ރ. އުނގޫފާރު ހޮސްޕިޓަލް އިން މާލެ ގެނައި ބަލި މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިންގއަށް ލައި، ޅ. އޮޅުވެލިފުށި ކަރަންޓީނު ކޮށްފިއެވެ.

އިއްޔެ އުނގޫފާރުން މާލެ ފޮނުވާލި އެ ބަލި މީހާއަކީ، އޮޅުވެލިފުށީ ސިއްހީ މަރުކާޒުގައި ފަރުވާދިނުމަށް ފަހު، މިދިޔަ މަހުގެ 29 ވަނަ ދުވަހު އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ.

Ad
rt

އެޗްޕީއޭ އިން އެ ދެރަށުގެ ކައުންސިލްތަކަށް އެޑްރެސް ކޮށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައި ވަނީ އެ ރަށުގައި ތިބި އެއްވެސް މީހަކު، އެ އިދާރާއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުން ވެސް އަދި އެހެން ބަޔަކު ރަށަށް އެރުން ވެސް މަނާ ކަމަށެވެ.

އެމީހާ ޕޮޒިޓިވްވި ކަން އެނގުނީ މާލެ ފޮނުވައި އައިޖީއެމްއެޗް ގައި ޓެސްޓް ހެދި ފަހުންނެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވެސް އެމީހާ ކޯވިޑަށް ޓެސްޓް ކޮށްފައި ވާއިރު، އެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ. އެމީހާއަކީ ދިވެއްސެކެވެ.

ކޯވިޑް ޕޮޒިޓިވް އެ ކޭހާ ގުޅިގެން އުނގޫފާރު ހޮސްޕިޓަލުގައި ބަލި މީހާ އާ ކޮންޓެކްޓުވި މީހުން ވަނީ ރެއިން ފެށިގެން ހޯމް ކަރަންޓީނަށް ފޮނުވާފަ އެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް އިތުރުވެ އަތޮޅުތަކުގެ ތެރެއިން ވެސް މިހާރު ދަނީ ކޭސްތައް ފެންނަމުންނެވެ.

އެޗްޕީއޭއިން މި ވަގުތު ކަރަންޓީނު ކޮށްފައިވާ ހަ ރަށަކީ ހދ. މަކުނުދޫ އައި ހދ. ފިނޭ އާއި ހދ. ނޮޅިވަރަމް އާއި ހއ. މާރަންދޫ އަދި ހއ. އިހަވަންދޫގެ އިތުރުން މިއަދު މޮނިޓަރިން އަށް ލީ ރ. އުނގޫފާރު އަދި ޅ. އޮޅުވެލި ފުއްޓެވެ.