ފަހުގެ ސިއްހަތު ޓެރެންޑް ތަކަށް ބަލައިލާނަމަ، ޑައިޓް ޑިޓޮކްސް އަކީ މިހާރު ގިނަބައެއްގެ ތެރޭގައި މަގުބޫލެ ކަމެކެވެ. ހަށިގަނޑު ހިއްކުމަށް ތަފާތު މޭވާ އަދި ތަރުކާރީގެ ޖޫސް ބޭނުންކުރުމާއި، ވަކި ވަގުތެއް ވަންދެން ނުކައި ހުރުމާއި، ނުވަތަ ހަށިގަނޑުގެ އެތެރެ ސާފުކޮށް ލުމަށް އެކިކަހަލަ ޑިޓޮކްސް ބޭނުން ކުރުން ވަނީ އާންމުވެފައެވެ.

މިފަދަ ތަފާތު ކަންކަމުގެ ސަބަބުން ބައެއްމީހުންގެ ހަށިގަނޑަށް ގެއްލުންވާ ފަހަރުވެސް އާދެއެވެ. ވަރުބަލިވުމާއި، ބޯއެނބުރުން އަދި ހަކުރު މާބޮޑަށް ދަށަށް ދިއުން މިއީ ބައެއް މީހުންނަށް މިފަދަ ޑިޓޮކްސްގެ ސަބަބުން ކުރިމަތީވާ ކަންތައްތަކެވެ.

Ad
rt

ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނަމުން އަންނަނީ މިފަދަ ގެއްލުމެއް ނުވާ ހަށިގަނޑަށް ފައިދާ ހުރި ޑިޓޮކްސް އެއް ހޯދިފައި ވާކަމަށެވެ. އެއީ ހަކުރު ބޭނުންކުރުން ހުއްޓާލުން ނުވަތަ "ސުގަރ ޑިޓޮކްސް"އެވެ. މި ޑިޓޮކްސްގެ އެހީގައި ހަކުރާ ދުރުވެލުމުން ހަށިގަނޑު ހިކުމާއި، ސިއްހަތު ރަގަޅުވުމާއި އަދި ހަންގަނޑު ރީތި ކޮށްދެއެވެ.

ހަކުރު ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ގެއްލުން

މައްޝޫރު ޑައިޓީޝަން އަދި " ދަ ސުގަރ ޑިޓޮކްސް- ލޫސް ދަ ޝުގަރ، ލޫސްދަ ވެއިޓް " ފޮތުގެ ލިއުންތެރިއެއް ކަމަށްވާ ބްރޫކް އެލްޕަރޓް ބުނެފައި ވަނީ ހަކުރަކީ އިންސާނާގެ ސިފަ ހުތުރު ކޮށްލާ އެއްޗެއްކަމަށެވެ. ހަކުރުގެ ސަބަބުން ހަށިގަނޑު ފަލަވެ އިންސާނާ އަވަހަށް މުސްކުޅިކޮށްލައެވެ. އަދި ބަރުދަން ލުއިނުވުމާއި، ހިތުގެ މައްސަލަތަކާއި، ހަމުގެ މައްސަލަތަކާއި، އުމުރަށް ވުރެން އަވަހަށް މުސްކުޅި ވުމަކީ ހަކުރުގެ ސަބަބުން ދިމާވާ ކަންތައްކަމުގައި ހޯދިފައި ވާކަމަށެވެ.

ހަކުރު ބޭނުންކުރުން ހުއްޓާލުން

ހަކުރު ބޭނުންކުރުން ހުއްޓާލުމަކީ ގިނަބަޔަކަށް އެހާ ފަސޭހަ ކަމެއްނޫނެވެ. ސަބަބަކީ ހަކުރަކީ ވެސް އެޑިކްޓްވާ އެެއްޗަކަށްވުމެވެ. ބައެއްފަހަރު ޑައިޓް ކުރާއިރުގައި ވެސް ބައެއް ކާނާއިން ނޭނގި ނަމަވެސް ހަކުރު ބޭނުން ކުރެވޭ ގޮތްވެއެވެ. އައިސްކްރީމް ފަދަ ފޮނިއެއްޗެހީގައި ޔަގީން ކަމާއިއެކު ހަކުރު އެކުލެވިގެން ވާކަން އެނގޭއިރު ބައެއް ސެލެޑް ޑްރެސިންގ، ޓޮމާތޯ ސޯސް އަދި ޕާން ފަދަ އެއްޗެއްސަކީ ފޮނިރަހަ ލާކަން ފާހަގަ ނުވިޔަސް ގިނައަދަދެއްގެ ހަކުރު އެކުލެވޭ އެއްޗެއްސެވެ. އެހެންކަމުން ޑައިޓް ކުރިނަމަ ވެސް ނޭގިވެސް ހަކުރު ބޭނުން ކުރެވެއެވެ.

