އިހަވަންދޫގައި ކަރަންޓީނުގައި ތިބެންޖެހޭ ބަޔަކު ބޭރަށް ނުކުމެ އުޅޭތީ އާންމުންގެ ކަންބޮޑުވުން!

ހއ. އިހަވަންދޫގައި ކަރަންޓީނު ކޮށްފައި ތިބެންޖެހޭ ބަޔަކު އެޗްޕީއޭއިން ކަރަންޓީނު ކުރުމަށްފަހު ދޭ ލިޔުން ނުދޭކަމަށް ބުނެ ބޭރަށް ނުކުމެ އުޅެމުންދާތީވެ އެ ރަށުގެ އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

Ad
rt

އެރަށުން ވާހަކަ ދެއްކި މީހަކު މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މީހުންނަކީ ހއ.އިހަވަންދޫ މަސްދޯންޏެއް ކަމަށްވާ އަނދިރި އަނދިރިން ނަމަކަށް ކިޔާ ދޯނީގައި މަސްވެރިކަމުގައި އުޅުމަށްފަހު މާލެފަޅަށްވަދެ އެތަނުގައި އޮތުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެނބުރި އިހަވަންދޫއަށް އައި އެރަށުގެ މަސްވެރިންތަކެކެވެ.

މި ދޯނިން ދަތުރުކުރި ޖުމްލަ ފަނަރަ މީހުން އިހަވަންދޫއަށް އައުމާއެކު އެޗްޕީއޭގެ ލަފާގެމަތިން ކަރަންޓީނު ކުރެވިފައިވާކަމަށާއި ނަމަވެސް މިއަދާ ހިސާބަށް ވެސް ކަރަންޓީނު ކުރިކަމުގެ ލިޔުން ލިބިފައިނުވާކަމަށްވެއެވެ.

މި މީހުންގެ ތެރެއިން އެއްބަޔަކު ދޯނީގައި އަދި އެއްބަޔަކު ގޭގައި މިހާރު ކަރަންޓީނު ކުރެވިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެރަށުން ނަން ހާމަނުކުރުމަށް އެދި މަޢުލޫމާތު ހިއްސާކޮށްފައިވާ ފަރާތުން ބުނީ އެ މީހުންގެ ތެރެއިން ބައެއް މީހުން މާލެ ފޭބިކަން ކަށަވަރުވާ ކަމަށާއި، އަދި މިވަގުތު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ނުކުމެ މުޅި ރަށުގައި ނޫޅުނުކަމުގައި ވިޔަސް އެ މީހުން ކަރަންޓީނު ކުރެވިފައިވާ ސަރަހައްދު ތަކުން އެ މީހުން ބޭރުން ފެނިފައިވާ ކަމަށެވެ. ވުމާއެކު މިކަމުގައި އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.