ކޯވިޑް- 19 ބަލީގައި ދިވެއްސަކު މަރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 9:30 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިސީޔޫގައި އޮތް އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި މަރުވެފައި ވާ ކަމަށެވެ.

Ad
rt

މިއީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި 19 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ރެއާއި ހަމައަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،293 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 1490 މީހުން ތިބިއިރު، 92 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،670 މީހުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ.

މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ. މި ގޮތުން މިހާރު ވެސް ބައެއް ރިސޯޓްތައް ހިމެނޭ ހެން އަތޮޅު ތަކުގެ 12 ރަށެއްގައި ކޯވިޑްގެ ބަލި މީހުން ތިބި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ މަޢުލޫމާތަށް ބަލާއިރު އެރަށް ތަކަކީ ހއ. ކެލާ، ހއ. އިހަވަންދޫ، ނ. ސޮނެވާ ޖާނީ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ހިތާދޫ، ބ. ކަމަދޫ، ބ. ސީސައިޑް ފިނޮޅު، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ. މާފުށި އަދި ވ. ފުލިދޫއެވެ.

މީގެ އިތުރުން ރ. އުނފޫފާރު ރީޖަނަލް ހޮސްޕިޓަލުން މާލެ ގެނައި ބަލި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށާއި ޅ. އޮޅުވެލިފުށި މިއަދު ވަނީ ފުރަބަންދުކޮށްފަ އެވެ.