ކޯވިޑް-19 އިން ދަސްވި ފިލާވަޅުތަކުން މަސައްކަތް ކުރުމަށް މިއަދު އެންމެން އެއްތާކަށް، އެއްވަގުތަކަށް ޖަމާވާން ކޮންމެހެން ނުޖެހޭ ކަން ދަސްވެއްޖެ ކަމަށާއި، ދެކެމުން އަންނަ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް މިއަދު ކުރާންވީ ކަމަކީ ތެދުވުން ކަމަށާއި އަދި ކެރުން ކަމަށް އިޤްތިޞާދު ދިރާސާ ކުރަށްވާ އާތިފް ޝުކޫރު ވިދާޅުވެއްޖެ އެވެ.
"އަލި ރަން މުތް" ފޭސްބުކް ޕޭޖުން ގެނެސްދެމުން ދާ ސިލްސިލާއެއް ކަމަށްވާ ދެމެހެއްޓެނިވި ލާމަރުކަޒީގެ ވާހަކަ ދައްކާލަމާގެ ހަތަރު ވަނަ އެޕިސޯޑުގައި "އާމްދަނީ ލިބޭނެ ފުރުޞަތުތައް އަތޮޅު ތެރޭގައި އުފެއްދުން" މިމައުލޫއަށް ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ދުނިޔޭގެ ތާރީޚަށް ބެލި ނަމަވެސް އަދި ރާއްޖެއަށް ބެލި ނަމަވެސް ފެންނަން އޮތް ހަޤީޤަތަކީ ކިތަންމެ ދަތި ހާލުގައި ވެސް އާމްދަނީ ލިބެން އޮތް ތަނަކަށް މީހުން ހިޖުރަ ކުރާނެ ކަން ކަމަށެވެ.
މިގޮތުން އާމްދަނީ ހޯދުމަށް ކިތަންމެ ނުރައްކާތެރި ހާލަތްތަކުގައިވެސް، ރަނގަޅު ނޫން އުޅަނދު ފަހަރުގައި ވެސް މީހުން ދަތުރު ކުރަމުން ދާނެ ކަމަށެވެ. މިހާރު ކަންކަން ރޭވިފައި ހުރިގޮތުން ފުރުޞަތުތައް ވެރިރަށުގައި އޮތުމުން އެތަނަށް މީހުން ޖަމާވުމުން، އެކަން ބަދަލު ކުރުމަށް ރޭވުންތެރި ކަމާއި އެކު، އަތޮޅުތަކުގައި ފުރުޞަތު އުފައްދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ ކޯވިޑުން ދަސްވި ފިލާވަޅުތަކަށް ބަލާއިރު، މިވަގުތު ދައުލަތުގެ އެތަށް ވަޒީފާތަކެއް އަތޮޅު ތަކަށް ބަދަލު ކުރެވިދާނެ ކަން އެނގިގެން ހިނގައްޖެ ކަމަށެވެ. އެންމެން އެއްތަނަކަށް، އެއް ވަގުތަކަށް ޖަމާވާން ނުޖެހޭކަން އަޅުގަނޑުމެން މިތިބީ ދަސްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ވަޒީފާގެ އިތުރުން އިތުރު އެތައް ގޮތްތަކަކުން އޮންލައިންކޮށް އާމްދަނީ ހޯދާނެ ގޮތް ވެސް މިއަދު ދަސްވެފައި ވާކަމަށް އާތިފް ވިދާޅުވިއެވެ.
" މިއަދު ކުރެވޭނެ ކަން ޔަޤީން ވެއްޖެ، މިއަދުވީ ފަށަން، މިއަދު ސުވާލު ކުރާކަށް ނުޖެހޭ ކުރެވިދާނެ ކަމެއްތޯ؟، މިއީ ކުރެވިދާނެ ކަމެއްކަން ޔަޤީންވެއްޖެ، އަޅުގަނޑުމެން ދައުލަތް ހިންގައިފިން އިންޓަރނެޓުން، އޮންލައިންކޮށް"
އާތިފް ވިދާޅުވިއެވެ.
