ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ވާޑް އިމާރާތް އެޅުމަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ފަށައިފިއެވެ.
އެމްޓީސީސީއިން މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ މި އިމާރާތުގެ ފުރަތަމަ ޝީޓު އެޅުމުގެ މަސައްކަތް އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ފެށޭނެކަމަށާއި މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 1 ޖޫން 2020 ގައިކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 30 އެނދުގެ ވާޑް އިމާރާތެއް (ދެ ބުރިއަށް)، އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭ އަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ މަރާމާތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 30,317,922.24 (ތިރީސް މިލިއަން ތިން ލައްކަ ސަތާރަ ހަސް ނުވަ ސަތޭކަ ބާވީސް ރުފިޔާ ސައުވީސް ލާރި) އަށް 6 މަސް ދުވަހުން ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މިމަސައްކަތް ނިމުމުން އެތެރެ ހުންނާނެ ގޮތުގެ ކުރެހުމެއްވެސް އެމްޓީސީސީއިން ވަނީ އާންމުކޮށްފައެވެ.

ހޮސްޕިޓަލުގައި އާ ވާރޑް އިމާރާތެއް އެޅުމަށް އެމްޓީޓީސީއާ ހަވާލުކުރުމުގެ ޕްރޮޖެކްޓްގައި ސޮއި ކުރެވުނީ 14 ނޮވެންބަރު 2019 ގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 17 މެއި 2020 ގައެވެ.
މި މަޝްރޫޢުއާއެކު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެއެވެ. ކޭއާރު އެޗްއަކީ އުތުރުގެ 3 އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!