ހަކުރުބޭނުންކުރުން ހުއްޓާލުމުން ވަނީ ކިހިނެއް؟

ހަކުރު ބޭނުންކުރަން ހުއްޓާލުމުން އިންސާނާގެ ބަރުދަން ލުއިވެ، ހަށިގަނޑަށް ލުއިކަމާއި ފަސޭހަކަން އިހުސާސްވެ ބޭރުފުށުންވެސް މީހާ ތާޒާ ވެލައެވެ. ހަށިގަނޑު މާބޮޑަށް ބަރުވެފައިވާ ކުޑަކުދިން ނަށްވެސް ހަކުރު ބޭނުން ކުރުން ހުއްޓާލުމުން ވަރަށް ފައިދާވެއެވެ.

ހަކުރު ޑިޓޮކްސް ފަށާނީ ކިހިނެއް

ހަކުރު ބޭނުންކުރަން ހުއްޓާލުމަށް ކުރުން އެންމެ މުހިންމު މަކީ 3 ދުވަސް ވަންދެން އެއްގޮތަކަށް ވެސް ފޮނިރަހަލާ އެއްޗެއް ބޭނުން ނުކުރުމެވެ. އޭގެތެރޭގައި ގުދުރަތީ ހަކުރުއެކުލެވޭ މޭވާ، ސްޓާރޗީ ތަރުކާރިވެސް ބޭނުންކުރުން ހުއްޓާލަން ޖެހެއެވެ. އަދި ކިރާއި ޗީޒްގެ ބާވަތްތަކާއި، ގޮވާމުގެ ބާވަތް ވެސް ހުއްޓާލުން ރަނގަޅެވެ. އަދި ހަކުރުން ދުރުވާން މަސައްކަތް ކުރާ ފުރަތަމަ 3 ދުވަހު ބޭނުން ކުރުން ރަނގަޅީ ތަރުކާރީ، ޕްރޮޓީން އަދި ސިއްހަތަށް ފައިދާހުރި ފެޓްސް އެކުލެވޭ ބާވަތްތަކުގެ ކެއުމެވެ.

ހަކުރު ޑިޓޮކްސްގައި ކެއުން ބަހަށްޓަންވީގޮތުގެ މިސާލެއް

ހެންދުނު ސަޔަށް 3 ބިސް، މެންދުރު ކެއުމަށް 6 އައުންސް ޗިކަން ބްރެސްޓް ނުވަތަ މަހާއިއެކު ފެހި ސެލެޑެއް، އަދި ރޭގަނޑުގެ ކެއުމަށް ބްރޯކަލީ، ކޭލް ސްޕިނެޗް އާއި އެކު ފެނުކެއްކި ތަރުކާރިއާއި މަސް ނުވަތަ ކުކުޅު ކޮޅެއް ކެވިދާނެއެވެ. އަދި ކާ ގަޑިތަކުގެ އިތުރު ގަޑި ތަކުގައި ބަނޑުހައި ވެއްޖެނަމަ އައުންސެއް ހުންނަހާ ނަޓުކޮޅެއް، ނުވަތަ ގްރީން ޕެޕަރއާއި އެކު ހަމުސް ބޭނުން ކުރެވިދާނެއެވެ. ބުއިމަކަށް ބޭނުންކުރަންވާނީ ފެން، ހަކުރު ނާޅާ ސައި އަދި ކަޅުކޮފީއެވެ.

އާޓިފިޝަލް ހަކުރު ބޭނުން ކުރީމައި ވަނީ ކިހިނެއް؟

ޕެކެޓްގައި ބަންދު ކޮށްފައި ހުންނަ ތަފާތު އާޓިފިޝަލް ހަކުރު ބޭނުން ކުރުމުން ހަށިގަނޑުގައި ފެޓް ރައްކާކުރެވޭ ޢަދަދު އިތުރުވެއެވެ. އަދި ހަށިގަނޑު ބަރުހެލި ވާގޮތްވެއެވެ. އަދި ހަށިގަނޑުގައި ބޭނުންވާ ވަރަށް ވުރެން ގިނަ ހަކަތަ ރައްކާ ކުރެވޭގޮތް ވުމުން ފަހުން ގިނައިން ކާން ބޭނުންވާގޮތް މެދުވެރިވެއެވެ.

