•  
  •  
  •  
  •  
  •  
  •  
  •  

ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައި ހިމެނޭ “ފަޚުރުވެރި ޢާއިލާ،” މި ދާއިރާގެ ދަށުން ކުރިއަށްގެންދާ ބައެއް ކަންކަމާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ނައިބު ރައީސް ފައިޞަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު މި މަޝްވަރާ ބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. މިބައްދަލު ވުމުގައި “ފަޚުރުވެރި ޢާއިލާ،” މި ދާއިރާގައި ހިމެނޭ ކަންކަމުގެ ތެރެއިން، ތަފާތުކުރުންތައް ނައްތައިލުމާއި ހަވާސާވެފައިވާ އާބާދީތަކާއި ގުޅިގެން އިސްކަންދޭ ގިނަ ކަންތައްތަކަށް އަލިއަޅުއްވައިލެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި، ޢާއިލީ ދުޅަހެޔޮކަމާއި މުޅި މުޖަތަމަޢުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، ޢާއިލާ ރޭވުމާއި، ދަރިންނަށް ލިއްބައިދޭންޖެހޭ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް، އެ ކަންކަމާމެދު މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

“މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި ޢާއިލީ ގުޅުންތައް ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރުމުގައި ކަމާބެހޭ އިދާރާތަކާއި މަދަނީ ޖަމުޢިއްޔާ އަދި ޖަމާޢަތްތައް ގުޅިގެން މަސައްކަތްކުރަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.” ރައީސް އޮފީހުން ބުނެފައި ވެއެވެ.

އެ އޮފީހުން ބުނީ މިބައްދަލުވުމުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް ޢާއިލީ ދުޅަހެޔޮކަން އިތުރުކުރުމާއި، ޢާއިލާތައް ރޫޅުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް މަދުކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމުގައި މަދަނީ ޖަމުޢިއްޔާތަކުގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވިފައި ވާކަމަށެވެ.

މިބައްދަލު ވުމުގައި، ސަރުކާރުގެ ކަމާބެހޭ އެކި ވުޒާރާތަކުގެ ވަޒީރުންނާއި، ޢާއިލާއާއި ބެހޭ ކޯޓުގެ އިސްވެރިންގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

 

ޚިޔާލު

Your email address will not be published.

More in ރާއްޖެ