އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރަޖިސްޓަރީކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) މަޖިލިސްއަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

މޮސްޓާ ހުށަހެޅުއްވި މި ބިލުގައި ބުނެފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، ހަދާފައިވާ ގަވާއިދުގެ ދަށުން، އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރަޖިސްޓްރީ ކުރާ ގޮތަށް ގަވާއިދުގައި ބުނެފައިވުމުން ގަރާޖުތަކުގެ ވެރިފަރާތުން އޭގެ ނާޖާއިޒު ފައިދާ ނަގައި ބޮޑެތި އަދަދުން ގަރާޖު ފީގެ ނަމުގައި ނަގަމުންދާ ކަމަށެވެ.

Ad
rt

މީގެއިތުރުން ގަރާޖު ކުލީގެ ގޮތިގައި ކަމަށްބުނެ ގަރާޖުތަކުގެ ވެރިފަރާތުން ބޮޑެތި އަދަދުން ފައިސާ ނަގަމުންދާ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

" މި ބިލުގެ މަޤްޞަދަކީ ޤާނޫނު ނަންބަރު 5/2009 ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުހިންގަން ފެށިތާ 12 އަހަރު ވަމުންދާއިރު ޤާނޫނާ އެއްގޮތަށް އެއްގަމު ޢާންމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އެއްގަމު އުޅަނގުތައް އިންޝުއަރެންސް ކުރެވެމުން ދިޔަނަމަވެސް ހިނގާފައިވާ އެކްސިޑެންޓްތަކަށް އިންޝުއަރެންސް ލިބެމުން ނުދާއިރު ދިވެހި ރައްޔިތުންގެ އަތުން އަހަރަކު އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންސް ކުންފުނިތަކަށް ނަގަމުން ދިއުމާއި މިކަމުގެ ސަބަބުން ދިވެހި ސަރުކާރަށްވެސް އަދި ދިވެހި ރައްޔިތަކަށްވެސް އެއްވެސް މަންފާއެއް ލިބެމުންނުދާ ކަމެއް ޤާނޫނަކުން ރައްޔިތުންގެ މައްޗަށް ލާޒިމުކުރެވިފައި އޮތުމަކީ ބަލައިގަންނަން ދަތި އަދި ރައްޔިތުންނަށް ގެއްލުން ލިބޭކަމެއްކަމަށްވުމާއެކު ބަޔާންކުރެވުނު ޤާނޫނުގެ 69 ވަނަ މާއްދާއަކީ މިހާރުން މިހާރަށްވެސް އުވާލަންޖެހޭ މާއްދާއެއްކަމަށް ގިނަ ބަޔަކު ދެކޭތީއެވެ."

އެ ބިލު ހުށަހެޅުއްވި މަޤްޞަދުގެ ގޮތުގައި މޮސްޓާ ވިދާޅުވެފައި ވެއެވެ.

މޮސްޓާ ހުށަހެޅުއްވި ބިލުގައި އިތުރަށް ބުނެފައި ވަނީ ގަރާޖުތަކުގައި އޮންނަން ޖެހޭ ޖާގައަށްވުރެ އިތުރަށް ގިނަ އުޅަނދުތަކެއް ރެޖިސްޓްރީކުރަމުންދާ ކަމަށާއި މިފަދަ އަމަލުތައް ހުއްޓުވައި މޮނިޓާ ކުރެވޭތަން ނުފެންނަ ކަމަށެވެ.

މި ސަބަބުތަކަށްޓަކައި، އެކަމަށް ހައްލު ހޯދުމަށް ގާނޫނުގެ ދަށުން އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދު ރެޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރެޖިސްޓްރީކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި އެ ބިލްގައި ވެއެވެ.