އިއްޔެ އަކީ ހދ. ނައިވާދޫ އަށް "ރާޅު ގުޑީގެ" ޢީދެއް އައި ދުވަހެކެވެ. ރަށުގެ ވަށައިގެން ރާޅު ގުޑިތައް " އުދުހެމުން" ދިޔަ މަންޒަރަކީ އެރަށުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި މަންޒަރެކެވެ.
އިއްޔެ ވަނީ ނައިވާދޫ ގައި ކުޅުދުއްފުށީ ސިޓީގެ ޓީމެއް ރާޅު ގުޑި އެރުވުމުގެ ހަރަކާތެއް ހިންގާފައެވެ. މި ހަރަކާތުގައި ވަނީ ޖުމްލަ 40 ޒުވާނުން ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 37 ޒުވާނުންގެ އިތުރުން ކ. މާފުއްޓަށް ނިސްބަތްވާ ޒުވާނަކާއި، ހދ. ހަނިމާދޫއަށް ނިސްބަތްވާ ޒުވާނަކާއި އަދި ނައިވާދޫއަށް ނިސްބަތްވާ ޒުވާނެކެވެ.

ނައިވާދޫ އަކީ ލޯކަލް ޓޫރިޒަމަށް މަރެއް ފަދަ ރަށެކެވެ. ރަށުގެ ސާފު މާހައުލާއި، ހުދު ދޮންވެލި ގޮނޑު ދޮށާއި، ބަލައި ފޫހި ނުވާނޭ މޫދާއި، ތުނޑިއާއި މިހެންގޮސް އެތައް ކަމަކުން ނައިވާދޫއަކީ ލޯކަލް ޓޫރިޒަމަށް ފައްކާ ރަށެއްކަން ދޭހަ ކޮށްދެއެވެ.
މިއަދު މި ޓީމުން ހިންގި ގުޑި އެރުވުމުގެ ހަރަކާތުން ވެސް ވަނީ ލޯކަލް ޓޫރިޒަމަށް ކަމުދާ މިންވަރު ދައްކުވައި ދީފައެވެ. އެ ޓީމުން ވަނީ ރަށް ވަށައިގެން ގުޑިއަރުވައި، އެ ރަށުގެ ރީތި ނަލަ ކަން ދެކިލައިފައެވެ.
ދުވަހަކީ މޫސުން އެންމެ ރީތި ދުވަހަކަށް ނުވިޔަސް މިހަރަކާތް ކާމިޔާބު ކަމާއި އެކު ނިންމާލާފައި ވަނީ ނައިވާދޫގެ ލޮބުވެތި ރައްޔިތުންނާއި، ޒުވާނުންގެ ވަރަށް ބޮޑު އެއްބާރު ލުމަކާއި އެކުގައެވެ.
ނައިވާދޫއަކީ އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ނައިވާދޫގެ ބަނދަރުން ރަށަށް ފައިބާ ހިސާބުންވެސް ރަށުގެ އަމާންކަން ހިތައް ސިފަވާން ފަށާނެއެވެ. ރަށުގެ ސާފުތާހިރުކަން ފެންނަން ފަށާނެއެވެ. މުޅި ބަނދަރު ސަރަޙައްދާއި، ރަށުގެ މަގުތަކުންވެސް އަދި ނަލަނަލަ ގޮނޑު ދޮށުންވެސް ފެނިގެންދާނީ ސާފުތާހިރުކަމެވެ. މުޅި ރަށުން ތަޖުރިބާ ކުރެވޭނީ އަމާންކަމެވެ. ރަށުގެ ރައްޔިތުންގެ ރިވެތި ޚުލުޤާއި، ސާފުތާހިރުކަމަށް ރަށުގެ އަމާންކަން އެއްވުމުން ރަށަކުން ހިތްތަކަށް ލިބިދެވޭނެ ހިތްއުފާކަން ލިބިދޭނެއެވެ.

އިޖުތިމާޢީ އެއްވެސް މައްސަލައެއްވެސް ނެތް މިރަށް އޮތީ މަސްތުވާތަކެތީގެ ވަބާއިންވެސް ސަލާމަތްވެ، މިޒަމާނުގައި ރާއްޖޭގައި މަދުން ނޫނީ ނުފެންނާނެ ފަދަ ރަށެއްގެ ގޮތުގައެވެ.
ޤުދުރަތީ ރީތި ގޮނޑުދޮށާއި ތުނޑި، ހިތްދަމައިގަންނަ ރުއްތަކެއް ރަށުގެ ސާފު ނަލަ ނަލަ ގޮނޑު ދޮށާއި، ރަށުގައި އޮންނަ ހިތްދަމައި ގަންނަ ރުއްގަނޑަކީ ދަތުރުވެރިންގެ ހިތަށް އަރާމު ލިއްބައިދޭނޭ ތަންތަންކަން ކަށަވަރެވެ. ރަށުގެ ތުނޑިއަކީ ވަކިން ހިތްދަމައިގަންނަ ތަނެކެވެ. ހުޅަނގު ފަރާތު ގޮނޑުދޮށް ވަށައިގެންވާ ވެށިން ފަތުރުވެރިންނާއި ދަތުރުވެރިންގެ ހިތްތައް ފުރާލަދޭނެއެވެ.
ނައިވާދޫއަކީ ލޯކަލް ޓޫރިޒަމް ވިޔަފާރި ފައްކާކުރުމަށް ދަތުރުވެރިންނަށް ހިތްހަމަ ޖެހުން ލިބިދޭނެ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރަށެއްކަމާމެދު ޝައްކެތްނެތެވެ. މިއީ، ހައްތަހާވެސް ލޯކަލް ޓޫރިޒަމަށް ނުވަތަ ގެސްޓުހައުސް ވިޔަފާރިއަށް އިންވެސްޓް ކުރުމަށާއި، ޗުއްޓީއަށް އެރަށަށް ޒިޔާރަތްކުރުމަށް އެންމެ މުހިންމުވާ ސަބަބުތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!