ވަޒީފާތަށް އިތުރުވެގެން ދާނީ އާމްދަނީ ލިބޭނެ ގޮތްތައް އަތޮޅުތަކުގައި ފަހިވެގެން ދިއުމުން ކަން ފާހަގަ ކުރައްވަމުން އާތިފް ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރި ކަމަކީ، ރާއްޖެގައި އަލަށް ތައާރަފް ކުރި މަސައްކަތެއް ކަމަށެވެ. މިއަދު ސަރުކާރުގެ ކުންފުނި ތަކަށް މަސް ބޭރު ކުރުމުގެ ހުއްދަ ނެތުމަކީ އެހެން ކަމެއް ކަމަށާއި، މިއަދު މި ފެންނަނީ ޕްރައިވެޓް ކުންފުނިތަކުން އެ މަސްވެރިކަން އޯވަޓޭކް ކޮށްފައި ވާތަން ކަމަށެވެ. މިކަމުން ދައްކައި ދެނީ ދައުލަތުން ޖެހޭނީ މަގު ފަހިކޮށްދޭން ކަމަށާއި، އޭރުން ފުރުޞަތު ހުޅުވި، މަސައްކަތް ކުރެވޭނެ މަގު ފެނުނީމައި އަމިއްލަ ވިޔަފާރިވެރިން ވިޔަފާރި ފަށައި، ފުޅާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއްފަސް ކުރުމަކީ ހުރިހާ ޚިދުމަތެއް އެއް ފަސް ގަނޑަކުން ލިބުން ނޫން ކަމަށެވެ. އަސާސީ ދަތުރު ފަތުރުގެ ނިޒާމަކީ ކޮންމެ ޤައުމަކުންވެސް ސަރުކާރުގެ އަތެއް އޮވެގެން ހިންގާ ނިޒާމެއް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އެއްފަސް ކުރުމަކީ ރަނގަޅު ދަތުރު ފަތުރުގެ ނިޒާމަކުން ރީޖަންއެއް ގުޅުވާލުން ކަމަށެވެ.
އެ ގޮތުން އަތޮޅުތަކަށް ދިރުން ލިބޭނެ ގޮތުގެ މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ 2014 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު ހުވަދޫ އަތޮޅާއި، އައްޑޫ އަތޮޅާއި އަދި ފުވައްމުލަކުގައި އާބާދީ 50 ހާހުގައި ހުރި ކަމަށެވެ. އެ އަތޮޅުތައް ރަނގަޅު ދަތުރު ފަތުރުގެ ނެޓްވޯކްކަކުން ގުޅާލެއްވިޖެނަމަ ހުވަދޫގައި ހުންނަ ޑަކްޓަރަށް ހިތަދޫ ހޮސްޕިޓަލަށް ވަޒީފާއަށް ދެވޭނެ ކަމަށާއި، ފުވައްމުލަކުގައި ކިޔަވައިދޭ އައްޑޫ މީދޫ ޓީޗަރަށް ފޯއްމުލަކަށް ވެސް ދެވޭނެ ކަމަށެވެ.
ހުވަދޫ ކަނޑަކީ ޤުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ ކަނޑެއްކަން ފާހަގަ ކުރަށްވައި، އެ ފަދަ ވިއުގައަކުން ގުޅާލައި ޔުނިވަރސިޓީގެ ކެމްޕަސްތަކާއި، ސަރުކާރުގެ ބައެއް އޮފީސްތަކާއި މިހެން ގޮސް ބައެއް ޚިދުމަތްތައް އެ ސަރަހައްދަށް ދިއުމުން އިޤްތިޞާދަށް ދިރުން ލިބޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ ނަތީޖާއަކަށް ވެގެން ދާނީ ސައި ހޮޓާތަކާއި، ސެލޫން ތަކާއި، ޖިމް ތަކާއި މިހެންގޮސް އެތައް ކުދި ވިޔަފާރިއެއް އުފެދި ވަޒީފާތައް އުފެދިގެން ގޮސް އާމްދަނީ ލިބޭނެ މަގު ފަހިވުން ކަމަށް އޭނާ ވިދާޅުވިއެވެ.
