ބަހުސްގައި ޖާބިރު ވަނީ އޭނާ މިއަދު މަޖިލިސްއަށް ހުށަ ހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލި މެމްބަރުން މަސްވެރިންނަށް ޖަވާބު ދާރީ ވާން ޖެހޭނެ ކަމަށް ވެސް ވިދާޅު ވެފައެވެ. އަދި ކަންވީގޮތް ކިޔައިދިނުމަށް އެމްއެމްއޭ ކަންމައްޗަށް މިއަދު ހަވީރު 4 ޖަހާއިރު ވަޑައިގަންނަވާނެ ކަމަށް ވެސް ޖާބިރު ވިދާޅު ވިއެވެ.
ދިވެހި މަސްވެރިން ބާނާ މަސް ކިރުމަށްފަހު ދުވަހުން ދުވަހަށް ފައިސާ ނުދީ މަސްވެރި އާއިލާތައް ބިކަވަމުންދާކަމަށް ވިދާޅުވެ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށް ފާސް ނުވުމުން އެ މައްސަލަ ވަނީ މަޖިލީހުން މިއަދު ބޭރުކޮށްލާފައި އެވެ. އެމައްސަލަ ބަލައިގަންނަން 19 ވޯޓު ބޭނުންވާއިރު، އެ މައްސަލަ ބަލައިގަންނަން ލިބުނީ 18 ވޯޓެވެ. ބަލައިގަންނަން ނުފެންނަކަމަށް 19 މެމްބަރަކު ވޯޓު ދެއްވިއެވެ.
ޑީއާރުޕީގެ ވެރިކަމެއްގައި 7 ރުފިޔާއަށް ޑޮލަރެއް ލިބޭނެކަމަށް ޖާބިރު ވަނީ ދެ ދުވަސް ކުރިން މަސްވެރިންގެ މާރުކެޓަށާއި ދަނޑުވެރިންގެ މާރުކެޓަށް ޒިޔާރާތްކޮށް އެފަރަތްތަކުގެ ކަންބޮޑުވުން އައްސަވާ އެސަރަހައްދުގައި ހުންނަވައިގެން އަޑުގަދަ ކުރާބޭނުން ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅު ވެފައެވެ.
މިހާރު ރާއްޖޭގައި ޑޮލަރެއްހުރީ 20 ރުފިޔާއަށްކަމެއް އަދި 30 ރުފިޔާއަށްކަމެއް ނޭންގޭކަމަށާއި މިކަމަކީ ވިޔަފާރިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމުގައި އެދުވަހު ދެއްކެވި ވާހަކާގައި ޖަބިރު ވިދާޅުވިއެވެ.
ޖާބިރަކީ ކާށިދޫ ދާއިރާގެ މެންބަރުގެ އިތުރުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު ވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!