ހދ. ނައިވާދޫގައި ހުރި 68 އަހަރުގެ މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ނައިވާދޫއިން ވާހަކަ ދެއްކި މީހަކު މަޢުލޫމާތުދެމުން ބުނެފައިވަނީ އެމީހާއަކީ މާލޭގައި ހުރުމަށްފަހު އެރަށަށްގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެއްކަމަށެވެ. އެމީހާއަކީ އެރަށު މީހެއްނޫން ކަމަށާއިއެއީ މާލެއަށް ނިސްބަތްވާ މީހެއްކަމަށް ބުނެފައިވެއެވެ.
އެމީހާ ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރުމުން ޓެސްޓު ކުރުމުންނެވެ.
އެޗްއީއޯސީން ބުނެފައިވަނީ ނައިވާދޫން ކޮވިޑް-19 އަށް ޕޮޒިޓިވެވެފައިވަނީ 68 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އަތޮޅު ތެރޭގައި ކޯވިޑް-19 އަށް ގިނައިން ޕޮސިޓީވްވަމުން ދަނީ ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ. އެހެންވެ އެޗްޕީއޭއިން ވަނީ ހޯމް ކަރަންޓީނަށް މީހުން ފޮނުވުމުމުގެ ފުރުސަތު ހަނިކޮށްފައި އެވެ.
މިހާރު ހޯމް ކަރަންޓީނަށް މާލެއިން ރަށްރަށަށް ދެވޭނީ ބޭސް ފަރުވާއަށް މާލެ އައިސް އެނބުރި ރަށަށް ދާން ބޭނުންވާ މީހުންނާއި އެނޫންވެސް ޒަރޫރީ ހާލަތެއް މެދުވެރިވެގެން ރަށަށް ދާން ޖެހޭ މީހުންނަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 4،680 މީހަކު ޕޮސިޓިވްވެފައިވާއިރު 2،725 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އަދި 19 މީހަކު ވަނީ މަރުވެފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!