" ރޭވުން ތެރިކަމާއި އެކު ވަޒީފާއާއި އާމްދަނީ އުފެދޭނެ ފުރުޞަތުތައް ގާއިމުކޮށް އެކަމަށް ހިތްވަރު ދިނީމައި އާމްދަނީ އާއި، ވަޒީފާ ލިބެން ހުރި ތަނަކަށް މީހުން ހިޖުރަ ކުރާނެ، އާމްދަނީ ލިބޭނެ ގޮތް ނެތި މީހުން ޖަމާކޮށްފިއްޔާ އުފެދޭނީ ކުށްތަކާއި ރަނގަޅު ނޫން ހަރަކާތްތައް، އާމްދަނީ ހޯދާނެ ގޮތާއި، ވަޒީފާ އަދާކޮށްގެން އޭނާގެ ޢާއިލާ ބެލެހެއްޓޭނެ ކަމާއި، އެ ވަޒީފާއިން ލިބޭ އެއްޗަކުން ޢާއިލާ ގޮވައިގެން އުޅެވޭނެ ކަމުގެ ޔަޤީންކަމާއި، އަދި އެ ވަޒީފާ އެތާ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ލިބުނީމައި މީހުން ހިޖުރަ ކުރާނެ"
އާތިފް ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ ވިސްނަންވީ ވަޒީފާތައް އުފެދޭނީ، އާމްދަނީ ލިބޭގޮތް މަގުފަހި ވާނީ ކިހިނެތް ކަންކަން ރޭވީމާތޯ ކަމަށެވެ. އަމިއްލަ ޒާތުގައި އެކަންކަން ނުއުފެދޭނެ ކަން ފާހަގަ ކުރަށްވަމުން، އެ ފަދަ ފުރުޞަތުތައް ޖެހޭނީ އުފައްދަންކަމަށް ވިދާޅުވިއެވެ.
މިސާލެއް ގޮތުން އޭނާ ފާހަގަކުރެއްވީ ދާދި ފަހުން އިމްޕޯޓް، އެކްސްޕޯޓް ޤާނޫނަށް ގެނައި އިސްލާހެވެ. އެ އިސްލާހްގެ ސަބަބުން އައްޑޫއާއި، ކުޅުދުއްފުށްޓަށް ބާލާ މުދަލުން 50 ޕަސެންޓް ލުއި ލިބޭކަން ފާހަގަ ކުރަށްވަމުން އޭނާ ވިދާޅުވީ މީގެ ކުރިންވެސް 30 ޕަސެންޓް ލުޔެއް ލިބޭ ކަމަށާއި، ނަމަވެސް އޭރު ކަންކުރެވެމުންއައީ ބޯޓުން މުދާ ބާލަނީ ޕޯޓުގައި އޮންނަ ދޯންޏަކަށް ކަމަށާއި، އެ ދޯނި މުދާ ހިފައިގެން ދެން އަންނާނީ މާލެއަށް ކަމަށެވެ. އެހެން ކަމުން އޭރު އެސަރަހައްދުތަކަށް އެކަމުން ލިބެންވާ ފައިދާ ނުލިބޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ނަމަވެސް މިފަހަރު ގެނެވުނު އިސްލާހުން އެރަށްތަކުގައި މުދާ ގުދަން ކުރަންޖެހޭ ގޮތަށް އޮތުމަކީ އެތަނަށް އިންސެންޓިވްލިބޭނެ ކަމެއް ކަމަށާއި، އެ އިސްލާހުގެ ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރިވެރިން ތިބޭނީ ބަލަން ކަމަށާއި، ވިޔަފާރިން ފައިދާ ލިބޭ ނަމަ އެމީހުން އެތަނަކަށް ގޮސް ވިޔަފާރި ކުރާނެ ކަމަށާއި، އޭގެ ސަބަބުން އާމްދަނީއާއި ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެން ދާނެ ކަމަށް އެނާ ފާހަގަ ކުރެއްވިއެވެ. މިފަދަ ފިޔަވަޅުތަކަކީ މިހާރު އެޅެމުން އަންނަ ވަރަށް ރަނގަޅު ފިޔަވަޅުތަކެއް ގޮތުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އާތިފްގެ ވާހަކާގައި ވަނީ އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން 1 މިލިއަން އަކަކިލޯ މީޓަރުގެ ތެރޭގައި އެތަކެއް އެތަކެއް ޤުދުރަތީ މުއްސަނދިކަމެއް ލަށްވާފައިވާކަންވެސް ފާހަގަ ކުރަށްވާފައެވެ. އެހެންކަމުން އެ މުއްސަނދިކަމުގެ ތެރެއިންވެސް މަސައްކަތްތައް ކުރެވޭނެ ގޮތްތަކަށްވެސް އޭނާގެ ވާހަކާގައި ވަނީ އަލި އަޅުވައި ލަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!