ހއ. އިހަވަންދޫ އިން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް ކަރަންޓީނަށްލުމަށްފަހު ރޭ ވަނީ ކަރަންޓީންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުވާލާފައެވެ. ރަށުގެ ކަރަންޓީނުގެ ހާލަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުވާލި ނަމަވެސް ކަރަންޓީންގެ ހާލަތާ ގުޅިގެން ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން އިހަވަންދޫ ކައުންސިލުން ވަނީ ނިންމަވާފައެވެ.
މި ގޮތުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނައިރު މާސްކް އެޅުމަށާއި، ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ނަމާދަށް މިސްކިތަށް ނުދިއުމަށާއި، މިސްކިތަށް ދާ މީހުން މާސްކާއި މުސައްލަ ބޭނުންކުރުމަށާއި، އިޖުތިމާއީ އާންމު އެއްވުންތަކާއި ކުޅިވަރު ހަރަކާތްތައް ނުބޭއްވުމަށާއި، އާންމު ޚިދުމަތްދޭ ތަންތަނުން ކަމާބެހޭ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކައުންސިލުން ރޭ ނެރުނު އެންގުމުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ކަރަންޓީންގެ ހާލަތު މިވަގުތު އުވާލާފައި ވާތީ އިހަވަންދޫއަށް ލަފާފުރުން މިހާރު ހުއްދަވެފައި ވިޔަސް، އެއްރަށުން އަނެއް ރަށަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދާ ހަމައަށްއިހަވަންދޫއިން 242 ބޯޓުގެ ކައްޕި އާއީ އެ ބޯޓްގެ ކޭޝިއަރު ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، ތަޚުތު ބޯޓުގެ ދިވެހި ފަޅުވެރިއަކާއި އެ ބޯޓުގެ އިތުރު ދެ ބިދޭސީ ފަޅުވެރިޔަކު ވެސް ވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!