ހދ.ކުމުންދޫގައި ކުޑަކުދިން ގަޔާވާފަދަ ގިނަ ކުޅިވަރު ކުޅޭ ސާމާނު ހިމެނޭ ޒަމާނީފެންވަރުގެ ކުޑަކުދިންގެ ޕާކެއް ހުޅުވައިފިއެވެ.

މި ޕާކަކީ ކުމުންދޫ ކައުންސިލާއި މިނިސްޓްރީ އޮފް ހޯމް އެފެއާރޒް ގުޅިގެން ތަރައްޤީ ކޮށްފައިވާ ޕާކެކެވެ. މިޕާކު ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށާފައިވަނީ 31 ޖުލައި 2020 ވީ ހުކުރު ދުވަހުގެ (އަޟްހާ ޢީދު ދުވަހު) ހަވީރުއެވެ.

Ad
rt

މި ޕާކުތަރައްޤީ ކޮށްފައިވަނީ ކުމުންދޫގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރްހޫމް އައްބާސް އަލީ، އެރަށު މީހުންގެ ނަމުންނަމަ ސީދީބޭގެ މައިދާނުގައެވެ.

ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުޙައްމަދު "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މި ޕާކަކީ ކުމުންދޫގައި ކުޑަކުދިންނަށް ހާއްސަ ކުރެވިގެން ހުޅުވުނު ފުރަތަމަ ޕާކުކަމަށެވެ. މި ޕާކުގެ ވަށާފާރާއި ވޯކްވޭ ތަރައްޤީ ކުރެވިފައިވަނީ ހޯމްމިނިސްޓްރީގެ އެހީތެރިކަމާއެކުގައި ކަމަށެވެ. ނަމަވެސް ޕާކަށް ބޭނުންވާ ކުޅޭ ސާމާނާއި އެތަނުގެ ލައިޓިންގެ ހުރިހާ ޚަރަދެއް ކޮށްފައިވަނީ ކައުންސިލުގެ ބަޖެޓުންކަމަށެވެ.

އަމީން އިތުރަށް ވިދާޅުވީ މި މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލެވުމުގައި ގިނަގުނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ ކަމަށެވެ. ހޯމް މިނިސްޓްރީއާއި، ޕްރޮޖެކްޓްގެ ކޮންޓެރެކްޓަރ ޖޭޖޭ ޑިވެލޮޕިންގ ޕްރައިވެޓް ލިމިޓެޑާއި އަދި ޕާކަށް ބޭނުންވާ ކުޅިވަރުކުޅޭ ސާމާނު ގެނެސް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ބެސްޓް ބަޑީއާއި އަދި ރަށުގެ ރައްޔިތުން މިކަމުގައި ދެއްވި އެއްބާރުލުން ފާހަގަކޮށް ކައުންސިލު ނަމުގައި އަމީންވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.