ހއ. ކެލާ ސެއިޚް އިބްރާޙިމް ސްކޫލްގެ ކިޔެވުން ފެށުން އެއް ހަފުތާ ފަސްކޮށްފައި ވާކަމަށް އެ ސްކޫލުން ބުނެފިއެވެ.

އެ ސްކޫލުން އެކަން ހާމަކޮށްފައި ވަނީ މިއަދު ބެލެނިވެރިންގެ ސަމާލު ކަމަށް އެދި ނެރެފައިވާ ލިޔުމެއްގައި އެވެ.

Ad
rt

އެ ސްކޫލުން ބުނީ އެ ނިންމުން ނިންމީ ކޯވިޑް-19 އާއި ގުޅިގެން އެ ސްކޫލްގެ ގިނަ ޓީޗަރުންތަކެއް ހޯމް އައިސޮލޭޝަންގައި ތިބެން ޖެހުމާއި ގުޅިގެން، ކިޔަވައި ދިނުން ކުރިއަށް ގެންދިއުމުގައި ދަތިތަކާއި ކުރިމަތިވެފައި ވާތީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހުއްދަ އާއި އެކުގައި ކަމަށެވެ.

މިގޮތުން 2020 އޯގަސްޓް 9 އިން 13 އަށް އެ ސްކޫލްގެ ކިޔެވުން އެއް ހަފުތާއަށް ފަސް ކުރެވިފައިވާ ކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ. އަދި ދަރިވަރުން ސްކޫލަށް ހާޒިރުވާން ދެން ޖެހޭ ދުވަހަކީ އޯގަސްޓް މަހުގެ 16 ވަނަ ދުވަސް ކަމަށް ވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.

އެ ސްކޫލުން ބުނީ ސްކޫލްގެ ކިޔެވުން އެއް ހަފުތާއަށް މެދު ކަނޑާލި ނަމަވެސް ދަރިވަރުންގެ އޮންލައިން ކިލާސްތައް ޓައިމް ޓޭބަލް ކުރެވިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

ހއ. ކެލާއިން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ މާލެއާއި އެރަށާއި ދެމެދު ދަތުރުކުރާ އެރަށުގެ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. އޭނާ ޕޮޒިޓިވްވި ކަން އެނގިފައި ވަނީ ހުސްވި ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން ވަނީ އެ ބޯޓުން ދަތުރުކުރި އިތުރު 9 މީހުން ކޯވިޑަށް ޕޮޒިޓިވްވި ކަން ޖުލައި 30 ވަނަ ދުވަހު އެނގިފައެވެ.

ކެލާ ކައުންސިލުން މިއަދު ހާމ ކ ުރަށްވާފައިވާ ގޮތުގައި އެރަށު ސަވާރީ ބޯޓުގެ ފަޅުވެރިންނާއި ސީދާ ބައްދަލުވި 7 މީހެއްގެ ސާދަ ދުވަހު ކަރަންޓީނު ހަމަކޮށް، މިއަދު ވަނީ އެ މީހުން ކޯވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ.

މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ. މި ގޮތުން މިހާރު ވެސް ބައެއް ރިސޯޓްތައް ހިމެނޭ ހެން އަތޮޅު ތަކުގެ 12 ރަށެއްގައި ކޯވިޑްގެ ބަލި މީހުން ތިބި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،769 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 1996 މީހުން ތިބިއިރު، 129 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،745 މީހުންނެވެ.