ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ތިބި ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީން ބިދޭސީން ގޮވައިގެން، އެސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓެއް ސީދާ ބަންގްލަދޭޝަށް ދަތުރު ކޮށްފިއެވެ.
މި ފްލައިޓް ދަތުރު ކޮށްފައި ވަނީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށެވެ.
މި ފްލައިޓުން ވަނީ އައްޑޫ ސިޓީގައި ތިބި ބަންގްލަދޭޝްގެ 135 މީހަކު ފުރުވާލައި ފައެވެ. މި މީހުން ފުރުވާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭ އެހެން ސަރަޙައްދަކުން ސީދާ ރާއްޖެއިން ބޭރަށް ބިދޭސީން ގެން ދިޔަ ފުރަތަމަ ފަހަރެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގައި ނުޤަވާޢިދަށް އެޅޭ ބިދޭސީން ޤައުމަށް ފޮނުވާލުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނައިރު، ބިދޭސީންގެ ފަރާތުން ގިނަ މައްސަލަތަކެއް ފެންމަތިވެ، ހަމަނުޖެހުން ހިންގައި މުޒާހަރާތަށް ކުރަން ވަނީ ފަށާފައެވެ.
މިގޮތަށް އަމަލު ކުރަމުންދާ ބިދޭސީންގެ ޝަކުވާއަކީ މުސާރަ ނުދިނުމާއި، ހައްޤުތަކަށް އަރައިގަނެފައިވާ ކަމުގެ ޝަކުވާއެވެ. އެމީހުން ބުނާގޮތުން ހަމަނުޖެހުން ހިންގައި، ޤާނޫނާއި ޚިލާފު އަމަލުތައް ކުރެވިފައި ވަނީ އެތައް މަހެއްގެ މުސާރަ ނުލިބި، ގޮތް ހުސްވެގެން ކަމަށެވެ. ބިދޭސީން ދަނީ ޤައުމަށް ފޮނުވައި ދިނުމަށްވެސް އެދި މުޒާހަރާ ކުރަމުންނެވެ.
ބިދޭސީން ޤައުމަށް ފޮނުވާލުމަށް ސަރުކާރުން، ޤައުމީ އެއަރލައިން މޯލްޑިވިއަން މެދުވެރިކޮށް މީގެ ކުރިން ވަނީ ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓް (ވީއައިއޭ) އާއި ޑާކާ އާއި ދެމެދު 21 ފްލައިޓު ބާއްވައިފަ އެވެ.
ރެޕަޓްރިއޭޝަން ފްލައިޓުތަކުގައި މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ފުރުވާލާފައިވާއިރު، މީގެ ތެރޭ ގިނައިން ހިމެނެނީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. މީގެ އިތުރުން އެކި ސަބަބުތަކާ ހުރެ އެނބުރި ގައުމަށް ދިޔުމަށް ބޭނުންވާ މީހުންވެސް މި ފްލައިޓުތަކުގައި ދަނީ ފުރުވާލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!