ހަކުރު ޑިޓޮކްސް ގެ ފުރަތަމަ 3 ދުވަސް ނިމުމުން ހަދަންވީގޮތް

ހަކުރު ޑިޓޮކްސްގެ ފުރަތަމަ 3 ދުވަސް ނިމުމުން އާފަލެއް ކާލެވިދާނެއެވެ. އަދި 4 ވަނަދުވަހު ގުދުރަތީ ހަކުރު އެކުލެވޭ ފުރުޓެއް ބޭނުން ކޮށްލުމުން، ކުރިން ކައިއުޅުނު ފޮނި ކާއެއްޗެއް ކާލާހާ މީރު ރަހަ އެއިން ލިއްބައި ދެއެވެ. 4 ވަނަ ދުވަހުން ފެށިގެން ކެއުމުގައި ކޮންމެ ދުވަހަކު 1 އާފަލު އަދި ޔޯގަޓް ނުވަތަ ޗީޒް ބޭނުން ކުރެވިދާނެއެވެ.

މިގޮތަށް ބޭނުން ކުރާ ޔޯގަޓް އަދި ޗީޒް ވާން ޖެހޭނީ ފުލްފެޓް އެކުލެވޭ ހަކުރު ނުހުންނަ އެއްޗަކަށެވެ. އެލޕަރޓް ބުނެފައި ވާގޮތުގައި ފެޓް، ފައިބަރ އަދި ޕްރޮޓީންއަކީ ހަށިގަނޑުގައި ހަކުރު ރަައްކާކުރާ މިންވަރު ދައްކޮށްދޭ އެއްޗެކެވެ. އެހެންކަމުން ކިރުގެ ބާވަތްތަކުގެ ގޮތުގައި ލޯފެޓް ބޭނުން ކުރާނަމަ ހަކުރު ހަށިގަނޑުގައި ރައްކާ ކުރާ މިންވަރު އިތުރުވެއެވެ.

މިގޮތަށް ގޮސް ކޮންމެ ހަފްތާއަކު ކެއުމަށް އާ ބާވަތްތަކުގެ ތަރުކާރީ ބޭނުން ކުރެވިދާނެއެވެ. އަދި 4 ވަނަ ހަފްތާގައި ސޭންޑްވިޗް އަދި ބަތްފަދަ އެއްޗެއް ކާލެވިދާނެއެވެ. ހަކުރު ބޭނުން ނުކުރާތާ މަހެއްވާއިރު ހަށިގަނޑު ހުންނާނީ އެކަމަށް ހޭނިފައެވެ. އޭރުން ހަފްތާއަކު 1 ނޫނީ 2 ފަހަރު އައިސްކްރީމް ކޮޅެއް ނުވަތަ ކޭކުކޮޅެއް ކަހަލަ ފޮނިއެއްޗެއް ބޭނުން ކޮށްލަން ބޭނުން ވިޔަސް ކެވިދާނެއެވެ. އޭރު ހުންނާނީ ކޮންމެ ދުވަހަކު އާދަވެ ހަކުރު ބޭނުންކުރުމާއި ދުރުވެފައެވެ.

ހަކުރު ޑިޓޮކްސްގެ ނަތީޖާ

މިގޮތަށް ހަކުރު ޑިޓޮކްސް ޓެސްޓު ކުރުމަށް ކުރި ރިސަރޗްގައި ތަފާތު ބަރުދަނުގެ 80 މީހުން ބޭނުން ކުރެވުނެވެ. އެއްމަސް ދުވަސްވީއިރު އެމީހުންގެ ބަރުދަން ލުއިވެ، ހަނގަނޑާއި ލޮލުގެ ފެނުން އަލިވިއެވެ. އަދި ވަރުބަލިކަން ފިލާ ހަށިގަނޑުގައި ހަކަތަޖެހި ތާޒާ ކަން ގެނުވައިދިނެވެ.

ހަކުރު ޑިޓޮކްސް ފެށުމުގައި ވިސްނަންވީ ކަމަކީ ކޮބާ؟

ހަކުރު އާދަވެ ބޭނުންކުރާ ފަރާތްތަކަށް މިފަދަ ޑިޓޮކްސްއިން ސިއްހީ މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކުއްލިއަކަށް ހަކުރު ބޭނުންކުރުން މެދުކަނޑާލައި ފުރަތަމަ 3 ދުވަހު ވަރުބަލިކަމާއި ކަންނެތްކަން އަދި ބޮލަށް ބަރުވުން ފަދަ ކަންކަން ކުރިމަތިވެއެވެ.

މިފަދަ ޑިޓޮކްސްއަކީ ހަކުރުބަލި ހުންނަ މީހުން، ދިގުމުއްދަތަށް ހަކުރުބައްޔަށް ބޭސް ބޭނުންކުރާ މީހުން އަދި މާބަނޑުމީހުން ކުރުން ރަނގަޅު ޑިޓޮކްސްއެއް ނޫންކަން ފާހަގަކުރަމެވެ. ކާމިޔާބުކާމާއިއެކު ސުގަރ ޑިޓޮކްސް ހެދުމަށް ޢާއިލާ އަދި އެކުވެރިންގެ އެއްބާރުލުން ހޯދުމުން މިކަން ކުރުމަށް ފަސޭހަވެއެވެ.