ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް 2.8 މިލިއަން ޑޮލަރުގެ އަގު ހުރި ސާމާނުގެ އެހީއެއް ދީފި އެވެ.

މިއަދު ހުޅުމާލޭ ކޯސްޓްގާޑު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގެ އެހީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޮ ޔަނައި އެވެ.

Ad
rt

ޖަޕާނުން މިއަދު ހަދިޔާކުރި ސާމާނަކީ މެރިޓައިމް ޕޮލިއުޝަން ރެސްޕޯންސް ވަރުގަދަ ކުރުމަށް ބޭނުންވާނެ ސާމާނުގެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެހީގެ ގޮތުގައި ލިބުނު ސާމާނަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އާއި ޖަޕާނުގެ ސަރުކާރާ ދެމެދު ސޮއި ކުރި "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން ދިން އެހީ އެއް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިއަދު ހަވާލު ކުރި ސާމާނަކީ ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަކުގައި ފުރިހަމަ އަށް ބޭނުން ކުރެވޭނެ ތަކެތި ކަމަށް ދެކޭ ކަމަށް ވެސް ޖަޕާނު ސަރުކާރުން ބުނެފައި ވެއެވެ.

ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖެއަށް ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ޤައުމެއްކަން ފާހަގަ ކޮށްލެވެއެވެ. މި ގޮތުން މިފަހުން ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ބަލާއިރު، 128 މިލިއަން ޖަޕަނީސް ޔެން ނުވަތަ 19 މިލިއަން ރުފިޔާގެ އަގުހުރި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ 24 ދަރިވަރަކަށް ޖާޕަނު ސަރުކާރުގެ ޚަރަދުގައި ހަމަޖައްސައި ދިނުމުގެ އެއްބަސްވުމުގައި މި އޯގަސްޓް 5 ވަނަ ދުވަހު ވަނީ ސޮއިކޮށްފައި އެވެ.

މީގެ އިތުރުން މިއަހަރުގެ ޖޫން 7 ވަނަ ދުވަހު ވަނީ ރާއްޖެއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގަތުމަށް، ޖަޕާނު ސަރުކާރުން ރާއްޖެއަށް 86.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއަހަރުގެ މޭމަހުގެ 21 ވަަނަ ދުވަހުވެސް ޖަޕާނާއި ދިވެހި ސަރުކާރާއި ދެމެދު ވަނީ ބޮޑު އެހީގެ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. އެފަހަރު ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަންގެ ގާބިލްކަން އިތުރުކުރުމަށް ޖަޕާނު ސަރުކާރުން 68.7 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.